އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިމިގްރޭޝަންގެ ދަށުން ބިކަވި ރެފިއުޖީން ކެނެޑާއަށް އައުމަށް އެގައުމުގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ދައުވަތު އަރުވައިފިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ ހަފްތާގައި ވަނީ ހަތް ގައުމެއްގެ ރެފިއުޖީން އެގައުމަށް ވަނުން، ތިން މަސް ދުވަހަށް މަނާކޮށްފައެވެ. އަދި އިއްޔެ ޓްރަމްޕް ވަނީ، އެމެރިކާއަށް ސީރިއާގެ ރެފިއުޖީން ވަނުންވެސް މަނާކޮށްފައެވެ.

'ހައްދުފަހަނައަޅާފައިވާ އިސްލާމީ ޓެރަރިސްޓުން އެމެރިކާއަށް ނުވެއްދުމަށްޓަކައި' ރައީސް ޓްރަމްޕް އިއްޔެ ސޮއި ކުރެއްވި ރިޔާސީ އަމުރެއްގައި، ވަކި މުއްދަތެއް ނެތް ގޮތަށް ސީރިއާގެ ރެފިއުޖީން އެގައުމަށް ދިޔުން މަނާ ކުރުމުގެ އިތުރުން ހަތަރު މަސް ވަންދެން އެމެރިކާގެ ރެފިއުޖީ ޕްރޮގްރާމް ހުއްޓާލުމަށް އަމުރުކުރެެއްވިއެވެ.

މިކަމާ ގުޅިގެން، ޓެރަރިޒަމާއި އެހެނިހެން ހަމަނުޖެހުންތަކުން ދުރުވުމަށް މަސައްކަތްކޮށް، އެމެރިކާއަށް ރެފިއުޖީންގެ ގޮތުގައި ދާން ތައްޔާރުވެގެން ތިބި ގިނަ އަދަދެއްގެ ބަޔަކު ވަނީ ބިކަވެފައެވެ. އެމެރިކާގެ އިމިގްރޭޝަންގެ އާ ސިޔާސަތާ އެއްގޮތަށް، އެ ސިޔާސަތުގެ ދަށުން އެމެރިކާއަށް ވަނުން މަނާ ފަރާތްތައް އެމެރިކާއަށް ގެންގޮސްދިނުން، އެއާލައިންތަކުން ވެސް ވަނީ ހުއްޓާލައިފައެވެ.

ސީރިއާއާއި އެހެނިހެން ގައުމުތަކުގެ ރެފިއުޖީން މިފަދަ ގޮތަކަށް ބިކަވެފައިވާ އިރު، އެމެރިކާގެ އަވަށްޓެރި ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވަނީ އެފަރާތްތަކަށް ދީލަތި ދައުވަތެއް އަރުވައިފައެވެ.

ޓްރޫޑޯ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހަނގުރާމައާ، ޓެރަރިޒަމާއި އެފަދަ ކަންކަމުން ރައްކާތެރިވުމަށް ބޭނުންވާ ފަރާތްތަކަށް، އެމީހެއްގެ އަގީދާއަށް ރިއާޔަތް ކުރުމެއް ނެތި، ކެނެޑާއިން މަރުހަބާ ކިޔާނެ ކަމަށެވެ.

"ތަފާތުކަމަކީ މި ގައުމުގެ ބާރު،" ޓްރޫޑޯ ވިދާޅުވިއެވެ.

ޓްރޫޑޯގެ ޒައާމަތުގައި ކެނެޑާއަކީ، ސީރިއާގެ ހަނގުރާމައިން ސަލާމަތްވުމަށް ބޭނުންވެފައި ތިބި ރެފިއުޖީންނަށް އެންމެ ހޫނު މަރުހަބާއެއް ކީ ގައުމެވެ.

ޓްރޫޑޯގެ އިތުރުން ދުނިޔޭގެ މަޝްހޫރު ވިޔަފާރިތަކުން ވެސް ދަނީ ރެފިއުޖީންނަށް މަރުހަބާ ކިޔަމުންނެވެ.

ދަތުރުވެރިންނަށް ކުރު މުއްދަތަށް ތަންތަން ކުއްޔަށް ދޫކުރާ ފަރާތްތަކުގެ ބައިނަލްއަގުވާމީ ބާޒާރު "އެއާ ބީއެންބީ"ގެ ސީއީއޯ ބްރަޔަން ޗެސްކީ ވިދާޅުވީ ރެފިއުޖީންނާއި، އެމެރިކާއަށް ވަނުމުގެ ހުއްދަ ނުދޭ އެންމެންނަށް އެއާ ބީއެންބީއިން ހިޔާވަހިކަން ހިލޭ ފޯރުކޮށްދޭނެ ކަމަށެވެ. އަދި ކުރިޔަށް އޮތް ތަނުގައި އިތުރު ކަންކަން ވެސް ތައާރަފު ކޮށްދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.