ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ދަށުން ހިންގާ ސަބްސިޑަރީ ކުންފުނިތަކުގެ ތެރެއިން އެންމެ ރަނގަޅު ކުންފުންޏަކަށް މޯލްޑިވް ގޭސް ހޮވިއްޖެ އެވެ.

އެ އެވޯޑަކީ އެސްޓީއޯގެ ކުންފުނިތަކުގެ ތެރެއިން އެންމެ ރަނގަޅަށް ހިންގުން ހަރުދަނާކޮށް، ކޯޕަރޭޓް ގަވަނަންސް އާ އެއްގޮތަށް ކުންފުނި ހިންގުމަށް މަސައްކަތް ކޮށްފައިވާ އެންމެ ރަނގަޅު ކުންފުންޏަށް ދޭ އެވޯޑެކެވެ.

އެންމެ ރަނގަޅު ކުންފުންޏެއްގެ ގޮތުގައި މޯލްޑިވްސް ގޭސް ހޮވައި އެ ކުންފުންޏަށް އެވޯޑް ދީފައި ވަނީ ރޭ އެސްޓީއޯގެ 52 ވަނަ އަހަރީދުވަސް ފާހަގަކުރުމަށް ބޭއްވި ހާއްސަ ހަފްލާއެއްގަ އެވެ.

މޯލްޑިވް ގޭސް އަށް އެވޯޑް ހަވާލުކޮށްދެއްވީ އެސްޓީއޯގެ ޗެއާމަން ހުސެން ސާލިމް އެވެ. އެވޯޑާ ހަވާލުވެވަޑައިގަތީ މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫން (މާނު) އެވެ.

އެވޯޑް ލިބުމާ ގުޅިގެން މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރު މާނު މިއަދު "ސަން" އަށް ވިދާޅުވީ، ކުންފުނީގެ މަސައްކަތްތައް ގެންދަންވީ ގޮތް އަބަދުވެސް އެ ކުންފުނީގެ ޗެއާމަން އިރުޝާދުދެއްވާ ކަމަށެވެ. އަދި އެކަމަށް ޝުކުރު އަދާކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން ކުންފުނީގެ އިސްވެރިން އަދި ބޯޑުން ދެމުންގެންދާ އިރުޝާދުތަކަށް ކުންފުނީގެ މުވައްޒަފުން އަމަލު ކުރުމަކީ އެ ކާމިޔާބީގެ އަސްލެއް ކަމަށާއި އެހެންކަމުން މުވައްޒަފުންނަށް ޝުކުރާ އެކު ތަހުނިޔާ އަދާކުރާކަމަށް އޭނާ ވިދާޅުވި އެވެ.

މާނު ވިދާޅުވީ އެފަދަ މަސައްކަތެއް އެސްޓީއޯ އިން އިސްނަގައިގެން ކުރުމަކީ ވަރަށް ރަނގަޅުކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އޭނާ ވިދާޅުވީ އެގޮތަށް ކަންކަން ފާހަގަކުރާ ނަމަ އެއީ ކުންފުނީގެ މުވައްޒަފުންނަށް މަސައްކަތްތައް ހަރުދަނާކޮށް ރަނގަޅުކުރަން ލިބޭ ހިތްވަރަކަށް ވާނެ ކަމަށެވެ.