29 Jan 2017, 08:53
މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. ޒާކިރް ނައިކް ރާއްޖެ ވަޑައިގެން މުޅި ރާއްޖެ އަށް ފެންނަ ގޮތަށް ތަގުރީރް ކުރައްވަމުން ގެންދަވަނިކޮށް ދިވެއްސަކު ވަނީ އޭނާ އިސްލާމް ދީން ގަބޫލް ނުކުރާ ކަމަށް ބުނެފަ އެވެ. ދެ ހާސް ދިހަ ވަނަ އަހަރުގެ މެއި މަހު 29 ވަނަ ދުވަހުގެ ރޭ މއ. އޭނާޒް، މުހައްމަދު ނާޒިމް އެކަން އިއުލާން ކުރުމާ އެކު ސައްތައިން ސައްތަ އިސްލާމީ މިގައުމުގައި ދިވެއްސަކު ފާޅުގައި އެގޮތަށް ނުކުތް ނުކުތުމަކަށް އެކަންވި އެވެ. އެކަންވީ އެތައް ބަޔަކު އޭނާއާ ދޭތެރޭ ނަފްރަތު ކުރި ކަމަށެވެ. ސުވާލަކީ މިއަދު އެ ނާޒިމް ކޮބާތޯ އެވެ؟
އެކަން އެވީ ނަސީބަކަށް: ނާޒިމް
ނަވާރަ ސަތޭކަ ނުވަދިހަ ދެ ވަނަ އަހަރު އޭލަވަލް ނިންމުމަށް ފަހު ނާޒިމް އޮސްޓުރޭލިއާއަށް ކިޔަވަން ދިޔަ އެވެ. އެއީ އެކައުންޓްސް އާއި އައިޓީއެވެ. އެންމެ ކަންކަން އުނގެނި ދުނިޔެއަށް ހޭލާ އުމުރުގަ އެވެ. ނާޒިމް ބުނާގޮތުން ރާއްޖޭގެ ތައުލީމުގެ ތެރެއިން ދީނީ އިލްމާއި އިސްލާމީ އަސްލު އުސޫލްތައް ތައުލީމުގެ ތެރެއިން އޭނާއަކަށް ނޭނގުނެވެ. ނަތީޖާއަކަށްވީ އެހެން ދީނެއްގެ ބައެއްގެ ތެރޭގައި އުޅެ ފެނުނު މަންޒަރުތަކާއި އިވުނު އަޑުތަކާ އެކު އިސްލާމްދީނާ ދުރުވުމެވެ.

އެވިސްނުމުގައި ފާޅުގައި އިސްލާމް ދީނާ ދެކޮޅަށް ވާހަކަތައް ދެއްކުމަށް އުޅުމުގެ ތެރޭގައި ދިވެހިންގެ ފަހުރު ކަމުގައިވާ ސައްތައިން ސައްތަ އިސްލާމީ ގައުމުގެ ނަން ދީނީ އިލްމުވެރިއެއްގެ ކުރިމަތީގައި ބަދަލުކުރުން ވެގެންގޮސްފައި ވަނީ ނާޒިމަށް ހަޔާތުގައި ކުރެވުނު އެންމެ ބޮޑު އެއް ކަންތަކަށެވެ. ނަމަވެސް އޭނާ އެކަން ދެކެނީ އެއީ ރަނގަޅެއްގެ ގޮތުގަ އެވެ.
"ލައިފްގައި ކުރެވުނު އެންމެ ދެރަކަންތައް އެއީ، އެކަމަކު އެއީ ރަނގަޅެއް ކަމަށް މިބަލަނީ، ﷲ ހެޔޮ ރަހުމަތުން މަގު ދެއްކެވީ، ހިދުމަތް ކުރުމުގެ ފުރުސަތު މިހާރު ލިބިއްޖެ، ރަނގަޅު ތަޖުރިބާއެއް އެއީ،" ނާޒިމް އެ ވާހަކަތައް ހިއްސާ ކުރަމުން ވިދާޅުވި އެވެ.
އެ މައްސަލާގައި ނާޒިމް ހައްޔަރުކޮށްފައި ހުރިއިރު ޝެއިހް ހަސަން މޫސާ ފިކްރީ އޭނާއަށް އިސްލާމްދީން ބުނެދިނުން ވެގެންގޮސްފައި ވަނީ ތައުބާވަން ލިބުނު ރަނގަޅު ފުރުސަތެއް ކަމަށް ނާޒިމް ވިދާޅުވި އެވެ. އެއަށް ފަހު އިސްލާމްދީނުގެ އިލްމު އުގެނުނީ ނާޒިމް އަމިއްލައަށެވެ.

ދީނާ ދޭތެރޭ ޝައްކުވާ ނަމަ ނާޒިމް ނަސޭހަތެއް!
އިސްލާމް ދީނާ ދޭތެރޭ ޝައްކުކުރާ ނުވަތަ އަމަލު ނުކުރާ ބަޔަކު ދިވެހި މުޖުތަމައުއިން ދޭތެރެ ދޭތެރެއިން ފެނެ އެވެ. ނާޒިމް ވިދާޅުވީ އޭނާ ހިތުގައި ޝައްކުތައް އުފެދުނީ އިސްލާމް ދީން ނޭނގޭތީ ކަމަށާއި ދީން ދަސްކުރުމުން މިއަށް ވުރެ ފުރިހަމަ ދީނެއް ނެތްކަން ސާބިތުވާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.
"އިސްލާމްދީން ރަނގަޅަށް އުނގެނެން ބޭނުން ނަމަ އޯޕަން މައިންޑަކާ އެކު[ހުޅުވިފައިވާ ސިކުނޑިއަކާ އެކު] އުނގެނުން ވަރަށް މުހިންމު، މިބުނީ ވަކި ކަންތައްތަކެއް ސިނކުނޑީގައި ހަރުލައިގެން ނީދެ ދީން އުނގެނުން،" ދީން އުނގެނުމާ ގުޅޭ ގޮތުން ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ އިސްލާމް ދީނުގެ އުސޫލްތަކާއި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ދިރިއުޅުން އޭނާ ދަސްކުރީ އެގޮތުގެ މަތިން ކަމަށާއި ނަތީޖާއެއްގެ ގޮތުން ހެޔޮ މަގު އޭނާއަށް ދެއްކެވި ކަމަށެވެ. މިއަދުގެ ދިރިއުޅުން ހުރިހާ ގޮތަކުން ވެސް މާ އުފާވެރި ކަމަށް ނާޒިމް ވިދާޅުވި އެވެ.
މިއަދު އޭނާ ހުރީ ދީނީ ހިދުމަތުގައި!
އިސްލާމް ދީނަށް ފާޅުގައި ދެކޮޅު ހަދަމުން އޭރު ގެންދިޔަ ނާޒިމް ތައުބާވެ މިއަދު ހުރީ އިސްލާމް ދީނަށް ހިދުމަތް ކުރުމަށް ނުކުމެ އެވެ. އޭނާއަށް ލިބިފައިވާ ތައުލީމުގެ އަލީގައި އަގުހުރި ހިދުމަތްތަކެއް އެބަކުރެ އެވެ. ހައްޖު ކޯޕަރޭޝަންގެ ސޮޕްޓްވެއާ ޑިވެލޮޕަރެއްގެ ގޮތުގައި މިހާރު މަސައްކަތް ކުރާ ނާޒިމް މިހާރު ވަނީ އިސްލާމް ދީނުގެ ފަސް ވަނަ ރުކުން ކަމުގައިވާ ހައްޖަށް ދިއުމަށް ދިވެހިންނަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖެއްސުމަށް ރެއާއި ދުވާލެއް ނެތި މަސައްކަތުގަ އެވެ.

ކޮންމެ ތަނެއްގައި ހުރެގެން ވެސް މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ހިދުމަތްތައް އޮންލައިންކޮށް މިހާރު ހޯދޭނެ އެވެ. ހައްޖަށާއި އުމުރާއަށް ދިއުމަށް އޮންލައިންކޮށް ރަޖިސްޓްރީކޮށްގެން ފައިސާ ދައްކައި ޝެޑިއުލް ފަދަ މައުލޫމާތުތައް ފަސޭހަކަމާ އެކު ބަލާލެވޭ "ފަހެލި" ސޮފްޓުވެއާއަކީ ނާޒިމްގެ މަސައްކަތެވެ. އެ ޕޯޓަލް މެދުވެރިކޮށް އަގީގާ ކަތިލުމަށް ފުރަން ޖެހޭ ފޯމާއި އެކަމަށް ފައިސާ ދެއްކުމާއި ސަދަގާތުގެ ކަތިލުންތަކަށް ވެސް އޮންލައިން ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެ އެވެ.
ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ޔާމީން އިދުރީސް ވިދާޅުވީ އެ ހުރިހާ މަސައްކަތަކީ ނާޒިމްގެ މަސައްކަތްތައް ކަމަށާއި ނާޒިމަކީ "ވަރަށް މޮޅު ހިދުމަތްތެރިއެއް" ކަމަށެވެ.
"އަޅުގަނޑުމެންނާ އެކު މިހާރު ދެ ފަހަރު ހައްޖަށް ވެސް ގޮސްފި، ވަރަށް ރަނގަޅު، ދީނީ ކަންކަންކަމުގައި ވެސް ވަރަށް ރަނގަޅު،" ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ ކުރިއަށް އޮތްތަނުގައި އެ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް މާ ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސާނެ ކަމަށެވެ.

އުންމީދަކީ މީހުންގެ ދެކޭގޮތް ބަދަލުވުން!
ނާޒިމް ވިދާޅުވީ އޭނާއަށް އެކުށް ކުރެވުމުން ވެސް މުޖުތަމައުއިން އޭނާއާ ދޭތެރޭ ކަންތައްކުރީ ރަނގަޅަށް ކަމަށެވެ. އެންމެ މީހެއްގެ ފަރާތުން ނޫނީ ދެކޮޅުވެރި ކަމެއް ނުފެނުނެވެ. އަންހެނުންނާއި ތިން ދަރިންގެ އިތުރުން މައިންބަފައިންނާއި މުޖުތަމައުއިން ވެސް އޭނާ އަށް ފެނުނީ އޯގާތެރި މާހައުލެކެވެ.
"މިހާރު ވެސް ދުވަސްވީ މީހުން ފިރުމާލާފައި ބުނާނެ ނާޒިމް ނަމާދު ކުރަންހޭ، ރާއްޖޭގައި އަޅުގަނޑާ ދޭތެރޭ އޮތްވިސްނުން ބަދަލުވާން ބޭނުން،" އިސްލާމް ދީނަށް ހިދުމަތް ކުރުމަށް ތައްޔާރަށް ހުރި ނާޒިމްގެ އުންމީދު ހިއްސާކުރަމުން ވިދާޅުވި އެވެ.