އިންޑިއާގައި ބޭނުންކުރަމުން އައި ފައިސާ ނޫޓުތަކެއް އުވާލި މައްސަލައިގައި، އެގައުމުގެ މަރުކަޒީ ބޭންކް، ރިޒާވް ބޭންކް އޮފް އިންޑިއާ (އާރުބީއައި)ގެ އަގު އޮތީ ވަރަށް ބޮޑަށް ވެއްޓޭ ހިސާބުގައި ކަމަށް އިންޑިއާގެ ކުރީގެ ފިނޭންސް މިނިސްޓަރު ޕަލަނިއައްޕަން ޗިދަމްބަރަމް ވިދާޅުވެއްޖެއެވެ.

ޗިދަމްބަރަމްއަކީ އިންޑިއާގެ ކުރީގެ ބޮޑުވަޒީރުން، އެޗްޑީ ދޭވް ގޯދާ، އައިކޭ ގުޖްރާލް އަދި މަންމޯހަން ސިންހްގެ ވެރިކަމުގައި އެގައުމުގެ ޔޫނިއަން ފިނޭންސް މިނިސްޓަރުގެ މަގާމު އަދާކުރެއްވި ބޭފުޅެކެވެ. އަދި މިހާރު އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގޭގެ މެމްބަރެކެވެ.

އިންޑިއާގައި ބޭނުންކުރަމުން އައި 500 ރުޕީސް އަދި 1،000 ރުޕީސްގެ ނޫޓު އުވާލީ އިންޑިއާގެ މަރުކަޒީ ސަރުކާރުގެ ހުށަހެޅުމަކަށެވެ. ނަމަވެސް ފައިސާއާ ބެހޭ ކަންކަމަކީ މަރުކަޒީ ބޭންކުގެ މަސްއޫލިއްޔަތެކެވެ.

ކުރީގެ މިނިސްޓަރު ޗިދަމްބަރަމް ވިދާޅުވީ، މަރުކަޒީ ބޭންކުން އެކަން ކުރުމުގެ ބަދަލުގައި، ސަރުކާރުން މަރުކަޒީ ބޭންކު ލައްވާ އެފަދަ ކަމެއް ކުރުވީ ކަމަށާއި، އެއީ ބޭންކަށް މަސްއޫލިއްޔަތު އަދާނުކުރެވޭ ކަމުގެ ހެއްކެއް ކަމުގައި ބެލެވިދާނެ ކަމަށެވެ.

"އޭގެ އެއް ދުވަސް ކުރިން ބޭންކުގެ ބޯޑު ބައްދަލުވުމެއް އޮތް. މިއީ ދުރާލައި ކުރި ކަމެއްކަން އެނގޭނެ ފަދަ، ލިޔުމުން ތައްޔާރުކޮށްފައިވާ ނޯޓިސްއެއް ވޭތޯ، އެ ބައްދަލުވުމަށް އައީ ކިތަށް މީހުންތޯ، ބައްދަލުވުމުގެ އެޖެންޑާ ލިޔެވުނުތޯ، އަދި ބައްދަލުވުމުގެ ޔައުމިއްޔާއެއް ވޭތޯ، މި މައުލޫމާތު އަހަރެމެންނާ ހިއްސާ ކުރަން އެފަދާތްތަކުން ދެކޮޅު ހަދާ،" ޗިދަމްބަރަމް ވިދާޅުވިއެވެ.

އިންޑިއާގެ ފައިސާގެ ތެރެއިން އެންމެ ގިނައިން ބޭނުންކުރާ ދެ ނޫޓެއް އުވާލާނެކަން އިއުލާންކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ އަށްވަނަ ދުވަހު، ބޮޑުވަޒީރު ނަރެންދްރާ މޯދީއެވެ. މޯދީ ވިދާޅުވީ އެ ނިންމެވުން ނިންމެވީ ގައުމުގައި އޮތް ކޮރަޕްޝަން ހުއްޓުވައި، ކަޅު ފައިސާގެ މައްސަލަ ހައްލު ކުރުމަށް ކަމަށެވެ.

އިންޑިއާ ސަރުކާރުން ބުނާ ގޮތުގައި، އިންޑިއާގައި ދައުރުވާ ފައިސާގެ 86 ޕަސަންޓު ހިއްސާކުރަނީ މި ދެ ނޫޓެވެ. އަދި އިގްތިސާދުގައި އެންމެ ގިނައިން ދައުރުކުރާ ވަގު ނޫޓަކީވެސް މި ދެ ފައިސާ ނޫޓެވެ.

އުވާލި ދެ ނޫޓުގެ ބަދަލުގައި، 2،000 ރުޕީސްގެ ނޫޓެއް އަލަށް ވަނީ ތައާރަފު ކޮށް، ދައުރު ކުރުވާން ފަށައިފައެވެ. އަދި 500 ރުފިޔާގެ އާ ނޫޓެއްވެސް ވަނީ ތައާރަފު ކޮށްފައެވެ. އެހެން ނަމަވެސް ޑިނޯމިނޭޝަނަށް ގެނައި ބަދަލުގެ ސަބަބުން އިންޑިއާގައި ވިޔަފާރިކުރުން ވަނީ އުނދަގޫ ވެފައެވެ.