އދ.ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަން އަކީ ރާއްޖޭގެ ގާނޫނުތަކާއި ގާނޫނު އަސާސީއަށްވުރެ މަތީގައިވާ ފަރާތެއް ނޫން ކަމަށާއި، ރާއްޖޭގެ ކަންތައްތައް ހިންގާނީ ރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނުތަކާ އެއްގޮތަށް ކަމަށް ވިދާޅުވެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝައިނީ މިއަދު "ސަން" އަށް ވިދާޅުވީ، އދ.ގެ ވޯކިން ގްރޫޕުގައި ފާހަގަކޮށްފައި ހުރި ކަންކަމަށް ރިއާޔަތްކޮށް ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް ދޫކޮށްލުމަށް އެދި ރާއްޖޭގެ ކުރީގެ ދެ ރައީސުން ކަމަށްވާ، ރައީސް މައުމޫނު އަބްދުލް ގައްޔޫމާއި ރައީސް މުޙައްމަދު ނަޝީދު އަދި ސިޔާސީ ބައެއް ފަރާތްތަކުން ދިވެހި ސަރުކާރަށް ގޮވައިލާ ގޮވައިލުމަކީ ވަރަށް ޒިންމާދާރުކަންކުޑަ އަމަލެއް ކަމަށެވެ.

އދ.ގެ ވޯކިން ގްރޫޕަކީ ރާއްޖޭގެ ގާނޫތަކާއި ގާނޫނު އަސާސީއަށްވުރެ މަތީގައިވާ ފަރާތެއް ނޫން ކަމަށާއި މީގެ ކުރިން، ރައީސް ނަޝީދު ދޫކޮށްލެއްވުމަށް ގޮވައިލައި އެ ގްރޫޕުން އެފަދަ ރިޕޯޓެއް ނެރުނުކަން ވެސް ޑރ. ޝައިނީ ފާހަގަކުރެއްވިއެވެ. އެފަދަ މައްސަލަތަކެއް ރާއްޖޭގެ ސިސްޓަމް ތެރޭގައި ހުރި ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާތީ އެމައްސަލަތައް ހައްލު ކުރުމަށް ސަރުކާރުން ސިޔާސީ މަޝްވަރާއަށް ހުޅުވާލި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން އަޅުގަނޑުމެން ސަރުކާރުން ހުޅުވާލިން ސިޔާސީ މަޝްވަރާއަށް. ރާއްޖޭގެ ސިސްޓަމްގައި މިފަދަ މައްސަލަތަކެއް ހުރި ނަމަ އެ މައްސަލަތައް ހައްލު ކުރުމަށްޓަކައި. ނަމަވެސް އެ ދައުވަތަށް އިޖާބަ ނުދީ ބަލާލުމެއް ނެތި މިފަދަ ގޮވާލުންތައް ގޮވާލުމަކީ އެފަދަ ފަރާތްތަކުގެ ޒިންމާދާރުކަން ކުޑަ އަމަލެއް،" ޝައިނީ ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، އދ.ގެ ވޯކިން ގްރޫޕަކީ ރާއްޖޭގެ މައްޗަށް ބަސް ހިންގޭނެ ފަރާތެއް ނޫން ކަމަށާއި ރާއްޖޭގެ ކަންތައްތައް ހިންގާނީ ރާއްޖޭގެ ގާނޫނު އަސާސީއާ އެއްގޮތަށް ކަމަށެވެ. އަދި އެފަދަ ކަންކަމަށް ގާނޫނު އަސާސީގެ ދަަށުން ޚާއްސަ ޕްރޮސީޖާއެއް އޮންނަ ކަމަށާއި، އެ ޕްރޮސީޖާގެ ތެރެއިން ނޫނީ އެއްވެސް ކަމެއް ރާއްޖޭގައި ނުހިންގާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އދ. ގެ ވޯކިން ގްރޫޕުން ނެރުނު ރިޕޯޓްގައި ބުނެފައިވަނީ ކާނަލް ނާޒިމްގެ މައްޗަށް ކޮށްފައިވާ ހުކުމަކީ ރާއްޖެ އާއި ބައިނަލް އަގުވާމީ ގާނޫނުތަކާ ޚިލާފަށް ކޮށްފައިވާ ހުކުމެއް ކަމަށެވެ. އަދި އޭނާ ވަގުތުން ވަގުތަށް މިނިވަންކޮށް، އޭނާއަށް ގެއްލިފައިވާ ހައްގުތަކުގެ ބަދަލު ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތަށް ދިވެހި ސަރުކާރުން ދޭންޖެހޭ ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

އަދި ވޯކިންގް ގްރޫޕުން ރާއްޖެއަށް ޒިޔާރަތެއް ކުުރުމަށް ދިވެހި ސަރުކާރުން ދައުވަތެއް ދިނުމަށް ވެސް އެ ގްރޫޕުން ވަނީ އެދިފައެވެ.

ޝައިނީ ވިދާޅުވީ، ރާއްޖެއަށް ޒިޔާރަތް ކުރުމެއް ނެތި، ޝަރީއަތް ކުރިއަށް ގެންދިޔަ ގޮތް ރަނގަޅަށް ނުބަލައި އެފަދަ ރިޕޯޓެއް ނެރުމަށްފަހު ރާއްޖެއިން އެ ގްރޫޕަށް ދައުވަތު ދިނުމަށް އެދިފައި އޮތް އޮތުމަކީ ތާކުން ތާކު ނުޖެހޭ ކަމެއް ކަމަށެވެ.

"ރާއްޖެއަށް އައިސް ކަންތައްތައް ބަލާފައި ރިޕޯޓު އެކުލަވައިލުން ކިހިނެއްތޯ ވާނީ. ރާއްޖެ ނައިސް ރިޕޯޓު އެކުލަވައިލުމަށްފަހު ދެން ރާއްޖެއިން ދައުވަތު ދޭށޭ ބުނާ ބުނުމަކީ ތާކުންތާކު ޖެހޭ ކަމެއް ނޫން،" މިނިސްޓަރު ޝައިނީ ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. ޝައިނީ ވިދާޅުވީ، އެ ރިޕޯޓު ކެބިނެޓަށް ލިބިފައިވަނީ މި ހަފްތާ ބަންދުގެ ތެރޭގައި ކަމަށެވެ. އެހެން ކަމުން އެ ރިޕޯޓާ ގުޅޭ ގޮތުން ކަމާ ބެހޭ ފަރާތްތަކުގެ މަޝްވަރާއާ އެއްގޮތަށް ސަރުކާރުން އަދި ބަޔާނެއް ނެރޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ވޯކިން ގްރޫޕުން ފާހަގަކޮށްފައިވާ ކަންކަން:

  • ކާނަލް ނާޒިމްގެ ކޮޓަރިން ފެނުނު ހަތިޔާރާއި ވަޒަންތަކަކީ އޭނާގެ ކޮޓަރިއަށް ފުލުހުން ވަދެ އަމިއްލައަށް ޕްލާންޓުކޮށްފައިވާ ތަކެތިކަމަށާއި، އެހެން ކަމުން އެކަމުގައި ނާޒިމް ފްރޭމްކުރުމަށް މަސައްކަތްކޮށްފައިވާ ކަމަށް ބެލެވޭ ކަން.
  • އެހާ ސީރިއަސް އަދި ބޮޑު ދައުވާއަކަށް ކްރިމިނަލް ކޯޓުން ދިން ފަސް ދުވަހުގެ މުއްދަތަކީ އެކަށީގެންވާ މުއްދަތެއް ނޫން ކަމާއި، ކްރިމިނަލް ކޯޓާއި ހައި ކޯޓަށް ނާޒިމްގެ ފަރާތުން ހުށަހެޅި ގިނަ ދިފާއީ ހެކިންގެ ހެކިބަސް ނުނެގުމާއި ދިފާއީ ހެކިން ހުށަހެޅުމަށް ވެސް ހުރަސްތަކެއް ކުރިމަތިކުރުން.
  • ދައުލަތުން ހުށަހެޅި ހެކިންގެ މައުލޫމާތު އެކަށީގެންވާ ގޮތެއްގައި ނާޒިމަށް ދީފައިނުވާކަން.
  • މައްސަލަ އިސްތިއުނާފު ކުރުމަށް ބޭނުންވާ ރިޕޯޓާއި އެހެނިހެން ލިއެކިއުންތައް އިސްތިއުނާފްގެ މުއްދަތުގެ ތެރޭގައި ކްރިމިނަލް ކޯޓުން ނާޒިމްގެ ވަކީލުންނަށް ފޯރުކޮށްދީފައި ނުވުން.
  • ފެނުނު ފިސްތޯލަ އާއި ވަޒަންތަކަކީ ނާޒިމްގެ ތަކެތިކަން ސާބިތުކޮށްދިނުމުގެ ޒިންމާ ދައުލަތާ ހަވާލުކުރުމުގެ ބަދަލުގައި އެއީ ނާޒިމްގެ އެއްޗެއް ނޫންކަން ޝަރީއަތުގައި ނާޒިމަށް ސާބިތުކޮށްދޭން ޖެހުން.
  • ހައިކޯޓުން މައްސަލަ ކުރިއަށް ގެންދިޔުމުގައި ފަސް މަސް ހޭދަކުރުމާއި މައްސަލަ އަވަސްކޮށްދޭން ސްޕްރީމް ކޯޓަށް ވެއްދި މައްސަލަ ބޭރުކޮށްލުން.

ވޯކިން ގްރޫޕުގެ ނިންމުމުގައި ބުނެފައިވާ ގޮތުގައި، ދިވެހި ދައުލަތުން ވަނީ ނާޒިމަށް ލިބިދޭ އިންސާނީ ހައްގުތަކާއި ފަރުދީ އަދި ސިޔާސީ ހައްގުތައް ނިގުޅައިގެންފައެވެ. އަދި ރާއްޖޭގެ ގާނޫނު އަސާސީންނާއި ރާއްޖޭގައި ހެދިފައި ހުރި އެހެން ގާނޫނުތަކުން އޭނާ އަށް ލިއްބައިދޭ ހައްގުތައް ވެސް ދައުލަތުން ނިގުޅައިގެންފައިވާ ކަމަށް އދ.ގެ ވޯކިން ގްރޫޕުގެ ބަޔާނުގައި ވެއެވެ.

މީގެ އިތުރުން އެ ގްރޫޕުން ވަނީ ނާޒިމްގެ މައްޗަށް ކޮށްފައިވާ ދައުވާ އާއި ހުކުމް އަނބުރައި ގެންގޮސް، އިންސާފުވެރިކަމާ އެކު ބައިނަލްއަގުވާމީ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް އެ މައްސަލަ އަލުން ބަލައި، އޭނާއާ މެދު އިންސާފުވެރި ޝަރީއަތެއް ކުރުމަށް ދިވެހި ސަރުކާރަށް ގޮވާލާފައެވެ.

ކާނަލް ނާޒިމްގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ކޮށްފައިވާއިރު އޭނާ ވަނީ ކްރިމިނަލް ކޯޓުގެ އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށް މައްސަލަ އަވަސްކޮށްދިނުމަށް ސުޕްރީމްކޯޓުގައި އެދިފައެވެ. ނަމަވެސް އެކޯޓުން ކަނޑައެޅީ ހައިކޯޓުގެ ހުކުމް ރަނގަޅު ކަމަށެވެ. އެއާއެކު އެހުކުމުން ސަލާމަތްވާން ހުރި ހުރިހާ ދޮރުތަކެއް ނާޒިމަށް ވަނީ ބަންދުވެފައެވެ.