29 Jan 2017, 10:47
ވޮޝިންޓަން(ޖެނުއަރީ 29): މުސްލިމް މެޖޯރިޓީ އޮންނަ ހަތް ގައުމެއްގެ ރައްޔިތުން އެމެރިކާއަށް ވަނުން މަނާ ކުރާ ރިޔާސީ އަމުރެއްގައި ރައީސް ޑޮނަލްޑް ޓްރަމްޕް ސޮއި ކުރެއްވުމާ ގުޅިގެން އެގައުމުގެ އެއާޕޯޓުތަކުގައި މުޒާހަރާ ކުރަން ފަށައިފި އެވެ.
ނިއު ޔޯކުގައި އޮންނަ ޖޯން އެފް ކެނެޑީ (ޖޭއެފްކޭ) އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން ޗިކާގޯ، ސެން ފްރެންސިސްކޯ އަދި ވޮޝިންޓަން ޑީސީގައި އޮންނަ އެއާޕޯޓުތަކުގައި އެތައް ބަޔަކު ދަނީ 'ރެފިއުޖީން އައުން މަނާ ނުކުރުމަށާއި، ފާރެއް ނުރޭނުމަށާއި، އެންމެންނަށްވެސް ހިމާޔަން ދިނުމަށް' ގޮވާލަމުންނެވެ.
ހުކުރު ދުވަހު ރައީސް ޓްރަމްޕް ސޮއި ކުރެއްވި އަމުރުގެ ދަށުން އިރާގް، ސީރިއާ، އިރާން، ލީބިޔާ، ސޯމާލިއާ، ސޫދާން އަދި ޔަމަނުގެ ރައްޔިތުން އެމެރިކާއަށް ދިޔުން ވަނީ ތިން މަސް ވަންދެން މަނާކޮށްފައެވެ. އަދި މުސްތަގުބަލުގައި އެމެރިކާއިން އިސްކަންދޭނީ ސީރިއާއިން އަންނަ ނަސާރާ ދީނުގެ ރެފިއުޖީންނަށް ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

އެމެރިކާގައި ދިރިއުޅޭތާ 10 އަހަރުވެފައިވާ ބަންގުލަދޭޝްގެ ރައްޔިތަކު ޖޭއެފްކޭ އެއާޕޯޓުގައި އޮތް މުޒާހަރާގައި ނަމާދު ކުރަނީ -- ފޮޓޯ: އަލް ޖަޒީރާ
އަދި ރައީސް ޓްރަމްޕް އެއަމުރުގައި ސޮއިކުރެއްވި ފަހުން، ވިސާ އާއި ގްރީން ކާޑާއެކު އެގައުމަށް ދިޔަ މުސްލިމް ގައުމުތަކުގެ މީހުން ވަނީ އެއާޕޯޓުން ހިފަހައްޓާފައެވެ. އެމެރިކާގެ އެއާޕޯޓުތަކުގައި މުޒާހަރާ ކުރާ ފަރާތްތަކުން ދަނީ އެއާޕޯޓުން ހިފެހެއްޓި މީހުން ދޫކޮށްލުމަށް ގޮވާލަމުންނެވެ.
"ޖޭއެފްކޭގައި އަޅުގަނޑުމެން މުޒާހަރާ ކުރަނީ ދެ ސަބަބަކަށްޓަކައި. ދިގު އަދި އުނދަގޫ ސްކްރީނިން މަރުހަލާތަކުގައި ބައިވެރިވުމަށް ފަހު އެމެރިކާއަށް އައި ރެފިއުޖީންނާއި ވިސާ އޮތް ފަރާތްތައް ދޫކޮށްލުމަށް ގޮވާލުން. އަދި އަޅުގަނޑުމެން ދޭން ބޭނުންވާ އެންމެ މުހިއްމު މެސެޖަކީ އަޅުގަނޑުމެން އެންމެންނަކީ ހިޖުރަވެރިންނޭ ނުވަތަ ހިޖުރަވެރިންނާއި ރެފިއުޖީންގެ ދަރިންނޭ،" މުޒާހަރާގެ ބައިވެރިއަކު ބުންޏެވެ.
ވިސާ އާއި ގްރީން ކާޑު އޮތް ފަރާތްތައް އެމެރިކާ އެއާޕޯޓުން ހިފެހެއްޓުމާ ގުޅިގެން އެގައުމުގެ އެމެރިކަން ސިވިލް ލިބަޓީސް ޔޫނިއަން (އޭސީއެލްޔޫ) އިން ވަނީ އެމައްސަލަ ނިއު ޔޯކުގެ ޑިސްޓްރިކްޓް ކޯޓަކަށް ހުށަހަޅައިފައެވެ. އަދި ކޯޓުން ވަނީ އެމީހުން ޑީޕޯޓު ކުރުން ހުއްޓުވައި، އެއާޕޯޓުން ހިފަހައްޓާފައިވާ މީހުންގެ ލިސްޓެއް ކޯޓަށް ދިނުމަށް ސަރުކާރަށް އަމުރުކޮށްފައެވެ. މީގެ އިތުރުން އެމައްސަލައިގެ ދެ ވަނަ އަޑުއެހުމެއް ވަނީ އަންނަ މަހުގެ ފަހުކޮޅަށް ތާވަލުކޮށްފައެވެ. (އަލްޖަޒީރާ)