28 Jan 2017, 20:38
ރާއްޖޭގައި ހުންނަވާ ބެލްޖިއަމްގެ އޮނަރަރީ ކޮންސުލްގެ މަގާމަށް ކުރީގެ ހެލްތު މިނިސްޓަރ ޑރ. މަރިޔަމް ޝަކީލާ އައްޔަނުކޮށްފި އެވެ.
ބެލްޖިއަމްގެ އޮނަރަރީ ކޮންސުލްގެ މަގާމަށް ޑރ. ޝަކީލާ ރަސްމީކޮށް އައްޔަނުކުރީ އިއްޔެ އެވެ. އެކަމަނާއާ ބައްދަލުކުރެއްވުމަށް، އިންޑިއާގައި ހުންނަވާ ބެލްޖިއަމްގެ ސަފީރު ޔާން ލުއީކްސް އިއްޔެ ރާއްޖެ ވަޑައިގެންނެވި އެވެ.
Welcome to Maldives Ambassador to HM King of the Belgians and team. Looking forward to constructive few days ahead@BelgiumMFA@TwitterBEpic.twitter.com/9As9PsODSr
— Maryam Shakeela (@drshakeela)January 27, 2017
ޑރ. ޝަކީލާއަށް ބެލްޖިއަމްގެ އޮނަރަރީ ކޮންސުލްކަން ލިބިވަޑައިގެންނެވި އިރު، އެކަމަނާގެ ފިރިކަލުން، އަދި ސިމްޑީ ގްރޫޕުގެ ޗެއާމަން އިބްރާހިމް މުހައްމަދު ދީދީއަކީ ރާއްޖޭގައި ހުންނަވާ، އައިސްލެންޑްގެ އޮނަރަރީ ކޮންސުލެވެ.
ބެލްޖިއަމް އަދި އައިސްލެންޑްގެ އޮނަރަރީ ކޮންސިއުލޭޓް ހުންނާނީ މާލޭގައި، ގ. މަނާމް ބިލްޑިންގްގައެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފުރަތަމަ ހެލްތު މިނިސްޓަރުކަމާއި، އަދި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި އެންވާރަމެންޓް މިނިސްޓަރުކަން ކުރެއްވި ޑރ. މަރިޔަމް ޝަކީލާ ސިޔާސީ ދާއިރާއިން ދުރަށް ވަޑައިގެންނެވި ފަހުން، އެކަމަނާ ކުރައްވާ މަސައްކަތަކީ އާއިލީ ވިޔަފާރީގެ މަސައްކަތެވެ. އެގޮތުން، އެކަމަނާ ގެންދަވަނީ އާއިލީ ކުންފުނި، ސިމްޑީ ގްރޫޕުގެ ސީއީއޯކަން ކުރައްވަމުންނެވެ.
މީގެ އިތުރުން ޑރ. ޝަކީލާ ގެންދަވަނީ އިންސްޓިޓިއުޓް ފޯރ ކައުންސެލިންގް އެންޑް ސައިކޯތެރަޕީ (އައިސީޕީ)، އައްޑޫ ސިޓީގައި ހުންނަ އިންޓަނޭޝަނަލް މެޑިކަލް އެންޑް ޑައިގްނޯސްޓިކް ސެންޓަރ (އައިއެމްޑީސީ)ގެ ޗެއާޕާސަންކަމުގެ އިތުރުން، އަންހެނުން ބާރުވެރިކުރުވުމަށް މަސައްކަތް ކުރާ ޖަމިއްޔާ މޯލްޑިވިއަން ނެޓްވޯކް ޓު އެމްޕަވާ ވިމެން (އެމްނިއު) އަދި އައްޑޫ ވިމެންސް އެސޯސިއޭޝަން (އަވާ)ގެ ވެސް ޗެއާޕާސަންކަން ކުރައްވަމުންނެވެ.
އޮސްޓްރޭލިއާގެ ކާޓިން ޔުނިވާސިޓީން ދާދިފަހުން ވަނީ، އެ ޔުނިވާސިޓީގެ ސްކޫލް އޮފް މެނޭޖްމެންޓުގެ އެޑްވައިޒަރީ ބޯޑަށް ވެސް ޑރ. ޝަކީލާ އައްޔަނު ކުރައްވައިފައެވެ.