ނުރައްކާތެރި މިންވަރަކަށް ލެޑް ހުރުމުގެ ސަބަބުން 2015 ވަނަ އަހަރުގެ ތެރޭގައި އިންޑިއާގައި ވިއްކުން މަނާކުރި މެގީ ނޫޑުލްސް ބާޒާރަށް ނެރުމާއެކު އަހަރު ދުވަސްތެރޭގައި މާކެޓުގެ 60 ޕަސެންޓު ނަގައިފިއެވެ.

ސުވިޒަލޭންޑުގެ ކުންފުންޏެއް ކަމަށްވާ ނެސްލޭގެ އިންޑިއާ ގޮފީގެ އިސް އޮފިޝަލަކާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި އެގައުމުގެ ފުޑް ސޭފްޓީ އެންޑް ސްޓެންޑާޑްސް އޮތީރިޓީ އޮފް އިންޑިއާ އިން މެގީ ނޫޑްލްސް ވިއްކުން މަނާ ކުރި އިރު އިންޑިއާގެ މާކެޓުގެ 75 ޕަސެންޓު އޮތީ މެގީއަށް ލިބިފައެވެ.

މެގީ އަލުން ބާޒާރަށް ނެރުނީ ވިއްކުން މަނާ ކުރިތާ ފަސް މަސް ފަހުން 2015 ވަނަ އަހަރުގެ ނޮވެމްބަރު މަސްތެރޭގައެވެ. މެގީ ނޫޑުލްސް ވިއްކުން ހުއްޓާލުމަށް އިންޑިއާގެ ސިއްހީ ވުޒާރާއިން އަމުރު ކުރީ ޓެސްޓު ތަކުން މެގީ ނޫޑުލްސްގައި މާ ގިނައިން ލެޑް ހުރިކަމަށް ދެއްކުމުން އެ އަހަރުގެ ޖޫންގައެވެ.

ނެސްލޭ އިންޑިއާގެ އަމާޒަކީ މާކެޓުގެ އެންމެ "ޓޮޕް" މަގާމް ހޯދުމެވެ. އެގޮތުން އެކުންފުނިން ކުރާ މަސައްކަތުގައި ނޫޑުލްސްގެ މާކެޓުގެ "ޓޮޕް" މަގާމު މިހާރު އޮތީ އެކުންފުންޏަށް ލިބިފައި ކަމަށް އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު ސުރޭޝް ނާރާޔަން ވަނީ ވިދާޅުވެފައެވެ.

"ގާތްގަނޑަށް މާކެޓުގެ 60 ޕަސެންޓު މިއޮތީ މިހާރު އަޅުގަނޑުމެން އަތުގައި. އެހެންކަމުން މާކެޓުގައި ލީޑް ކުރަމުން މިދަނީ އަޅުގަނޑުމެން،" ނެސްލޭ އިންޑިއާގެ އެމްޑީ ނާރާޔަން ވިދާޅުވެފައިވެއެވެ.

އޭނާ ވިދާޅުވެފައިވާ ގޮތުގައި ފާއިތުވި ހަ މަސްދުވަސް ތެރޭގައި އެކުންފުނިން ވަނީ މުޅިން އައު 35 ޕްރޮޑަކްޓެއް އިންޑިއާ މާކެޓަށް ނެރެފައެވެ. އެއީ މެގީ ހުއްޓުވުމާ ގުޅިގެން ކުންފުންޏަށް ލިބުނު ގެއްލުން ފޫބެއްދުމަށްޓަކައި، މާކެޓުން ލިބިފައިވާ މަގާމް ދިފާއު ކުރުމުގެ ގޮތުގައި އެކުންފުނިން ނެގި ފިޔަވަޅެކެވެ. ނާރާޔަން ވިދާޅުވީ މިހާރު ލޯންޗްކޮށްފައިވާ ޕްރޮޑަކްޓްތަކުން ޕްރޮމޯޝަންތައް ހިންގުމަށްވުރެ، އާ ޕްރޮޑަކްޓުތައް މާކެޓަށް ނެރުން މާ ރަނގަޅު ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ތަނުގައިވެސް އެކުންފުނިން އަމަލު ކުރާނީ އެގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.