29 Jan 2017, 15:34
އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ވ. ރަކީދޫ ގެއެއްގެ ތެރެއިން ފެނުނު އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލްގެ މަރުގެެ މައްސަލާގައި އިހުމާލުވި ކަމަށް ބުނެ ދައުލަތުން އުފުލާފައިވާ ދައުވާ އަށް ދެ މީހަކު އިންކާރުކޮށްފި އެވެ.
ކުރީގެ ގާނޫނުލް އުގޫބާތުގެ 88 ވަނަ މައްދާގެ ދަށުން އުފުލާފައިވާ އަމުރަށްނުކިޔަމަންތެރިވުމުގެ އެ ދައުވާ އަށް މިއަދު އިންކާރު ކުރީ ޖެންޑާ މިނިސްޓްރީގެ މައްސަލަ ބަލާ ސެކްޝަންގައި އޭރު ސުޕަވައިޒަރަކަށް އުޅުނު ގއ. ދެއްވަދޫ، ނަސްރީނުގޭ މުހައްމަދު ރަޝީދު އާއި ހާދިސާ ހިނގި އިރު ވ. އަތޮޅު ފެމެލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރުގައި މަސައްކަތް ކުރި ގދ. ފިޔޯރީ ބޯޗްހެވަން އަހުމަދު ޝުޒާދު އެވެ.
އެ ދެ މީހުންގެ އިތުރުން ދެން ދައުވާ އުފުލާފައި ވަނީ ހާދިސާ ހިނގި އިރު ޖެންޑާ މިނިސްޓްރީގެ މަސައްސަލަތައް ބަލާ ސެކްޝަންގެ ވެރިޔަކަށް ހުންނެވި ފ. ފީއަލީ ގުލްއަލާމާގެ މުހައްމަދު ޝަކީބާއި ވ. އަތޮޅު ފެމެލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރުގައި ކުރިން މަސައްކަތް ކުރި ވ. ފެލިދޫ ނަލަހިޔާ އާމިނަތު ޝިޔާޒާ އާއި ހާދިސާ ހިނގި އިރު ފުލުހުންގެ ވ. އަތޮޅު ކޮމާންޑަރަކަށް ހުރި ބ. އޭދަފުށީ މާބަގީޗާގޭ ލިސާން އަބޫބަކުރުގެ މައްޗަށެވެ.
އިބްތިހާލްގެ މަރުގެ މައްސަލާގައި އިހުމާލުވި ކަމަށް ތުހުމަތުކޮށް ދައުވާ އުފުލާފައިވާ މުހައްމަދު ޝަކީބު މިއަދު ކޯޓުން ނުކުންނަވަނީ ---- ސަން ފޮޓޯ: ފަޔާޒު މޫސާ
މިއަދު އެންމެ ފުރަތަމަ ކުރިއަށްގެންގޮސްފައި ވަނީ މިހާރު ވެސް ދައުލަތުގެ މަގާމުގައި ތިއްބެވި ޝަކީބު އާއި ރަޝީދުގެ އަޑުއެހުމެވެ.
އެ ދެ މީހުންގެ މައްޗަށް ދައުވާ އިއްވަވަމުން ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތު ވިދާޅުވީ 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު އިބްތިހާލްގެ މަންމަ އާފިޔާ އެކުއްޖާ އަށް އަނިޔާކުރި މައްސަލަ ވ. އަތޮޅު ފެމެލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރަށް ހުށަހެޅިކަން އެނގި ހުރެ، އެބާވަތުގެ ކަމެއްގެ ޒިންމާ ނަގަން ޖެހޭ މަގާމެއްގައި ތިބެ އިބްތިހާލްގެ މަސްލަހަތު ހިމާޔަތްކޮށް ރައްކާތެރިކަން ކަށަވަރުކުރުމަށް އެހާލަތުގައި ކުރަން ޖެހޭ މަސައްކަތް ކުރުމުގައި އެ ދެ މީހުން އިހުމާލުވެފައިވާ ކަމަށެވެ.
ދައުވާއާ ގުޅޭ ގޮތުން ރަޝީދު ބުނީ ދައުވާ ސާފުވެއްޖެ ކަމަށާއި ދައުވާ އަށް އިންކާރު ކުރާ ކަމަށެވެ. ޝަކީބު ވިދާޅުވީ ދައުވާގައި ބުނެފައިވާ އެއްޗެއް ސާފު ކަމަށާއި ނަމަވެސް މައްސަލަ އިތުރަށް ކުރިއަށްގެންދަން ބޭނުން ވަނީ ގާނޫނީ ވަކީލަކާ އެކު ކަމަށެވެ.
ދެން މިއަދު ކުރިއަށް ގެންދިޔައީ ޝުޒާދު އާއި ޝިޔާޒާގެ އަޑުއެހުމެވެ. އެ ދެ މީހުންގެ މައްޗަށް ދައުވާ އިއްވަވަމުން ނިހާޔަތު ވިދާޅުވީ ޝުޒާދު އާއި ޝިޔާޒާ 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު އާފިޔާ އިބްތިހާލަށް އަނިޔާކުރިކަން އެނގި ހުރެ، އެ ދެ މީހުން ރަކީދޫގައި ހުންނަ އިބްތިހާލް ދިރިއުޅޭ ގެޔަށްގޮސް، އެ ކުއްޖާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފިޔަވަޅު ނާޅައި އިހުމާލުވެފައިވާ ކަމަށެވެ.
އިބްތިހާލްގެ މަރުގެ މައްސަލާގައި އިހުމާލުވި ކަމަށް ތުހުމަތުކޮށް ދައުވާ އުފުލާފައިވާ އަހުމަދު ޝުޒާދު މިއަދު ކޯޓުން ނުކުންނަނީ ---- ސަން ފޮޓޯ: ފަޔާޒު މޫސާ
ދައުވާ އަށް ޝުޒާދު އިންކާރު ކުރާކަން ފާހަގަކުރައްވައި އޭނާގެ ގާނޫނީ ވަކީލު އަބްދުﷲ ސައީދު ވިދާޅުވީ އިބްތިހާލްގެ ހާލު ބަލާލުމަށް ރަކީދުއަށް ޝުޒާދު ކުރި ދަތުރަކީ ޝިޔާޒާ ވިދާޅުވާ ކަމެއް ވިދާޅުވާ ގޮތަކަށް ކުރުމަށް ކޮށްފައިވާ ދަތުރެއް ކަމަށެވެ.
އިބްތިހާލަށް އަނިޔާކުރާ މައްސަލައާ ގުޅިގެން ޝިޔާޒާ އެ ކުއްޖާއާ ސުވާލުކުރީ ޝުޒާދުގެ ހާޒިރުގައި ކަމަށާއި އާފިޔާ ސުވާލުތަކަށް ޖަވާބު ނުދިނުމުން ފުލުހުންނަށް މައްސަލަ ހުށަހެޅީ ކަމަށެވެ.
ހާދިސާ ހިނގި އިރު ޝުޒާދު ހުރީ ޖެންޑާ މިނިސްޓްރީގެ ވަގުތީ މުވައްޒަފެއްގެ ގޮތުގައި ކަމަށާއި އެއިރު ވަޒީފާގެ އެއްބަސްވުމެއް ވެސް ނެތް ކަމަށް ވަކީލު ވިދާޅުވި އެވެ.
"ޝުޒާދުގެ ވަޒީފާގެ އެއްބަސްވުމެއް ހަދާފައެއް ނެތް. އެހެންކަމުން އޭނާގެ މަސްއޫލިއްޔަތަކީ ކޮބައިކަމެއް އެނގޭކަށް ނެތް،" ޝުޒާދުގެ ވަކީލު އަބްދުﷲ ސައީދު ވިދާޅުވި އެވެ.
ޝުޒާދަކީ އެ ދައުވާ އިން ބަރީއަވާ މީހެއް ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.
އެ ވާހަކަތަކަށް ރައްދުދެއްވަމުން ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް ނިހާޔަތު ވިދާޅުވީ ދައުވާގައި ބުނާކަންކަން ސާބިތުކުރަން ހެކި ހުށަހަޅާނެ ކަމަށާއި އެކި މީހުން އިހުމާލުވެފައި ވަނީ އެކި މިންވަރަށް ކަމަށެވެ.
އިބްތިހާލަށް އަނިޔާކުރި މައްސަލައާ ގުޅިގެން ރަކީދުއަށް ދިޔައީ ހަމައެކަނި ޝިޔާޒާ ވިދާޅުވެގެން ކަމަށް ޝުޒާދުގެ ވަކީލު ބުނާތީ ކަންބޮޑުވާ ކަމަށާއި 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހު އޭނާ ވަނީ އެސިސްޓެންޓް ކައުންސިލަރު ކަމަށް ބަދަލުކޮށްފައި ކަމަށް ނިހާޔަތު ވިދާޅުވި އެވެ.
އިބްތިހާލްގެ މަރުގެ މައްސަލާގައި އިހުމާލުވި ކަމަށް ތުހުމަތުކޮށް ދައުވާ އުފުލާފައިވާ އާމިނަތު ޝިޔާޒާ މިއަދު ކޯޓުން ނުކުންނަނީ ---- ސަން ފޮޓޯ: ފަޔާޒު މޫސާ
މާލޭގައި ތިއްބެވި ޖެންޑާ މިނިސްޓްރީގެ ބޭފުޅުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގައި ޝުޒާދު ހަރަކާތްތެރިވެފައިވާ ކަމަށް ވެސް ނިހާޔަތު ވިދާޅުވި އެވެ.
ދައުވާއާ ގުޅޭ ގޮތުން ޝިޔާޒާ ބުނީ މައްސަލަ ކުރިއަށްގެންދަން ބޭނުންވަނީ ގާނޫނީ ވަކީލަކާ އެކު ކަމަށެވެ.
ވ. އަތޮޅުގެ ކުރީގެ ޕޮލިސް ކޮމާންޑަރު ލިސާންގެ މައްޗަށް ދައުވާ އިއްވަވަމުން ނިހާޔަތު ވިދާޅުވީ އިބްތިހާލަށް އޭނާގެ މަންމަ އަނިޔާކުރާ މައްސަލަ 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅުމުން ވެސް އެ މައްސަލަ ތަހުގީގު ކުރުމުގެ މަސައްކަތާއި އިބްތިހާލްގެ މަސްލަހަތު ހިމާޔަތްކޮށް ރައްކާތެރިކުރުމަށް އެ ހާލަތުގައި ކުރަން ޖެހޭ މަސައްކަތް ކުރުމުގައި އޭނާ އިހުމާލުވެފައިވާ ކަމަށެވެ.
އިބްތިހާލްގެ މަރުގެ މައްސަލާގައި އިހުމާލުވި ކަމަށް ތުހުމަތުކޮށް ދައުވާ އުފުލާފައިވާ ލިސާން އަބޫބަކުރު މިއަދު ކޯޓުން ނުކުންނަނީ ---- ސަން ފޮޓޯ: ފަޔާޒު މޫސާ
ލިސާންގެ އެދުމުގެ މަތިން އޭނާ އަށް ވެސް ވަނީ ވަކީލަކު ހަމަޖައްސަން ފުރުސަތުދީފަ އެވެ.
ދެން ބާއްވާ އަޑުއެހުމެއްގައި އޮންނާނީ އަލަށް ވަކީލުން ހަމަޖައްސާ މީހުން ދައުވާ އަށް ޖަވާބުދާރީވުމެވެ. އެއަށް ފަހު ދެ ފަރާތަށް ވެސް ހެކި ހުށަހެޅުމަށް ފުރުސަތު ދެއްވާނެ ކަމަަށް އެ މައްސަލަ ބައްލަވާ ގާޒީ އަހުމަދު ޝަކީލް ވިދާޅުވި އެވެ.