އިންޑިއާގެ ސްޓޭޓެއްގެ ގަވަރުނަރާ ދެކޮޅަށް އޭނާގެ އޮފީހުގެ މުވައްޒަފުންތަކެއް ޖިންސީ ފުރައްސާރަ ކުރިކަމުގެ ތުހުމަތު ކުރުމާ އެކު، ގަވަރުނަރު އިސްތިއުފާ ދެއްވައިފި އެވެ.

އިންޑިއާގެ އިރު އުތުރުގެ މެގަލަޔާ ސްޓޭޓުގެ ގަވަރުނަރު ވީ ޝަންމުގަނާތަންގެ މައްޗަށް ޖިންސީ ފުރައްސާރަކުރި ކަމުގެ ތުހުމަތުކޮށް އޭނާއާ ދެކޮޅަށް، ގަވަރުނަރުގެ ގެކޮޅު (ރާޖް ބަވަން)ގެ 80 އަށް ވުރެ ގިނަ މުވައްޒަފުން ސޮއިކުރި ޕެޓިޝަނެއް، ބޮޑުވަޒީރު ނަރެންދްރާ މޯދީއަށް ވަނީ ފޮނުވައިފައެވެ.

އެ ޕެޓިޝަނުގައި މުވައްޒަފުން ބުނެފައި ވަނީ ގަވަރުނަރު ޝަންމުގަނާތަން ގެންދެވީ ގަވަރުނަރުގެ ގެކޮޅުގައި ޒުވާން އަންހެން ކުދިންގެ "ކްލަބެއް" ހިންގަވަމުން ކަމަށާއި، ސީދާ ގަވަރުނަރުގެ އަމުރުގެ ދަށުން ޒުވާން އަންހެން ކުދިން ރެޔާއި ދުވާލު އެ ގެކޮޅަށް ވަދެ ނުކުމެ ހަދާ ކަމަށެވެ.

މުވައްޒަފުންގެ ޕެޓިޝަނުގައި ބުނި ގޮތުގައި ގަވަރުނަރު ޝަންމުގަނާތަން ގަސްދުގައި ގެންދެވީ، ގަވަރުނަރު މަސައްކަތް ކުރައްވާ ގަޑީގައި ހަމައެކަނި ޒުވާން އަންހެންކުދިން އޮފީހުގައި އުޅޭނެ ފަދަ ގޮތަކަށް، މުވައްޒަފުންގެ ޑިއުޓީ ތާވަލު ހަމަޖައްސަވަމުން ކަމަށާއި، ގަވަރުނަރުގެ ބޭއަދަބީ އަދި ބަދުއަޚުލާގީ އަމަލުތަކުގެ ވާހަކަތައް، މެގަލަޔާ ސްޓޭޓުގެ ވެރިކަންކުރާ ސިޓީ، ޝިލޮންގްގެ ގިނަ ބަޔަކު ދަންނާނެ ކަމަށެވެ.

ގަވަރުނަރު ޝަންމުގަނާތަންގެ މައްޗަށް މި ތުހުމަތުތައް ކުރި އިރު، އޭނާ ވަނީ ގަވަރުނަރުކަމުގެ މަގާމުން އިސްތިއުފާ ދިނުމަށް އިންޑިއާގެ ރައީސް ޕްރަނާބު މުކަރުޖީއަށް، މިދިޔަ ބުރާސްފަތި ދުވަހު ނޯޓިސް ހުށަހަޅުއްވައިފައެވެ. ރައީސް މުކަރްޖީ، ގަވަރުނަރުގެ އިސްތިއުފާ އިއްޔެ ވަނީ ގަބޫލު ކުރައްވައިފައެވެ.

މަގާމުން އިސްތިއުފާ ދެއްވުމުގެ އެއް ދުވަސް ކުރިން މީޑިއާގައި ވާހަކަ ދައްކަވަމުން، ގަވަރުނަރު ޝަންމުގަނާތަން ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ބަދުއަޚުލާގީ އަމަލުތަކުގެ ތުހުމަތުތައް ދުގުކުރައްވާފަ އެވެ. ގަވަރުނަރު ވިދާޅުވި ގޮތުގައި، ވަޒީފާއަށް އެދޭ ކުދިންތައް ގަވަރުނަރު ދިރިއުޅުއްވާ ގެކޮޅަށް އޭނާ ގެންދަވަނީ، ވަޒީފާއަށް ހޮވޭ ކުދިން ނިންމުމުގެ ކުރިން އެ ކުދިންނާ ބައްދަލުކުރެއްވުމަށެވެ.

ޝަންމުގަނާތަން ވިދާޅުވީ އޭނާގެ ހުރިހާ އަންހެން މުވައްޒަފުންނާ މެދު ދެކުނީ، އަދި އެ މުވައްޒަފުންނާ މުޚާތަބުކުރީ ވެސް ދަރީންނާއި ކާފަދަރީންގެެ ގޮތުގައި، އިހުތިރާމާއި އޯގާތެރިކަމާ އެކު ކަމަށާއި، ގޯސް އެއްވެސް އަމަލެއް ކުރައްވާފައި ނުވާ ކަމަށެވެ.

ޓަމިލް ނާޑޫއަށް ނިސްބަތްވާ 67 އަހަރުގެ ވީ ޝަންމުގަނާތަން މެގަލަޔާގެ ގަވަރުނަރުކަމަށް އައްޔަނު ކުރީ 2015 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. އެ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި މަނިޕޫރު ސްޓޭޓުގެ ގަވަރުނަރު ސައީދު އަހްމަދު އަވަހާރަވުމުން، މަނިޕޫރުގެ ގަވަރުނަރުކަމާ ވެސް ހަވާލުވެވަޑައިގަތީ ޝަންމުގަނާތަންއެވެ.

މަނިޕޫރުގެ ގަވަރުނަރުކަމަށް އާ ބޭފުޅަކު ހަވާލުވުމުން، އިންޑިއާ ސަރުކާރުން ވަނީ އަރުނާޗަލް ޕްރަދޭޝްގެ ގަވަރުނަރުކަން ވެސް ޝަންމުގަނާތަންއަށް ދެއްވައިފައެވެ. އިއްޔެ އޭނާ އިސްތިއުފާ ދެއްވުމާ އެކު އަރުނާޗަލް ޕްރަދޭޝްއާއި މެގަލަޔާގެ ގަވަރުނަރުގެ މަގާމު ހުސްވި އިރު، އިންޑިއާ ސަރުކާރުން މިހާރު ވަނީ އެ މަގާމުތަކަށް އާ ބޭފުޅުން އައްޔަނުކުރައްވައިފައެވެ. އެއީ މެގަލަޔާގެ ގަވަރުނަރުކަމަށް އައްސާމް ސްޓޭޓުގެ ގަވަރުނަރުކަން ކުރައްވަމުން ގެންދަވާ ބަންވަރީލާލް ޕުރޯހިތު، އަދި އަރުނާޗަލް ޕްރަދޭޝްގެ ގަވަރުނަރުކަމަށް ނާގަލޭންޑް ސްޓޭޓުގެ ގަވަރުނަރުކަން ކުރައްވާ ޕަދުމަންއަބާ އާާޗަރުޔާއެވެ.