29 Jan 2017, 08:49
ރާއްޖޭގެ ސުޕްރީމް ކޯޓުގެ ބެންޗަކީ ސަރަހައްދީ ގޮތުން ފާހަގަކޮށްލެވޭ ވަރުގެ ގާބިލު، ތަޖުރިބާކާރު ފަނޑިޔާރުންތަކެއްގެ މައްޗަށް އެކުލެވޭ ބެންޗެއް ކަމަށް ގިނަ ބަޔަކު ބުނާ ކަމަށް ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.
ޓީވީއެމްގެ 'ރާއްޖެ މިއަދު' ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ފިޝަރީޒް މިނިސްޓަރު ޝައިނީ ރޭ ވިދާޅުވީ، 2013 ވަނަ އަހަރު ރާއްޖެއަށް އުނދަގޫ ގިނަ ދަނޑިވަޅުތަކެއް އައި ކަމަށާއި، ނަމަވެސް ގާނޫނީ ހުސްކަމަކަށް ގައުމު ނުދިޔައީ، ސުޕްރީމް ކޯޓުން އެ ކޯޓުގެ ވާޖިބުތައް ފުރިހަމައަށް އަދާކޮށް، ހައްލުތަކެއް ނެރެދެއްވީތީ ކަމަށެވެ.
ޝައިނީ ވިދާޅުވީ އޭނާއާ ބައްދަލުވެފައިވާ ގިނަ ބަޔަކު، ރާއްޖޭގެ ޖުޑީޝަލް ސިސްޓަމްގައި މައްސަލަތަކެއް ހުރި ކަމަަށް ބުނާ ކަމަށެވެ. އެގޮތުން ކިޔަވައިގެން ތިބި މީހުން އިތުރު ކުރުމަށް ގިނަ ކަންތައްތަކެއް ކުރަންޖެހޭ ކަމަށް އެ މީހުން ބުނާ ކަމަށް ޝައިނީ ވިދާޅުވި އެވެ.
ނަމަވެސް، ރާއްޖޭގެ ސުޕްރީމް ކޯޓުގެ ބެންޗަކީ ސަރަހައްދީ ގޮތުން ފާހަގަކޮށްލެވޭ ގާބިލު، ތަޖުރިބާކާރު ބެންޗެއް ކަމަށް އެފަރާތްތަކުން ގަބޫލުކުރާ ކަމަށް ޝައިނީ ވިދާޅުވި އެވެ.
"އެބޭފުޅުން ވެސް އެއްބަސްވޭ، ރާއްޖޭގެ ސުޕްރީމް ކޯޓުގެ ބެންޗަށް ބަލާއިރު، އެއީ މުޅި މި ރީޖަންގައި ވެސް ފާހަގަކުރެވޭ ވަރުގެ ގާބިލިއްޔަތާއި ތަމްރީނާއި އެކްސްޕީރިއަންސް ހުރި ބެންޗެއްކަން ގަބޫލުކުރޭ،"
ޝައިނީ ވިދާޅުވީ އެންމެ ދަށު ކޯޓުތަކުގައި ޑިގްރީ ހައްދަވައިގެން ތިބި ފަނޑިޔާރުން ނެތް ނަމަވެސް، މައްސަލަ ނިމޭ މަރުހަލާތައް ކަމުގައިވާ، ހައި ކޯޓާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަކީ އެކަމަށް ގާބިލު، އަދި ރާއްޖޭގެ ކަންކަމުގައި ދިވެހީންނަށް އެކި ކަހަލަ ހައްލުތައް ނެރެދެއްވާފައިވާ ބޭފުޅުން ކަމަށެވެ.
ޑރ. ޝައިނީ ވިދާޅުވީ، ޖުޑީޝަރީގައި ގިނަ ކަންކަން ރަނގަޅުކުރަން ސަރުކާރުން ވެސް ބޭނުންވާ ކަމަށެވެ.
"އެހެންވީމަ މުޅިއަކުން މީހުންގެ މައްސަލައެއް ނޫން މިއޮތީ. އަޅުގަނޑުމެން ވެސް ބޭނުންވާ ވަރަކަށް ކަންކަން ކުރިޔަށް ގޮސްފައެއް ނުވޭ،"
މިނިސްޓަރ ޝައިނީ ވިދާޅުވީ، 2008 ވަނަ އަހަރު އާ ގާނޫނު އަސާސީއެއް ތަންފީޒު ކުރިތާ މަސް ދުވަސް ވެސް ނުވަނީސް ރިޔާސީ އިންތިޚާބަކާ ކުރިމަތިލާން ޖެހުނު ކަމަށާއި، އެ އިންތިޚާބުގައި ކާމިޔާބުވި ފަރާތްތަކަށް ގާނޫނު އަސާސީން މަތިކުރި މަސްއޫލިއްޔަތުތައް ފުރިހަމަ ނުކުރާ ކަމަށެވެ.
"ބައިވަރު ގާނޫނާއި މިނިވަން މުއައްސަސާތައް ހަދަން [މަތިކުރި]. އޭރުގެ ސަރުކާރުގައި މިއިން އެއްވެސް ކަމަކަށް އަޅާލާފައި އޮތީކީ ނޫން. ރައީސް ނަޝީދުގެ ތިން އަހަރު މި އިން އެއްވެސް ކަމެއް ނުކޮށް، ދެން އައި ދެ އަހަރު ގައުމު ހަލަބޮލި ކުރުމަށް އިދިކޮޅު ފަރާތްތަކަށް މާ ބޮޑު މަސައްކަތެއް ވެސް ނުކުރެވުނު،" ޝައިނީ ވިދާޅުވިއެވެ.
ނަމަވެސް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ވެރިކަމަށް އައިސް، މައްސަލަތައް ހައްލުކުރުމަށް ގިނަ ކަންކަން ކުރައްވާފައިވާ ކަމަށް ޝައިނީ ވިދާޅުވިއެވެ.