ވޮޝިންޓަން (ޖެނުއަރީ 29): އެމެރިކާއަށް ރެފިއުޖީންނާއި މުސްލިމް ބައެއް ގައުމުތަކުގެ ރައްޔިތުން ވެއްދުން މަނާ ކުރުމަށް އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރެއްވި އަމުރު ޔޫރަޕުގެ ލީޑަރުންނާއި، އދ. އާއި ބައިނަލްއަގުވާމީ ޖަމާއަތްތަކުން ކުށްވެރިކޮށްފި އެވެ.

ހުކުރު ދުވަހު ޓްރަމްޕް ސޮއި ކުރެއްވި ރިޔާސީ އަމުރުގައި ވަނީ ވަކި މުއްދަތެއް ނެތް ގޮތަށް އެމެރިކާ އަށް ސީރިއާގެ ރެފިއުޖީން ދިޔުން މަނާކޮށްފަ އެވެ. އަދި މުސްތަގުބަލުގައި އެމެރިކާ އިން އިސްކަންދޭނީ ސީރިއާއިން އަންނަ ނަސާރާ ދީނުގެ ރެފިއުޖީންނަށް ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން ހަތަރު މަސް ވަންދެން އެމެރިކާގެ ރެފިއުޖީ ޕްރޮގްރާމް ހުއްޓުވައި އިރާގް، ސީރިއާ، އިރާން، ލީބިޔާ، ސޯމާލިއާ، ސޫދާން އަދި ޔަމަނުގެ ރައްޔިތުން އެމެރިކާއަށް ދިޔުން ވަނީ ތިން މަސް ވަންދެން މަނާކޮށްފަ އެވެ.

އޭގެ ސަބަބުން އދ.ގެ ރެފިއުޖީ އޭޖެންސީ އާއި އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޯ މައިގްރޭޝަނުން ވަނީ އެމެރިކާގެ ރެފިއުޖީ ޕްރޮގްރާމަކީ ދުނިޔޭގައި މިހާރު ހިންގަމުންދާ އެފަދަ ޕްރޮގްރާމުތަކުގެ ތެރެއިން އެންމެ މުހިއްމު އެއް ޕްރޮގްރާމުކަން ފާހަގަކޮށް، ހަނގުރާމައިން ސަލާމަތްވުމަށް ދާ ފަރާތްތަކަށް ހިމާޔަތް ދިނުމަށް ގޮވާލައިފަ އެވެ.

އަދި ޖަރުމަނާއި ފްރާންސުން ވެސް ވަނީ ޓްރަމްޕުގެ އަމުރު ކުށްވެރިކުރުމުގައި ބައިވެރިވެފަ އެވެ. ފްރާންސުގެ ފޮރިން މިނިސްޓަރު ޖީން މާކް އެއިރޯލްޓް އާއި ޖަރުމަނުގެ ފޮރިން މިނިސްޓަރު ސިގްމާ ގެބްރިއެލް ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ދެ ބޭފުޅުން ވަނީ ރެފިއުޖީންނަށް ހިމާޔަތް ދިނުމަކީ ހުޅަނގުގެ ގައުމުތަކުގެ ޒިންމާއެއް ކަމަށާއި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަކީ ހުޅަނގުގެ ގައުމުތަކުގެ އެއްބައިވަންތަކަށް އިތުރުކޮށްދޭ ކަމެއް ކަމަށް ވިދާޅުވެފަ އެވެ.

މީގެ އިތުރުން ތުރުކީގެ ބޮޑުވަޒީރު ބިނާލީ ޔިލްދްރިމް ވަނީ ރެފިއުޖީން އެމެރިކާ އަށް ވަނުން މަނާ ކުރުމަކީ އެއްވެސް މައްސަލައަކަށް އޮތް ހައްލެއް ނޫން ކަމަށް ވިދާޅުވެފަ އެވެ. ބޮޑުވަޒީރު ޔިލްދްރިމް އެފަދައިން ވިދާޅުވީ އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ތެރީސާ މޭއާ އެކު އަންކާރާގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގަ އެވެ.

އިނގިރޭސި ބޮޑުވަޒީރު މޭ ވަނީ ޓްރަމްޕުގެ އަމުރު ކުށްވެރި ކުރައްވަން ފުރަތަމަ ދެކޮޅު ހައްދަވާފަ އެވެ. ނަމަވެސް އޭގެ ސަބަބުން ގިނަ ބަޔެއްގެ ފާޑުކިޔުން އެކަމަނާ އަށް އަމާޒުވުމާ ގުޅިގެން ފަހުން އެކަމަނާ ވަނީ ރެފިއުޖީން އެމެރިކާ އަށް ވަނުން މަނާ ކުރުމަކީ އެކަމަނާ ތާއިދު ކުރައްވާ ކަމެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.

މީގެ އިތުރުން ޓްރަމްޕުގެ އަމުރާ ގުޅިގެން އީރާނުން ވަނީ އެމެރިކާ މީހުން އެގައުމަށް ވަނުން މަނާކޮށްފަ އެވެ. އިރާނުގެ ފޮރިން މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައިވާ ގޮތުން އެމެރިކާ އިން މަސައްކަތް ކުރަމުން ދަނީ މުސްލިމުންނަށް ފުރައްސާރަކޮށް، މުސްލިމުންގެ އަގު، އަދި ހާއްސަކޮށް އީރާނުގެ އަގު ވައްޓާލާށެވެ. (އަލްޖަޒީރާ)