އިއާދަކުރުވަނިވި ހަކަތައިގެ މަޝްރޫއުތައް ރާއްޖޭގައި ހިންގުމަށް 120 މިލިއަން ޑޮލަރު ދިނުމަށް ކުލައިމެޓް އިންވެސްޓްމަންޓް ފަންޑުން ނިންމައިފި ކަމަށް އައިއެސްއާރުއީ އިން ބުނެފި އެވެ.

ތިމާވެއްޓާ ރައްޓެހި އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއުތަކަށް އެހީވުމަށް ކުދި އަދި މެދު ފަންތީގެ ގައުމުތައް ބައިވެރިވެގެން އެފްރިކާގެ ކޭޕްޓައުންގައި މިހާރު ކުރިއަށްދާ އިއާދަކުރަނިވި ހަކަތައިގެ ޕްރޮގުރާމުގެ މަޝްވަރާތަކުގައި ރާއްޖެ އަށް އެ ފަންޑުގެ ދަށުން 2010 ވަނަ އަހަރު ދިނުމަށް ނިންމާފައިވާ 30 މިލިއަން ޑޮލަރުގެ އިތުރަށް މި އަހަރު 60 މިލިއަން ޑޮލަރު ރާއްޖެ އަށް ދޭން ނިންމާފައިވާ ކަމަށް އިންޓަނޭޝަނަލް ސެކިއުރިޓީ، ރިސާޗު އެންޑް އިންޓެލިޖެންސް [އައިއެސްއާރުއީ] އިން ބުންޏެވެ.

ބޭންކް ލޯނުގެ ގޮތުގަ އާއި ހިލޭ އެހީގެ ގޮތުގައި އަދި ޕުރައިވެޓް ސެކްޓަރުގެ ތެރެއިން ރާއްޖެ އަށް ދޭ ފައިސާ ގާތްގަނޑަކަށް 120 މިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ފަންޑުގެ ރަސްމީ ވެބްސައިޓުގައިބުނެފައިވެ އެވެ.

"ކުލައިމެޓް އިންވެސްޓްމަންޓް ފަންޑުން އަބަދު ވެސް ކުޑަކޮށް ތަރައްގީ ވެފައިވާ ގައުމުތަކަށް އިސްކަންދޭ. އަދި އޭގެ ތެރެއިން ހާއްސަ [އަހައްމިއްޔަތެއް ދޭނެ] ކުދި ޖަޒީރާ ގައުމުތަކަށް،" ރާއްޖޭގެ ފަރާތުން އެ ކޮންފަރެންސްގައި ބައިވެރިވާ ސައިންސް އެންޑް ޓެކްނޮލޮޖީ އެންވޯއީ އަހުމަދު ޝަފީގު އިބްރާހިމް މޫސާ (ސައްޕެ)އާ ހަވާލާދީ އައިއެސްއާރުއީ އިން ބުނެފައިވެ އެވެ. "ތިމާވެށި ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތް އިތުރުވެފައިވާ ދަނޑިވަޅެއްގައި މިއީ އެކަމަށް ލިބިގެންދާ ރަނުގެ ފުރުސަތެއް."

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ އެ ކޮންފަރެންސްގައި ސައްޕެގެ އިތުރުން ރާއްޖެ ތަމްސީލް ކުރަނީ ހައުސިން މިނިސްޓްރީގެ ޕާމެނެންޓް ސެކްރެޓަރީ އަހުމަދު ސަލީމެވެ. ކުލައިމެޓް އިންވެސްޓްމަންޓް ފަންޑު ކޮންފަރެންސްގައި 45 ގައުމަކުން 250 ފަރާތާއި އަދި އދ.ގެ އިސް އޮފިޝަލުން ބައިވެރިވެ އެވެ.