29 Jan 2017, 13:14
ކުއަލަލްޕޫރު (ޖެނުއަރީ 29): ތިރީސްއެއް މީހުންނާ އެކު ދަތުރު ކުރަމުން ދިޔަ މެލޭޝިއާގެ ކަނޑު ބޯޓެއް އެގައުމުގެ އައްސޭރިފަށުން ގެއްލިއްޖެ ކަމަށް މެލޭޝިއަން މެރިޓައިމް އެންފޯސްމެންޓް އޭޖެންސީ (އެމްއެމްއީއޭ) އިން ބުނެފި އެވެ.
އެ އޭޖެންސީން ބުނި ގޮތުގައި ޗައިނާގެ 28 ފަތުރުވެރިންނާއި ތިން ކުރޫ މެމްބަރުންނާ އެކު ދަތުރު ކުރަމުން ދިޔަ އެބޯޓު ގެއްލުނީ މެލޭޝިއާގެ އިރުމަތީގައި އޮންނަ ސަބާހް ސްޓޭޓުން އިއްޔެ ދަތުރު ފެށި ފަހުންނެވެ. މެލޭޝިއާގެ ނޫހެއްގައިވާ ގޮތުން ބޯޓު ދަތުރު ކުރަމުން ދިޔައީ ކޯތާ ކިނަބަލޫ އިން، ރިޒޯޓު ރަށެއް ކަމަށްވާ ޕުލައު މެންގާލުމް އަށެވެ.
އަދި އެބޯޓުން ޑިސްޓްރެސް ކޯލްއެއް ލިބުނު ކަމަށާއި ނަމަވެސް މާ ގިނަ އިރުތަކެއް ނުވެ ބޯޓާ ގުޅުން ކެނޑުނު ކަމަށް އެމްއެމްއީއޭ އިން ބުންޏެވެ. އެބޯޓު ހޯދުމުގެ މަސައްކަތް މިހާރު ފަށާފައިވީ ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން އެމަސައްކަތަށް ހުރަސް އެޅިފައިވާ ކަމަށް މެރިޓައިމް އޭޖެންސީން ފާހަގަ ކުރި އެވެ.
އެ ހާދިސާ ހިނގާފައި ވަނީ ޗައިނާގެ އާ އަހަރު ފެށުމާ ގުޅިގެން އެމުނާސަބަތު ފާހަގަ ކުރަން ފަށާފައި ވަނިކޮށެވެ. (ބީބީސީ)