25 Jun 2011, 12:47
މަސްތުވާތަކެތީގެ މައްސަލައިގެ ހަގީގީ ކުށްވެރިންނަކީ އެތަކެތި ވިއްކާ މީހުން ކަމަށާއި މަސްތުވާތަކެއްޗަށް ދެވިހިފުމަކީ ކުށެއް ނޫން ކަމަށާއި އެއީ ބައްޔެއްކަމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫން ވިދާޅުވެއްޖެ އެވެ.
ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ މަސްތުވާތަކެއްޗާ ދެކޮޅު ދުވަސް [އިންޓަނޭޝަނަލް ޑޭ އެގެއިންސްޓް ޑްރަގް އެބިއުސް އެންޑް އިލިސިޓް ޓްރެފިކިން] އާ ގުޅިގެން ބާންކީ މޫން އާއްމުކުރެއްވި ޚިތާބުގައި ވިދާޅުވެފައި ވަނީ މަސްތުވާތަކެތި ނައްތާލުމަށް މިހާރު އަޅާފައިވާ ފިޔަވަޅުތަކަކީ ވަރަށް ނާޒުކު ފިޔަވަޅުތަކެއް ކަމަށެވެ.
"މިހާރު އަޅާފައިވާ ފިޔަވަޅުތަކަކީ ވަރަށް ނާޒުކު [ކްރިޓިކަލް] ފިޔަވަޅުތަކެއް. އެހެނީ ޑްރަގް ބޭނުން ކުރުމަކީ އޭގެ އެންމެ އަޑިއަށްދާ އިރު ސިއްހީ މައްސަލައެއް. ޑްރަގަށް ދެވިހިފުމަކީ ބައްޔެއް އެއީ ކުށެއް ނޫން، ހާގީގީ ކުށްވެރިންނަކީ ޑްރަގްގެ ވަގުވިޔަފާރި ކުރާ މީހުން،" ބާންކީ މޫންގެ ޚިތާބުގައިވެ އެވެ.
ބާންކީ މޫންގެ ޚިތާބުގައިވެ އެވެ. "އިޖުތިމާއީ އަދި ކުށުގެ ބޮޑު މައްސަލައެއްގެ ގޮތުގައި ކުރިން ބެލެވެމުން އައި މަސްތުވާތަކެތީގެ ވަގުވިޔަފާރިކުރުން ފަހަކަށް އައިސް ވެފައި ވަނީ އެކި ސަރަހައްދުތަކުގެ މީހުންގެ ސަލާމަތާއި ސިއްހަތަށް ކުރިމަތިވެފައިވާ ބޮޑު މައްސަލައަކަށެވެ."
ބާންގެ ޚިތާބުގައި ހާމަކުރައްވާފައިވާ ގޮތުގައި ހުޅަނގު އެފްރިކާގެ ގައުމުތަކުގައި އަހަރަކު 85 ބިލިޔަން ޑޮލަރުގެ ކޮކެއިން ތައްޔާރުކުރާ އިރު އެއިން ކޮންމެ އެއް ބިލިޔަން ޑޮލަރުގެ ކޮކެއިން ޔޫރަޕްގެ ގައުމުތަކުގެ މަގުތަކުގައި ވިއްކާލުމުން ދިހަ ގުނަ އިތުރަށް ފައިސާ ލިބެ އެވެ.
ބާން ވިދާޅުވެފައިވާ ގޮތުގައި މަސްތުވާތަކެތީގެ މައްސަލަ މިހާ ބޮޑުވެފައިވާތީ އދ. އިން ހިންގާ ސުލްހަ ބެލެހެއްޓުމުގެ ހަރަކާތްތަތަކުގެ ތެރޭގައި ހިމެނޭ ކަމެއްގެ ގޮތުގައި މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމުގެ މަސައްކަތް ކުރުމަށް އޭނާ މިހާރު ވަނީ ޓާސްކްފޯހެއް އުފައްދަވައިފަ އެވެ.
ބާންގެ ޚިތާބު ނިންމަވާލައްވަމުން ވިދާޅުވެފައި ވަނީ ސިއްހަތާއި އިންސާނީ ހައްގުތަކުގެ އާއްމު އުސޫލުތަކަށް ސަމާލުކަންދީ، ސަޕްލަ އާއި ޑިމާންޑް ދަށް ކުރުމަށް ވެސް އެއް ވަރަކަށް މަސައްކަތްކޮށް، ހުއްޓުވުމުގެ މަސައްކަތް މުޅި ދުނިޔޭގައި ވެސް ކުރެވިއްޖެ ނަމަ މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތް ކާމިޔާބު ވާނެ ކަމަށެވެ.