11 May 2010, 10:29
14:30
އެމެރިކާއާއި އަފްޣާނިސްތާނާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ މަގުސަދުގައި އަފްޣާނިސްތާނުގެ ރައީސް ހާމިދު ކަރުޒާއީ އެމެރިކާއަށް ވަޑައިގެންފި އެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުގެ ތަރުޖަމާން ޕީ.ޖޭ ކްރޯލީ މައުލޫމާތުދެއްވި ގޮތުގައި ކަރުޒާއީ އާއި އޭނާގެ ޑެލިގޭޓުން ސްޓޭޓް ޑިޕާޓްމެންޓުގައި އެމެރިކާ ސަރުކާރުގެ އިސް ބައެއް ފަރާތްތަކާ މިއަދު ބައްދަލުކުރައްވާނެ އެވެ. އަދި ވައިޓް ހައުސްގައި މާދަމާ އެމެރިކާގެ ރައީސް ބަރަކް އޮބާމާ އާ ކަރުޒާއީ ބައްދަލުކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިކަމާ ގުޅިގެން އެމެރިކާ ސަރުކާރުން ބުނެފައިވަނީ މިބައްދަލުވުންތަކަކީ އެމެރިކާ އާއި އަފްޣާނިސްތާނުގެ ގުޅުން ހީނަރުވެފައިނުވާ ކަމުގެ ހެއްކެއް ކަމަށެވެ. އަދި މިބައްދަލުވުންތަކުގައި ތާލިބާނުންނާއެކު ސުލްހަ ގާއިމުކުރުމާ މެދު ވެސް މަޝްވަރާ ކުރެވޭނެ ކަމަށްވެސް އެފަރާތުން ބުނެ އެވެ.
ކަރުޒާއީ އެމެރިކާ އަށް ވަޑައިގެންފައިމިވަނީ އަފްޣާނިސްތާނުގެ ރިޔާސީ އަދި އާންމު އިންތިޚާބުތަކަށް އެމެރިކާއިން ނުފޫޒު ފޯރުވި ކަމަށް ވިދާޅުވެ މިދިޔަ އޭޕްރީލްމަހު ދެއްވި ސްޕީޗެއްގައި އެމެރިކާއާ މެދު އޭނާ ހިތްހަމަނުޖެހުން ފާޅުކުރައްވާފައިވަނިކޮށެވެ.