އެފްއޭ ކަޕްގެ ގަދަ 16އިން ޗެލްސީ އާއި، މެންޗެސްޓާ ސިޓީ އަދި އާސެނަލް ޖާގަ ހޯދި އިރު، ލިވަޕޫލް މުބާރާތުން ކަޓައިފި އެވެ.

ޗެލްސީ، މެންޗެސްޓާ ސިޓީ އަދި އާސެނަލް ރޭ ކުޅުނު އެފްއޭ ކަޕް ހަތަރު ވަނަ ބުރުގެ މެޗުތަކުން މޮޅުވި އިރު، ލިވަޕޫލް ކުޅުނު މެޗުން ވަނީ ބަލިވެފަ އެވެ.

އެފްއޭ ކަޕްގައި ޗެލްސީއާއި ބްރެންޓްފޯޑް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ޗެލްސީ މޮޅުވީ 4-0 ލަނޑުން --- ފޮޓޯ/ އޭޕީ

އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގައި ބްރެންޓްފޯޑް އަތުން 4-0 ލަނޑުން ޗެލްސީ ވަނީ މޮޅުވެފަ އެވެ. އެ މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީން ކާމިޔާބު ކުރި ލަނޑުތައް ޖަހައިދިނީ ވިލިއަންއާއި ޕެޑްރޯ އެވެ. ދެ ވަނަ ހާފުގައި އެޓީމަށް ލަނޑުތައް ކާމިޔާބުކޮށްދިނީ ބްރަނިސްލާވް އިވަނޮވިޗްއާއި މިޗީ ބަޓްޝުއާއީ އެވެ.

އެފްއޭ ކަޕްގައި މެންޗެސްޓާ ސިޓީއާއި ކްރިސްޓަލް ޕެލަސް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ސިޓީ މޮޅުވީ 3-0 ލަނޑުން --- ފޮޓޯ/ އޭޕީ

ރަށުން ބޭރުގައި ރޭ ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅުނު މެޗުން ސިޓީ މޮޅުވެފައި ވަނީ 3-0 ލަނޑުންނެވެ. ސިޓީގެ ފުރަތަމަ ލަނޑު ރަހީމް ސްޓާލިން ކާމިޔާބުކޮށްދިން އިރު، އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ލެރޯއީ ސާނޭ އެވެ. އަދި އެ ޓީމުގެ ފަހު ލަނޑު ކާމިޔާބުކޮށްދިނީ ޔާޔާ ޓޫރޭ އެވެ.

އެފްއޭ ކަޕްގައި އާސެނަލްއާއި ސައުތުހެމްޓަން ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން އާސެނަލް މޮޅުވީ 5-0 ލަނޑުން --- ފޮޓޯ/ އޭޕީ

ރަށުން ބޭރުގައި ރޭ އާސެނަލުން ވަނީ ފަސޭހަކަމާ އެކު 5-0 ލަނޑުން ސައުތުހެމްޓަން އަތުން މޮޅުވެފަ އެވެ. އާސެނަލްގެ ފުރަތަމަ ދެލަނޑު ޑެނީ ވެލްބެކް ކާމިޔާބުކޮށްދިން އިރު، ތިއޯ ވަލްކޮޓް ވަނީ ތިން ލަނޑުޖަހައި ހެޓްރިކެއް ފުރިހަމަކޮށްފަ އެވެ.

އަމިއްލަ ދަނޑުގައި ރޭ ވުލްވްސްއާ ދެކޮޅަށް ކުޅުނު މެޗުން ލިވަޕޫލް ވަނީ 2-1 ލަނޑުން ބަލިވެފަ އެވެ. މެޗު ފެށުނުތަނާ ވުލްވްސްއަށް ރިޗާޑް ސްޓިއާމަން ލީޑު ނަގައިދިން އިރު، ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް އެ ޓީމަށް ލީޑު ފުޅާކޮށްދިނީ އަންދްރޭސް ވޭމަން އެވެ. ލިވަޕޫލްގެ ހަމައެކަނި ލަނޑު މެޗުގެ ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ ޑިވޯކް އޮރިގީ އެވެ.

އެފްއޭ ކަޕްގައި ލިވަޕޫލްއާއި ވުލްވްސް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ވުލްވްސް މޮޅުވީ 2-1 ލަނޑުން – ފޮޓޯ/ އޭޕީ

އަމިއްލަ ދަނޑުގައި ރޭ ވައިކޯމްބް ވެންޑެރާސް އަތުން 4-3 ލަނޑުން މޮޅުވެ، ޓޮޓެންހަމް ހޮޓްސްޕާ ވެސް ވަނީ ގަދަ 16ގެ ޖާގައެއް ހޯދައިފަ އެވެ. ޓޮޓެންހަމުން ކާމިޔާބު ކުރި ހަތަރު ލަނޑުގެ ތެރެއިން ދެލަނޑު ހިއުންގް މިން ސޮން ކާމިޔާބުކޮށްދިން އިރު، އެ ޓީމުގެ އަނެއް ދެލަނޑު ކާމިޔާބުކޮށްދިނީ ވިންސެންޓް ޖެންސަން އާއި ޑެލޭ އަލީ އެވެ. ވައިކޯމްބް ވެންޑެރާސްއިން ކާމިޔާބުކުރި ތިން ލަނޑުގެ ތެރެއިން ދެލަނޑު ޕޯލް ހަޔޭސް ކާމިޔާބުކޮށްދިންއިރު، އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ގޭރީ ތޮމްޕްސަންއެވެ.

ރޭ ގަދަ 16ގެ ޖާގަތައް ދެން ކަށަވަރުކުރި ޓީމުތަކުގެ ތެރޭގައި ހިމެނެނީ ބްލެކްބާން ރޮވާސްއާއި، ބާންލީއާއި، ލަންކޯން ސިޓީއާއި، މިޑްލްސްބަރާއާއި، އޮކްސްފޯޑް ޔުނައިޓެޑް އަދި ހަޑާސްފީލްޑް ޓައުން އެވެ.