29 Jan 2017, 13:34
އަންނަ މަހުން ފެށިގެން މާފަންނު ކަނބާއައިސަރަނި ހިނގުމުގެ ބައެއް ދެކޮޅަށް ދުއްވާ ގޮތަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފި އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީ އިން ދެކޮޅަށް ދުއްވާ ގޮތަށް ޓްރެފިކް ފުލޯއަށް ބަދަލު ގެންނަނީ، އައިޖީއެމްއެޗު ހުންނަ މަގު، ކަނބާއައިސަރަނި ހިނގުމުގެ އަމީނީމަގާ ގުޅޭ ހިސާބުން ފެށިގެން ދެކުނަށް އޮތް ސަރަހައްދެވެ.
ކަނބާއައިސަރަނި ހިނގުމަކީ އެއްކޮޅަށް ދުއްވާ ގޮތަށް ކުރިން އޮތް މަގެކެވެ.
ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒު މިއަދު ވިދާޅުވީ، އެ ނިންމެވުމަކީ އެ ސަރަހައްދުގައި ބާރުބޮޑުވާތީވެ، އެ އޮތޯރިޓީ އާއި ހައުސިން މިނިސްޓްރީގެ އިތުރުން ފުލުހުން ގުޅިގެން އުފައްދާފައި އޮންނަ ރޯޑް ޓްރެފިކް ކޮމިޓީން ނިންމެވި ނިންމެވުމެއް ކަމަށެވެ.
ކަނބާއައިސަރަނި ހިނގުން އަމީނީ މަގާ ގުޅޭ ހިސާބުން ފެށިގެން ދެކުނަށް އޮތް ސަރަހައްދުު ދެކޮޅަށް ދުއްވާ ގޮތަށް ހެދުމުގެ ކުރިން އެ ސަރަހައްދުގެ މަގު ވަނީ ފުޅާކޮށްފަ އެވެ. އަދި އެ ސަރަހައްދުގެ ދެކޮޅުުގައި ޕާކް ކޮށްފައި ހުރި ވެހިކަލްތައް ވަނީ ނަގައިފަ އެވެ.
މާލޭގައި ހިންގާ ބައެއް މަޝްރޫއުތަކާ ގުޅިގެން މީގެ ކުރިން ވަނީ ބައެއް މަގުތަކުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނެސްފަ އެވެ.
އެގޮތުން މިދިޔަ މަހުގެ ތެރޭގައި މައްޗަންގޯޅީގެ ދެކޮޅަށް ދުއްވާ ދެ މަގެއް އެއްކޮޅަށް ދުއްވާ ގޮތަށް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ.