މިހާރު ކުޅެމުންދާ ފިލްމެއް ކަމަށްވާ 'ޕަދްމާވަތީ'ގެ ސެޓަށް އެއްވި ބަޔަކު އެ ފިލްމުގެ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީއަށް ހަމަލާދީ ހިންގި ހަމަނުޖެހުމުގެ ސަބަބުން، ފިލްމުގެ ޝޫޓިން މެދުކަނޑާލައިފި އެވެ.

ޖެއިޕޫރުގައި ހުންނަ ޕަދްމާވަތީގެ ސެޓަށް ގޮސް ބަންސާލީއަށް ހަމަލާދީފައި ވަނީ'ޕަދްމާވަތީ' އާ ދެކޮޅަށް މުޒާހަރާ ކުރަމުން ދިޔަ ރާޖްޕުތު ކަރްނީ ސޭނާ ކިޔާ ގްރޫޕަކުންނެވެ. އެ ގްރޫޕުން ޕަދްމާވަތީ އުފެއްދުން ހުއްޓާލުމަށް ގޮވާލައި މުޒާހަރާ ކުރަމުން އަންނަނީ އެ ފިލްމުގައި ތާރީޚު އޮޅުވާލާފައިވާ ކަމަށް ބުނެއެވެ.

ރާޖްޕުތު ކަރްނީ ސޭނާގެ މެމްބަރުން ވަނީ ބަންސާލީގެ މޫނުމަތީގައި ޖަހައި، އޭނާގެ އިސްތަށިގަނޑަށް ދަމައި އަނިޔާކޮށްފައެވެ. އޭގެ އިތުރުން ސެޓުގައި ހުރި ބައެއް ސާމާނުތަކަށް ވެސް ގެއްލުންދީފައިވެއެވެ.

އެ ހަމަނުޖެހުންތަކާ ގުޅިގެން ފިލްމުގެ ޝޫޓިން މެދުކަނޑާލާފައި ވާއިރު، ބަންސާލީ މުމްބާއީއަށް ދާގޮތަށް މިހާރު ވަނީ ނިންމައިފައެވެ.

ހަމަލާއަށް ފަހު ބަންސާލީ ވަނީ ފިލްމުގައި އެއްވެސް ކަހަލަ ގައިގޯޅި މަންޒަރުތަކެއް ނުހިމެނޭނެ ކަމުގެ ޔަގީންކަން ވެސް ދީފައެވެ.

ބަންސާލީއަށް ދިން ހަމަލާ، ބޮލީވުޑުން ވަނީ ކުށްވެރިކޮށްފައެވެ. އަދި ބޮލީވުޑްގެ ގިނަ އަދަދެއްގެ ފަންނާނުން ވަނީ ބަންސާލީ އާއެކު ތިބިކަން ހާމަކޮށްފައެވެ.

ޕަދްމާވަތީގައި ޕަދްމާވަތީގެ ރޯލުން ފެނިގެން ދާނީ ދީޕިކާ ޕަދުކޯން އެވެ. ޕަދްމާވަތީގެ ފިރިމީހާ ރާޖާ ރަވާލް ރަތަން ސިންގގެ ރޯލުން ފެނިގެން ދާނީ ޝާހިދު އެވެ. އަދި ރަންވީރު ސިންގ އަދާކުރާނީ އަލާއުއްދީން ޚިލްޖީގެ ރޯލެވެ.