އެމެރިކާއިން މުސްލިމުންނަށް ފުރައްސާރަކުރާ ކަމަށް ބުނެ، އެމެރިކާ މީހުން އިރާނަށް ވަނުން އެ ގައުމުން މަނާކޮށްފި އެވެ.

އިރާނުން އެ ނިންމުން ނިންމީ، އެމެރިކާއިން އިރާނު ހިމެނޭ ގޮތަށް، ދުނިޔޭގެ އިސްލާމީ ހަތް ގައުމެއްގެ މުސްލިމުން އެމެރިކާއަށް ވަނުން ސަބަބުންނެވެ.

އެމެރިކާގެ ޑިޕާޓްމެންޓް އޮފް ސްޓޭޓް އެންޑް ހޯމްލޭންޑް ސެކިއުރިޓީން އިއުލާން ކުރަންދެން އެމެރިކާއަށް ހިޖުރަ ކުރުން ހުއްޓުވާނެ ގައުމުތަކަކީ އިރާން، ސީރިއާ، ލީބިއާ، ޔަމަނު، އީރާގު، ސޫދާން އަދި ސޯމާލިއާއެވެ.

އެމެރިކާއިން މި ގައުމުތަކުގެ މުސްލިމުން އެމެރިކާއަށް ވަނުން މަނާކުރުމުގެ ސަބަބުން އިރާނުގެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެމެރިކާއިން މަސައްކަތް ކުރަމުން ދަނީ މުސްލިމުންނަށް ފުރައްސާރަކޮށް، މުސްލިމުންގެ އަގު ވައްޓާލަން ކަމަށެވެ. އަދި ވަކިން ޚާއްސަކޮށް އިރާނުގެ އަގު ވައްޓާލަން ކުރި ކަމެއް ކަމަށް އިރާނުން ތުހުމަތު ކުރެއެވެ.

އެހެންކަމުން، އިރާނަށް އެމެރިކާ މީހުން ވެސް ވަނުން މަނާކުރަން ނިންމާފައިވާ ކަމަށް އިރާނުގެ ފޮރިން މިނިސްޓްރީން ބުނެއެވެ.