އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާއާއި ޗައިނާއާ ހަނގުރާމަ ކުރާނެ ކަމަށް ބުނަމުން ދިޔަ ބުނުން ދަނީ، ހަގީގަތަކަށް ވުމާ ދިމާލަށް ކަމަށް ޗައިނާގެ އަސްކަރިއްޔާގެ އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

ޗައިނާގެ ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީގެ އަސްކަރީ ގޮފި، ޕީޕަލްސް ލިބަރޭޝަން އާމީ (ޕީއެލްއޭ)ގެ ވެބްސައިޓުގައިވާ ލިޔުމަކާ ހަވާލައިދީ، ޗައިނާގެ ނޫހެއްގައި ބުނެފައި ވަނީ، ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި ޗައިނާއާ އެމެރިކާއާ ދެމެދު ހަނގުރާމައެއް ފެށުމަކީ ހަގީގަތަކަށް ވެދާނެ ކަމެއް ކަމަށް ޗައިނާގެ ސެންޓްރަލް މިލިޓަރީ ކޮމިޝަނުގެ ބޭފުޅަކު ވިދާޅުވިކަމަށެވެ.

ޗައިނާގެ އަސްކަރީ ބޭފުޅާ އެހެން ވިދާޅުވީ، ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާއާ މެދު ގެންގުޅޭ ހަރުކަށި ނަޒަރުގެ ސަބަބުންނެވެ.

އެމެރިކާއިން މީގެ ކުރިން ވަނީ "ވަން ޗައިނާ" ސިޔާސަތު، ނުވަތަ، ދުނިޔޭގައި އޮންނަނީ އެންމެ ޗައިނާއެއްކަން ގަބޫލު ކުރުމުގެ ސިޔާސަތު ދަމަހައްޓައިފަ އެވެ. ނަމަވެސް ރައީސް ޓްރަމްޕްގެ ސަރުކާރުން ދަނީ ޓައިވާނަކީ ވަކި ދައުލަތެއްގެ ގޮތުގައި ބަލައިގަންނަ ފަދަ ގޮތަކަށް، ޓައިވާންގެ ރައީސް ސައި އިންގްވެންއާ ބައްދަލުކޮށް ވާހަކަދައްކަމުންނެވެ.

ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ޗައިނާގެ ވެރިކަމަށް ކޮމިއުނިސްޓުން އައި ފަހުން، އެގައުމުގައި ކުރިން ވެރިކަން ކުރި ކުއޯމިންޓަންގް (ކޭއެމްޓީ) ޕާޓީގެ އިސްވެރިން ވަނީ، ޗައިނާ ކައިރީގައި އޮންނަ ރަށް، ޓައިވާނަށް ބަދަލުވެ، އެތަނުގައި ކޭއެމްޓީގެ ސަރުކާރެއް ގާއިމުކޮށްފައެވެ. ޓައިވާނުގެ ރަސްމީ ނަމަކީ "ރިޕަބްލިކް އޮފް ޗައިނާ"އެވެ. އަދި އދ.ގައި ޗައިނާގެ ގޮތުގައި އެންމެ ފުރަތަމަ ބަލައިގެންފައި ވަނީވެސް ރިޕަބްލިކް އޮފް ޗައިނާ، ނުވަތަ ޓައިވާނެވެ.

ނަމަވެސް ފަހުން، ބެއިޖިންގްގައި ގާއިމުކޮށްފައިވާ ކޮމިއުނިސްޓުންގެ ވެރިކަމުގެ ޗައިނާ ނުވަތަ "ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ" އަކީ އަސްލު ޗައިނާގެ ގޮތުގައި އދ.އިން ބަލައިގަތެވެ. ޗައިނާއިން ބުނަމުން ދަނީ ޓައިވާނަކީ ޗައިނާގެ ބައެއް ކަމަށާއި، ޓައިވާނުގައި އޮތީ ސައްހަ ވެރިކަމެއް ނޫން ކަމަށެވެ. ނަމަވެސް އެމެރިކާގެ ރައީސް ޓްރަމްޕް ޓައިވާނުގެ ރައީސާ ބައްދަލުކުރެއްވުމަކީ، ޓައިވާނަކީ މިނިވަން، ވަކި ދައުލަތެއްގެ ގޮތުގައި ބަލައިގަތުން ކަމަށް ޗައިނާއިން ދެކެއެވެ.

ޗައިނާއާއި ޓައިވާނުގެ މައްސަލައިގެ އިތުރުން، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރެކްސް ޓިލަސަން ވަނީ، ދެކުނު ޗައިނާ ކަނޑުގައި ހުރި ވެސް ބުނެފައެވެ.

ޗައިނާ އިން ބުނާ ގޮތުގައި، ސައުތު ޗައިނާ ސީގެ ޖަޒީރާތަކާ ފަރުތަކަކީ، އެންމެ ކުރީއްސުރެ ޗައިނާގެ ޓެރިޓަރީއެކެވެ. އެ ސަރަހައްދުގައި އޮތް ނަންޝާ ޖަޒީރާތައް ޖަޕާނުގެ ބާރުގެ ދަށަށް ގެންގޮސްފައި އޮއްވައި، ޗައިނާ އިން ވަނީ އެ ރަށްތައް ވެސް އަނބުރައި ޗައިނާގެ ބާރުގެ ދަށަށް ގެންގޮސްފައި ކަމަށާއި އެކަން ވަނީ 1943 ވަނަ އަހަރުގެ ގާހިރާ މުއާހަދާ އާއި ދެ ވަނަ ބޮޑުހަނގުރާމާގައި ޖަޕާނުން ނާކާމިޔާބީ ގަބޫލުކުރި ކުރުން ބަޔާންކޮށް އެކުލަވާލި ޕޮޓްސްޑޭމް މުއާހަދާގައި ވެސް ކަމަށް ޗައިނާ އިން ބުނެ އެވެ.

އެހެން ނަމަވެސް، ސައުތު ޗައިނާ ސީގައި ހުރި، ތެލާއި ގޭހުގެ ގުދުރަތީ ވަސީލަތްތަކަށް ފިލިޕީންސުން 1970ގެ އަހަރުތަކުގައި، އދ.ގެ ޗާޓަރުތަކާ ކަނޑައެޅިގެން ޚިލާފަށް އަރައިގަނެ، މިހާތަނަށް އަށް ޖަޒީރާ ރަށެއް ހިފާފައިވާ ކަމަށް ޗައިނާ އިން ބުނެ އެވެ.

މި މައްސަލާގައި މައްސަލަ ނިންމާފައި އޮތް ނަމަވެސް ޗައިނާ އިން އޮތީ ދޫދޭގޮތަކަށް ނޫނެވެ.

ރައީސް ޓްރަމްޕްގެ ސަރުކާރުން މި މައްސަލައިގެ ތެރެއަށް ވަނުމަށް މަސައްކަތް ކޮށްގެން ނުވާނެކަމަށް ޗައިނާގެ ޚާރިޖިއްޔާއިން ބުނެފައިވާ އިރު، އެމެރިކާއިން އެމައްސަލައަށް ތަދައްޚުލްވެއްޖެ ނަމަ ދެގައުމުގެ ގުޅުން ވަރަށް ގޯސްވާނެ ކަމަށް ބެލެވެއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި، ޗައިނާއިން ވަނީ ދިގު ރާސްތާގެ ބެލިސްޓިކް މިސައިލްތަކެއް، ޗައިނާގެ އިރު އުތުރުގައި ހުންނަ ހެއިލޮންޖިއަންގް ޕްރޮވިންސްގެ ބޯޑަރު ކައިރީގައި މި ހަފްތާ ތެރޭގައި ގާއިމުކޮށްފައެވެ.