ލާމު އަތޮޅުގައި ގާއިމްކޮށްފައިވާ ކޯޕަރޭޓިވް ސޮސައިޓީން އުފައްދާ ގަސްކާނާގެ އުފެއްދުންތައް މިއަދު ބާޒާރަށް ނެރެފި އެވެ.

މިއަދު ފިޝަރީޒް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އުފެއްދުންތައް އިފްތިތާހުކޮށްދެއްވީ މަސްވެރިކަން އަދި ދަނޑުވެރިކަމާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝައިނީ އެވެ.

އެ އުފެއްދުމަކީ ލ. ފޮނަދޫގައި ގާއިމްކޮށްފައިވާ ލާމު ފާމާސް ޑިވެލޮޕްމަންޓް ކޯޕަރޭޓިވް ސޮސައިޓީން އުފައްދާ "އިނބަ" ބްރޭންޑުގެ ގަސްކާނާ އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ މިދިޔަ ޖުލައި 29 ގައި ރަޖިސްޓްރީކުރި ލާމު ކޯޕަރޭޓިވް ސޮސައިޓީއަށް ވަނީ ގަސްކާނާ އުފައްދަން ބޭނުންކުރާ މެޝިނަރީ އާއި އެކަމަށް ބޭނުންވާ ކުނި އެއްކުރާނެ އުޅަނދުތަކާއި އެހެނިހެން އާލާތްތައް ފޯރުކޮށްދީފައި ކަމަށެވެ.

އެގޮތުން އެތަކެތި ބޭނުންކޮށްގެން ލ. އަތޮޅުގެ 385ގެ އަކުންނާއި 27 ވިޔަފާރި އަކުން އަދި ސަރުކާރުގެ 10 އޮފީހަކުން ކުނި އެއްކޮށް، މެނޭޖުކުރަމުން އަންނަ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އިނބަ ބްރޭންޑުގެ ގަސްކާނާ ބާޒާރަށް ނެރެފައި ވަނީ ދެ ސައިޒެއްގެ ޕެކެޓެއްގައި ބަންދުކޮށްގެންނެވެ. އެއީ ފަސް ކިލޯ އާއި ދެ ކިލޯގެ ޕެކެޓެވެ. އެ ބްރޭންޑުގެ ގަސްކާނާ ތައްޔާރުކުރަން އެ ސޮސައިޓީން ބޭނުންކުރަނީ އުކާލާ ކުންޏާއި ހިކި ފަތެވެ. ކާނާ ތައްޔާރުކުރުމުގައި އެ ސޮސައިޓީގައި 251 މެންބަރުން ހަރަކާތްތެރިވެ އެވެ.

ލާމު ފާމާސް ޑިވެލޮޕްމަންޓް ކޯޕަރޭޓިވް ސޮސައިޓީން ބުނީ އެއީ 100 ޕަސެންޓް އޯގެނިކް އުފެއްދުމެއް ކަމަށެވެ. އަދި އެ އުފެއްދުން ވިއްކަން ލ. އިސްދުއާއި ފޮނަދޫގައި ދެ ފިހާރަ ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނައިރު، އޯޑަރު ދިނުމުން ލ. އަތޮޅުގެ ހުރިހާ ސަރަހައްދަކަށާއި މާލެއަށް ފޯރުކޮށްދޭނެ ކަމަށް ބުންޏެވެ.

ފިޝަރީޒް މިނިސްޓްރީން ހިންގާ ފިޝަރީޒް އެންޑް އެގްރިކަލްޗަރަލް ޑައިވަސިފިކޭޝަން ޕްރޮގްރާމްގެ ދަށުން، ލާމު ކޯޕަރޭޓިވް ހިމެނޭ ގޮތަށް ޖުމްލަ އަށް ކޯޕަރޭޓިވް ސޮސައިޓީއެއް ވަނީ އުފައްދައިފައެވެ.

އެއީ އައްޑޫ މީދޫ ކޯޕަރޭޓިވް ސޮސައިޓީ އާއި ފުނާޑު ޑިވެލޮޕްމަންޓް ކޯޕަރޭޓިވް ސޮސައިޓީ އާއި ވާދޫ ފާމާސް ކޯޕަރޭޓިވް ސޮސައިޓީ އާއި ގެމަނަފުށި ކޯޕަރޭޓިވް ސޮސައިޓީ އާއި މަގޫދޫ ކޯޕަރޭޓިވް ސޮސައިޓީ އާއި ނައިފަރު ކޯޕަރޭޓިވް ސޮސައިޓީ އަދި ހޯރަފުށީގައި ހުންނަ ބިޒްވިލް މޯލްޑިވްސް ކޯޕަރޭޓިވް ސޮސައިޓީ އެވެ.

އެ ސޮސައިޓީން އުފައްދާ ތަކެތި މާލެއާއި ރަށްރަށުގެ ފިހާރަތަކުގެ އިތުރުން، މެގަ މޯލްޑިވްސް އިން ވެސް ލިބެން ހުރެ އެވެ.