ރޯމް(ޖެނުއަރީ 29): އިޓަލީގެ ކުރީގެ ބޮޑުވަޒީރު ސިލްވިއޯ ބަރްލަސްކޯނީއާ ދެކޮޅަށް މީގެ ކުރިން ކުރިއަށް ގެންދިޔަ ޝަރީއަތެއްގައި ހެކިބަސް ދިން ފަރާތްތަކަށް ރިޝްވަތު ދެއްވި ކަމުގެ ދައުވާ ބަރްލަސްކޯނީގެ މައްޗަށް އުފުލައިފި އެވެ.

ބަރްލަސްކޯނީގެ މައްޗަށް އެ ދައުވާކޮށްފައި ވަނީ 2010 ވަނަ އަހަރު އުމުރުން 17 އަހަރުގެ ކުއްޖަކަށް ފައިސާ ދީގެން ޖިންސީ ގުޅުން ހިންގި މައްސަލައިގައި ކުރިއަށް ގެންދިޔަ ޝަރީއަތާ ގުޅިގެންނެވެ. އެމައްސަލައިގައި 2013 ވަނަ އަހަރު ބަރްލަސްކޯނީއަށް 17 އަހަރުގެ ޖަލު ހުކުމެއް ކުރި ނަމަވެސް 2015 ވަނަ އަހަރު އިސްތިއުނާފު ކޯޓުން ވަނީ އެ ހުކުމް ބާތިލުކޮށްފައެވެ.

ޕްރޮސިކިއުޓަރުން ވިދާޅުވާ ގޮތުގައި އެ ޝަރީއަތުގައި އޭނާއާ އެއްކޮޅަށް ހެކި ބަސް ދިނުމަށް އެދި ބަރްސްލަސްކޯނީ ވަނީ އެ ހެކިވެރިންނަށް 2011 އާއި 2015 އާ ދޭތެރޭ 10.7 މިލިއަން ޑޮލަރު ހަރަދު ކުރައްވައިފައެވެ. އޭގެ ތެރެއިން ދެބައިކުޅަ އެއްބައި ހަރަދުކޮށްފައި ވަނީ ބަރްލަސްކޯނީ ގުޅުން ހިންގި މޮރޮކޯގެ ނެށުންތެރިއާ ކަރީމާ އަލް މަހްރޫގަށް ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

އިޓަލީގެ ބޮޑުވަޒީރުކަން ހަތަރު ފަހަރު ކުރައްވާފައިވާ ބަރްލަސްކޯނީ ވަނީ އޭނާގެ މައްޗަށްކޮށްފައިވާ ތުހުމަތުތައް ދޮގު ކުރައްވައިފައެވެ. އެމައްސަލައިގެ ޝަރީއަތް ފެށޭނީ އަންނަ އޭޕްރިލް މަހުގެ ފަހެއްގައެވެ. (ބީބީސީ)