ވޮޝިންޓަން(ޖެނުއަރީ 28): ވަކި ގޮތެއް އަންގަންދެން ސީރިއާގެ ރެފިއުޖީން އެމެރިކާއަށް ވަނުން އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަނާ ކުރައްވައިފި އެވެ.

'ހައްދުފަހަނައަޅާފައިވާ އިސްލާމީ ޓެރަރިސްޓުން އެމެރިކާއަށް ނުވެއްދުމަށްޓަކައި' ރައީސް ޓްރަމްޕް އިއްޔެ ސޮއި ކުރެއްވި ރިޔާސީ އަމުރުތަކުގެ ތެރޭގައި ވަކި މުއްދަތެއް ނެތް ގޮތަށް ސީރިއާގެ ރެފިއުޖީން އެގައުމަށް ދިޔުން މަނާ ކުރުމުގެ އިތުރުން ހަތަރު މަސް ވަންދެން އެމެރިކާގެ ރެފިއުޖީ ޕްރޮގްރާމް ހުއްޓާލުމަށް އަމުރުކޮށްފައިވެ އެވެ.

އަދި ތިން މަސް ވަންދެން މުސްލިމް ހަ ގައުމެއްގެ ރައްޔިތުން އެމެރިކާއަށް ދިޔުން ވެސް ވަނީ މަނާކޮށްފައެވެ. އެއީ އިރާގް، ސީރިއާ، އިރާން، ލީބިޔާ، ސޯމާލިއާ، ސޫދާން އަދި ޔަމަނުގެ ރައްޔިތުންނެވެ.

މީގެ އިތުރުން ޓްރަމްޕްގެ އަމުރުގައި ވަނީ އެމެރިކާއަށްދާ ރެފިއުޖީންގެ އެޕްލިކޭޝަންތައް ބަލައިގަތުމުގައި ދީނަށް އިސްކަން ދިނުމަށް އަންގާފައެވެ. ނަމަވެސް އެއީ އެޕްލިކޭޝަން ހުށަހެޅި މީހާގެ ދީނަކީ އޭނާ ނިސްބަތްވާ ގައުމުގައި މައިނޯރިޓީ ދީނަކަށްވާ ނަމައެވެ.

މީގެ ކުރިން ޓްރަމްޕް ދެއްވި ޓީވީ އިންޓަވިއުއެއްގައި އޭނާ ވަނީ ސީރިއާއިން އެމެރިކާއަށްދާ ނަސާރާ ދީނުގެ ރެފިރުޖީންނަށް މުސްތަގުބަލުގައި އިސްކަން ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ޓްރަމްޕްގެ އަމުރުގައި ވަނީ މިއަހަރު އެމެރިކާއިން ހިމާޔަތް ދޭނީ 50،000 ރެފިއުޖީންނަށް ކަމަށްވެސް ފާހަގަކޮށްފައެވެ. މިދިޔަ އަހަރު ރައީސް ބަރަކް އޮބާމާގެ ސަރުކާރުން ވަނީ އެމެރިކާއަށް ވަނުމަށް ސީރިއާގެ 10،000 ރެފިއުޖީންނަށް ހުއްދަ ދީފައެވެ. އަދި އެމެރިކާގެ އާބާދީގެ ނުވަ ބައިކުޅަ އެއް ބަޔާ އެއްވަރުގެ އާބާދީއެއް އޮންނަ ކެނެޑާއިން ވަނީ އެގައުމަށް ވަނުމަށް 35،000 ރެފިއުޖީންނަށް ހުއްދަ ދީފައެވެ. (ބީބީސީ)