29 Jan 2017, 14:02
އޭއެފްސީ ކަޕް ޕްރިލިމިނަރީ ބުރުގެ ފުރަތަމަ ލެގު މެޗުގައި ވާދަކުރުމަށް ކްލަބު ވެލެންސިއާ ބޫޓާނަށް ގޮސްފިއެވެ.
އޭއެފްސީ ކަޕް ޕްރިލިމިނަރީ ބުރުގެ ފުރަތަމަ ލެގު މެޗުގައި ބޫޓާންގެ ތިމްޕޫ ސިޓީއާ ދެކޮޅަށް ނުކުތުމަށް ވެލެންސިއާ ފުރާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.
ވެލެންސިއާ އިއްޔެ ފުރިއިރު، މިދިޔަ އަހަރުގެ އެފްއޭ ކަޕް އެކްލަބަށް ކާމިޔާބުކޮށްދިނުމުގައި އިސްދައުރެއް އަދާކުރި ކެޕްޓަން ޝާފިއު އަހްމަދު (ޝާފީ) އާއި މުހައްމަދު ޝިފާން (ކުޑައްޓޭ) އެދަތުރުގައި ބައިވެރިވިއެވެ. އަންނަ އަންގާރަ ދުވަހު ކުޅޭ ޕްރިލިމިނަރީ ބުރުގެ މެޗުން ފެށިގެން ވެލެންސިއާއަށް އިރުޝާދުދޭނީ 2001 ވަނަ އަހަރުގެ ޕޮމިސް ކަޕް އެކްލަބަށް ކާމިޔާބުކޮށްދިން އަހްމަދު މުޖްތަބާ (ފެސްކޯ)އެވެ.
އޭއެފްސީ ކަޕްގެ ފޯމެޓަށް ބޮޑު ބަދަލެއް އައުމާ ގުޅިގެން އެފްއޭ ކަޕް ޗެމްޕިއަން ވެލެންސިއާއަށް ގްރޫޕް ސްޓޭޖުން ޖާގަ ހޯދުމަށް ވަނީ އުނދަގޫތަކަކާ ކުރިމަތިލާން ޖެހިފައެވެ. ޕްރިލިމިނަރީ ބުރުން ކުރި ހޯދިއްޖެނަމަ، ދެން ވެލެންސިއާ ވާދަކުރަން ޖެހޭނީ ޕްލޭއޯފް ބުރުގައެވެ. ވެލެންސިއާއަށް ގްރޫޕް ސްޓޭޖުން ޖާގަ ލިބޭނީ އެ ދެ ބުރުން ވެސް ކުރި ހޯދިއްޖެނަމައެވެ.
ކުރިއަށްއޮތް ފުޓްބޯޅަ ސީޒަނަށް ވެލެންސިއާ ވަރުގަދަ ކުރުމަށް މިދިޔަ ދެ އަހަރު ވިކްޓަރީ ސްޕޯޓްސް ކްލަބަށް ކުޅުނު ބިދޭސީ ކުޅުންތެރިޔާ އޮމޮދޫ ގޮޑްފްރޭ ވެސްޓް ވެލެންސިއާއަށް ވަނީ ގެންގޮސްފައެވެ. މިދިޔަ އަހަރު ވެލެންސިއާއިން ފެނުނު ބިދޭސީ ކުޅުންތެރިޔާ ޗިންޑާ ކަކާ ވެލެންސިއާގައި ވަނީ މަޑުކޮށްފައެވެ.
މިދިޔަ އަހަރުގެ ސީޒަނުގައި ވެލެންސިއާއިން ފެނުނު މުހިންމު ދެ ކުޅުންތެރިޔަކު ވަނީ އެކްލަބު ދޫކޮށް ގޮސްފައެވެ. މިދިޔަ އަހަރު ވެލެންސިއާއިން ފެނުނު މުހައްމަދު އާރިފް (ބަކާ) ވިކްޓަރީއަށް ބަދަލުވިއިރު، އަކްރަމް އަބްދުލްޤަނީ (އަކޫ) ވަނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ގުޅިފައެވެ.