ވޮޝިންޓަން(ޖަނަވަރީ 29): އިސްރާއީލުގެ ޓެލްއަވީވުގައި ހުންނަ އެމެރިކާގެ އެންބަސީ ގުދްސަށް ބަދަލުކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅުއްވި ޚިޔާލުތައް ބަދަލުކުރައްވާފައިވާ ކަމަށް އެމެރިކާގެ މަސްއޫލުވެރިއަކު ވިދާޅުވެއްޖެއެވެ.

ނަންހާމަ ކުރަންނޭދޭ މި މަސްއޫލުވެރިޔާ ނިޔުޔޯކް ޓައިމްސްއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ ރަސްމީ ސިފައެއްގައި އިޢްލާން ނުކުރިނަމަވެސް ޓެލްއަވީވުގައި ހުންނަ އެމެރިކާގެ އެންބަސީ ގުދްސަށް ބަދަލުކުރުމުގެ ވިސްނުން ޓްރަމްޕްގެ ސަރުކާރުން މިހާރު ބަދަލުކޮށްފިކަމަށާއި އޭގެބަދަލުގައި ޓްރަމްޕްގެ ވިސްނުން މިހާރު ހުރީ އިސްރާއީލާއި ފަލަސްތީނާ ދެމެދު ސުލްޙައިގެ ވާހަކަތައް އަލުން ފެށުމަށް ކަމުގައެވެ.

ޓްރަމްޕްގެ ވިސްނުން ބަދަލުވީ މެދުއިރުމައްޗާބެހޭ އެމެރިކާގެ ތަޖްރިބާކާރުންގެ ލަފާފުޅުގެ މަތިންކަމަށްވެސް އެމެރިކާގެ މަސްއޫލުވެރިޔާ ވިދާޅުވިއެވެ. ގުދްސުގެ އިރުމަތީ ބަޔަކީ 1967ގެ ހަނގުރާމައިގައި އިސްރާއީލު ގަދަބާރުން ހިފާފައިވާ ބިމެކެވެ. އެބިން ހިފުމަށްފަހު 1983 ގައި އިސްރާއީލުންވަނީ ބައިނަލްއަގްވާމީ ގާނޫނުތަކާ އދ. ގެ ގަރާރުތަކާ ޚިލާފަށް ގުދުސްގެ އިރުމަތީ ބައި ހިމެނޭގޮތަށް މުޅި ގުދްސަކީ އިސްރާއީލުގެ ވެރިރަށުގެ ގޮތުގައި ހަދާފައެވެ. އިސްރާއީލުގައި ހުންނަ ދުނިޔޭގެ ގައުމުތަކުގެ އެންބަސީ ހުންނަނީ އެގައުމުގެ ވެރިރަށް ޓެލްއަވީވުގައެވެ.

އެމެރިކާގެ ވެރިކަން ލިބިއްޖެނަމަ ޓެލްއަވީވުގައި ހުންނަ އެމެރިކާގެ އެންބަސީ ގުދްސަށް ބަދަލުކުރާނެ ކަމަށް ވިދާޅުވެ އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ޓްރަމްޕް ވާހަކަ ދައްކަވާފައިވެއެވެ. މިއީ އެމެރިކާގައި ބާރުގަދަ ޔަހޫދީ ލޮބީ ގްރޫޕްތަކުގެ ތާއީދު ހޯއްދެވުމަށް ޓްރަމްޕް ދެއްކެވި ވާހަކަފުޅެއް ކަމަށް ބެލެވުނު ނަމަވެސް ވެރިކަމާ ހަވާލުވެ ވަޑައިގަތުމުގެ ތަންކޮޅެއް ކުރިންވެސް ޓްރަމްޕްގެ ގާތްބޭފުޅަކުވަނީ މިކަން ވަރަށް އަވަހަށް ޓްރަމްޕްގެ ސަރުކާރުންކުރާނެ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.

މިމައްސަލައިގައި އަރަބި ގައުމުތަކުން އެމެރިކާއަށް އިންޒާރެއް ދީފައިނުވި ނަމަވެސް ފަލަސްތީނުން ވަނީ މިގޮތަށް އެމެރިކާ އަމަލުކޮށްފިނަމަ އިސްރާއީލަކީ ދައުލަތެއްކަމަށް ގަބޫލު ނުކުރާނެ ކަމަށް ފާޅުގައި ބުނެ އެމެރިކާއަށް އިންޒާރު ދީފައެވެ. އަދި ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމާއަތްތަކުންވަނީ މިއަށްވުރެވެސް ހަރުކަށި އިންޒާރެއް ޓްރަމްޕަށް ދީފައެވެ. (ނިޔުޔޯކްޓައިމްސް)