28 Jan 2017, 15:28
މީގެ ކުރިން ތެލުގެ އަގު އަރައިގެން ދިޔަ ވަރަށް ދެން އަގު ބޮޑު ނުވާނެ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.
"ސަން" އަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު މިއަދު ވިދާޅުވީ، މީގެ ކުރިން ރާއްޖޭގައި ތެލުގެ އަގު މައްޗަށް ގޮސްފައިވީ ނަމަވެސް ދުނިޔޭގެ މާކެޓުގައި ތެލުގެ އަގު ދަށްވުމާ އެކު ރާއްޖޭގައިވެސް ތެލުގެ އަގު ދަށްވެ ހެޔޮ އަގުގައި ތެޔޮ ލިބެން ފެށި ކަމަށެވެ. ނަމަވެސް ދުނިޔޭގެ ތެލުގެ މާކެޓަކީ "ޕްރެޑިކްޓު" ކުރެވޭނެ އެއްޗެއް ނޫން ކަމަށާއި ތެލުގެ އަގު ބޮޑުވެދާނެ ކަން ހުރިހާ ގައުމަކުންވެސް ގަބޫލު ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.
"ދުނިޔޭގެ ތެލުގެ މާކެޓަކީ އެއްވެސް ވަރަކަށް ޕްރެޑިކްޓު ކުރެވޭނެ އެއްޗެއް ނޫން. އެހެން ވީމަ އަގު ބޮޑުވުމަކީވެސް އެކަށީގެންވާ ކަމެއް. އެކަން އެންމެންވެސް ގަބޫލު ކުރޭ. ނަމަވެސް ކުރިން އަގު އަރައިގެން ދިޔަ ވަރަކަށް ދެން ރާއްޖޭގައި ތެލުގެ އަގު ބޮޑު ނުވާނެ،" ޝައިނީ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ހެޔޮ އަގުގައި ތެޔޮ ލިބޭނެ ގޮތްތަކެއް ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އިންޑިއާއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުގައި އެގައުމާ އެކު މަޝްވަރާ ކޮށްފައިވާ ކަމަށެވެ. އެއާއެކު ސައުދީ އަރަބިއްޔާއާ އެކުވެސް އެފަދަ މަޝްވަރާތަކެއް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"ދުނިޔޭގެ މާކެޓުގައި ތެލުގެ އަގު އަރައިގެން ދިޔަ ސަބަބަކީ އޯޕެކްއާއި އެމެރިކާގެ ތެޔޮ އުފައްދާ ޓެކްނޮލޮޖީސްތަކުގެ މެދުގައި އުފެދުނު ކޮމްޕެޓިޝަން. މިހާރު އެގައުމުގެ ރައީސް ބަދަލުވުމާ އެކު ތެލުގެ މާކެޓު ވަރަށް ބޮޑަށް ބަދަލުވާނެ ކަމަށް ބެލެވޭ. ތެލުގެ މާކެޓު ދެން ބައްޓަން ވެގެން އަންނާނީ ކިހިނެއް ކަމެއް ޕްރެޑިކްޓް ނުކުރެވޭ. މިހާރު ހުންނެވި އެމެރިކާގެ ރައީސްގެ ސިޔާސަތްތަކުގެ ސަބަބުން ދުނިޔޭގެ ތެލުގެ މާކެޓަށް ވަރަށް ބޮޑު ބަދަލުތަކެއް އައިސްދާނެ،" ޝައިނީ ވިދާޅުވިއެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ ސަރުކާރުން މިހާރު މަސައްކަތް ކުރަމުން އަންނަނީ ތެލަށް ކުރާ ޚަރަދު ކުޑަކޮށް، ރާއްޖޭގެ ރަށްތަކުގައި އިޔާދަކުރަނިވި ހަކަތަ ބޭނުން ކުރުމަށް ކަމަށެވެ. އެގޮތުން ހުރިހާ ރަށެއްގައި ވެސް ބޭނުންކުރާ ކަރަންޓުގެ 30 ޕަސެންޓަކީ އިޔާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓު ކަމުގައި ހެދުމަށް މަސައްކަތްތަކެއް ފަށާފައިވާ ކަމަށާއި އެމަސައްކަތް ވަރަށް ކާމިޔާބު ކަމަށް އޭނާ ވިދާޅުވިއެވެ.
"މީގެ ތެރެއިން ބައެއް ރަށްތަކުގައި މިހާރު ބޭނުންކުރާ އިޔާދަ ކުރަނިވި ހަކަތައިގެ މިންވަރު ވަނީ 30 ޕަސެންޓަށްވުރެ މަތީގައި. މިއީ ކާމިޔާބު މަސައްކަތެއް. ތެލަށް ކުރާ ޚަރަދު ވަރަށް ބޮޑުތަން ކުޑަކުރެވިގެންދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.
ޑރ. ޝައިނީ ވިދާޅުވީ، މީގެ ކުރިން އިޔާދަކުރަނިވި ހަކަތަ ބޭނުން ކުރި މިންވަރާއި ސޯލާ ޕެނަލްތައް ހަރުކުރެވުނު މިންވަރަށްވުރެ ދެގުނަ އިތުރަށް އެ މަސައްކަތް މި ސަރުކާރުގެ ތިން އަހަރު ދުވަސްތެރޭ ކުރެވިފައިވާ ކަމަށެވެ. އަދި އެ މަސައްކަތުގެ އިތުރުން، ތެލުގެ ބަދަލުގައި ހަކަތަ އުފައްދަން އެހެނިހެން ގޮތް ގޮތް ހޯދަންވެސް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އޭނާ ވިދާޅުވިއެވެ.