29 Jan 2017, 10:38
ވާޑަ ބްރެމަން އަތުން 2-0ގެ ނަތީޖާ އަކުން މޮޅުވެ ޗެމްޕިއަން ބަޔާން މިއުނިކުން ޖަރުމަނު ބުންޑެސްލީގާގެ އެއްވަނައިގައި ތިން ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.
ބަޔާން އެއްވަނައިގައި އޮތީ 45 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް އާރުބީ ލައިޕްޒީ ވަނީ ރޭ ކުޅުނު މެޗު 2-1ގެ ނަތީޖާ އަކުން ހޮފެންހެމްގެ މައްޗަށް ކުރިހޯދައިފައެވެ. ލައިޕްޒީއަށް ލިބެނީ 42 ޕޮއިންޓެވެ. ތިން ވަނައިގައި އޮތް އެއިޓްރަކްޓް ފްރެންކްފޯޓަށް ލިބެނީ 32 ޕޮއިންޓެވެ. ނަމަވެސް މިރޭ ބޮރޫޝިއާ ޑޯޓްމަންޑް، މެއިންޒް އަތުން މޮޅުވެއްޖެ ނަމަ އެއިޓްރަކްޓް ފަހަތަށް ޖައްސާލުމަށްފަހު ތިން ވަނައަށް އެރޭނެއެވެ. ޑޯޓްމަންޑް ހަތަރު ވަނައިގައި އޮތީ 30 ޕޮއިންޓާ އެކުއެވެ.

ޖަރުމަނު ލީގްގައި ރޭ ވާޑަ ބްރެމަން އާއި ބަޔާން ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ
ރަށުން ބޭރުގައި ރޭ ބަޔާނުން ކުޅުނު މެޗުގައި އެޓީމުން ކާމިޔާބުކުރި ދެ ގޯލު ވެސް ފެނިގެންދިޔައީ ފުރަތަމަ ހާފްގައެވެ. ފުރަތަމަ ގޯލު 30 ވަނަ މިނެޓްގައި ފްރޭންކް ރިބެރީ ތަަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބުކުރީ އާޔެން ރޮބެން އެވެ. ދެވަނަ ގޯލު ފުރަތަމަ ހާފްގެ އިތުރު ވަގުތުގެ ތެރޭގައި ޑޭވިޑް އަލަބާ ކާމިޔާބުކޮށްދިނީ އެޓީމަށް ލިބުނު ހިލޭ ޖެހުމެއްގައެވެ.
ވާޑަ ބްރެމަންއަށް ސުން ކަނޑުވާލަ ދިން ގޯލު ދެވަނަ ހާފްގެ 53 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޖަރުމަނުގެ ތަޖުރިބާކާރު ފޯވާޑް މެކްސް ކްރޫސީއެވެ.

ރޭގެ މެޗުގައި ބަޔާންގެ ދެވަނަ ގޯލް އަލަބާ ކަމިޔާބްކޮށްދިނުމަށް ފަހު އުފާފާޅު ކުރަނީ --- ފޮޓޯ: އޭޕީ
ރޭ ބަޔާން ލެވަކޫސަން ވަނީ 2-3ގެ ނަތީޖާ އަކުން ބޮރޫޝިއާ މޮންޗަގޯލާ އަތުން ބަލިވެ ތާވަލުގެ އަށް ވަނައަށް ވެއްޓިފައެވެ. ލެވަކޫސަންއަށް ލިބެނީ 18 މެޗުން 28 ޕޮއިންޓެވެ.