ކިރްގިސްތާން ގައުމީ ޓީމުގެ ގޯލްކީޕަރެއް ޔުނައިޓެޑް ވިކްޓަރީއާ ގުޅިއްޖެއެވެ.

ޔޫވީއާ ގުޅުނު ކީޕަރު ރުސްލާން އަމިރޯވް ވަނީ ކިރްގިސްތާންގެ އޮލިމްޕިކް ޓީމާއި ގައުމީ ސީނިއާ ޓީމަށް ވެސް މެޗުތަކެއް ކުޅެފައެވެ.

ރުސްލާންގެ އިތުރުން ކިރްގިސްތާން ގައުމީ ޓީމުގެ އެއްވަނަ ގޯލްކީޕަރު ޕަވެލް މަޓިއާޝް ވެސް މިއަހަރު ފެނިގެންދާނީ ރާއްޖެއިންނެވެ. މަޓިއާޝް، މާޒިޔާއަށް ސޮއިކުރިއިރު، އޭނާ ވަނީ ކުރިން ވެސް އެކްލަބަށް ކުޅެފައެވެ.

ކިރްގިސްތާނުގެ ގައުމީ ފުޓްބޯޅަ ޓީމް -- ފޮޓޯ: ކިރްގިސްތާން ފުޓްބޯލް ފެޑެރޭޝަން

ރުސްލާން ވަނީ ކިރްގިތާން ކްލަބް ފެންވަރުގައި ކާމިޔާބުތަކެއް ހޯދައިފައެވެ. އެގޮތުން އެފްސީ އަބްދީޝް އަތާ ކަންޓްއާއެކު ލީގާއި ކަޕް ކާމިޔާބުކުރިއިރު، އެފްސީ އަލްގާ ބިޝެކްއާއެކު ދެ އަހަރަކު ލީގުގެ ތިންވަނަ ހޯދައިފައެވެ.

ކިރްގިސްތާންގެ ކްލަބުތަކުގެ އިތުރުން ކަޒަކިސްތާންގެ ފުރަތަމަ ޑިވިޝަންގެ ދެ ކްލަބެއް ކަމަށްވާ އެފްސީ ލަޝީންއާއި އެފްސީ ގެފެސްޓް ގަރަގަންޑީ އަދި ތުރުކީގެ ފަސްވަނަ ޑިވިޝަންގެ ކްލަބެއް ކަމަށްވާ ޓުރަންސްޕޯއަށް ވެސް ކީޕަރު ރުސްލާން ކުޅެފައިވެއެވެ.

ޔޫވީއާ ގުޅުމަށްފަހު ކީޕަރު ރުސްލާން ބުނީ، އާ ފުޓްބޯޅަ ސިސްޓަމެއްގައި ރީތި ރާއްޖޭގައި ކުޅުމަށް އޭނާ ތައްޔާރު ކަމަށާއި ޔޫވީއަށް ޝުކުރު އަދާކުރާ ކަމަށެވެ.