25 Jun 2011, 10:46
ބެންޣާޒީ : ލީބިޔާގެ ޒަޢީމް ކާރނަލް މުޢައްމަރުލްގައްޒާފީގެ ވެރިކަން ވައްޓާލުމަށް ވެރިރަށް ޓްރިޕޮލީގައި ސިއްރިޔާތުގައި ޙަރަކާތްތެރިވަމުންދާ ލީބިޔާގެ އިދިކޮޅު ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރަމުން ގެންދާ ކަމަށް ލީބިޔާގެ އިދިކޮޅު އިންތިޤާލީ މަޖިލީހުން ބުނެފިއެވެ.
ބެންޣާޒީގައި މަރުކަޒު ހުންނަ ލީބިޔާގެ އިދިކޮޅު އިންތިޤާލީ މަޖިލީހުގެ މެންބަރެއް ކަމަށްވާ އަލްއަމީން ބިލްޙާޖް ވިދާޅުވީ ގައްޒާފީގެ ވެރިކަން ވައްޓާލުމަށް ޓްރިޕޮލީގެ ރައްޔިތުން ވެސް ތިބީ ކެތްމަދުވެފައި ކަމަށާ ލީބިޔާގެ ކަންކޮޅުތަކުގައި ޙަރަކާތްތެރިވާ އިދިކޮޅު ހުރިހާ ފަރާތްތަކަކާ އިންތިޤާލީ މަޖިލީހާ ދެމެދު މިހާރު މުޢާމަލާތްކުރެވި ގައްޒާފީގެ ވެރިކަން ނިމުމަކަށް ގެނައުމުގެ ޙަރަކާތްތައް ކޯޑިނޭޓް ކުރެވެމުންދާ ކަމުގައެވެ.
އަނެއްކޮޅުން ޓްރިޕޮލީއަށް ދެމުން ގެންދާ ނޭޓޯގެ ވައިގެ ޙަމަލާތައް ވަރުގަދަ ވަމުން ދިޔުމާ ގުޅިގެން ކާނަލް ޤައްޒާފީ، ޓްރިޕޮލީ ދޫކުރައްވައި ލީބިޔާގެ އެހެން ސަރަޙައްދަކަށް ވަޑައިގަންނަވަން އުޅުއްވާ ކަމަށް އެމެރިކާގެ ޖާސޫސީ ރިޕޯޓްތަކެއް ބުނެފިއެވެ.
މިރިޕޯޓްތަކާ ޙަވަލާދީ އޭ.އެފް.ޕީ ބުނާގޮތުން ޓްރިޕޮލީއަކީ އަމާންތަކެއް ނޫންކަމަށް ކަމަށް ނިންމެވުމަށްފަހު ޤައްޒާފީ މިހާރު ގެންދަވަނީ ލީބިޔާގެ އެހެން ރަށަކަށް ދރިއުޅުން ބަދަލުކުރައްވަން މަސައްކަތް ކުރައްވަމުންނެވެ.
ޓްރިޕޮލީގައި ހުންނަ ގައްޒާފީގެ ރިޔާސީ އެކުވެނި ނޭޓޯގެ ޙަމަލާތަކުގައި މުޅިންކަހަލަ ގޮތަކަށްވަނީ ހަލާކުވެފައެވެ. ލީބިޔާގެ ވަރަށް ގިނަ ރައްރަށުގައި ގައްޒާފީގެ ގެކޮޅުތަކާއި ބިންގަރާސްތައް ހުރިނަމަވެސް ލީބިޔާގެ އެއްވެސް ތަނެއްގައި ފުރިހަމައަށް ރައްކާތެރިކަން ނެތުމުން ލީބިޔާއިން ބޭރަށް ވަޑައިގަތުމުގެ ވިސްނުންވެސް ގައްޒާފީ މިހާރު ގެންގުޅުއްވާ ކަމަށް އެމެރިކާގެ ޖާސޫސީ ރިޕޯޓްތައް ބުނެއެވެ.
މީގެ އިތުރުން ކުރިޔަށް އޮތް ދެތިން ހަފްތާ ތެރޭގައި ލީބިޔާ ދޫކުރައްވައި އެފްރިކާގެ ޤައުމަކަށް ނޫނީ އިރުމަތީ ޔޫރަޕްގެ ބެލަރޫސަށް ގައްޒާފީ ވަޑައިގަތުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވިދާޅުވެ ލީބިޔާގެ ކުރީގެ ޚާރިޖީ ވަޒީރު ޢަބްދުއްރަޙްމާން ޝަލްޤަމް ރޯމްގައި އިއްޔެވަނީ ބަޔާނެއް ދެއްވާފައެވެ.
ގައްޒާފީގެ ސަރުކާރާ ވަކިވެ ވަޑައިގެން އިދިކޮޅު ފަރާތްތަކާ ގުޅިފައިވާ ޝަލްޤަމް ވިދާޅުވީ ބައިނަލްއަޤްވާމީ ކޯޓަށް ޙާޒިރު ނުކުރާނެ ކަމުގެ ގެރެންޓީ ލިބިއްޖެނަމަ ވެރިކަން ދޫކުރައްވައި ލީބިޔާއިން ބޭރަށް ވަޑައިގަތުމަށް ގައްޒާފީ ޚިޔާލުކުރައްވާކަން މުޢްތަބަރު ފަރާތަކުން އެނގިފައިވާ ކަމުގައެވެ. ގައްޒާފީގެ މުސްތަޝާރުން މިވާހަކަތަކަށް އަދި ރައްދު ދީފައެއް ނުވެއެވެ. (އަލްޖަޒީރާ)