ފޭސްބުކްގެ ތިން ވަނަ ޑޭޓާ ސެންޓަރު ޑެންމާކުގައި ގާއިމްކުރަން ނިންމައިފިއެވެ.

ފޭސްބުކުން ހާމަކުރި ގޮތުގައި ޑެންމާކުގައި ގާއިމްކުރާ ޑޭޓާ ސެންޓަރުގެ ބޮޑުމިނަކީ 56،500 އަކަފޫޓެވެ. މިއީ އެމެރިކާއިން ބޭރުގައި އެކުންފުނިން އަޅާ މިފަދަ ތިން ވަނަ ޑޭޓާ ސެންޓަރެވެ.

ފޭސްބުކްގެ އެގްޒެކެޓިވް ނިއަލް މިކް އެންޓޭގާޓް ވިދާޅުވި ގޮތުގައި އެ ސެންޓަރު ގާއިމް ކުރަން ހަމަޖައްސާފައިވަނީ ޑެންމާކުގެ ތިން ވަނައަށް އެންމެ ބޮޑު ސިޓީކަމަށްވާ އޮޑެންސްގައެވެ. އަދި އެ ސެންޓަރު ވެގެންދާނީ އެންމެ ކުރިއަރާފައިވާ، ހަކަތައިގެ ގޮތުން ބަލާއިރުވެސް ހަރަދުކުޑަ ޑޭޓާ ސެންޓަރަކަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޮޑެންސް ސިޓީގެ މޭޔަރު ޕީޓާ ރަބޭކް ވިދާޅުވެފައިވާ ގޮތުގައި ފޭސްބުކްގެ ޑޭޓާ ސެންޓަރު އެޅުމަށް އެ ސިޓީގެ އިންޑަސްޓްރިއަލް ސަރަހައްދުން ދީފައިވާ ބިމުގެ އަގަކީ 10 މިލިއަން ޑޮލަރެވެ.

މި ޑޭޓާ ސެންޓަރު އަޅަން ފަށާނެ ތާރީޚާއި އެހެނިހެން މައުލޫމާތު އަދި ފަހުން އިއުލާން ކުރާނެ ކަމަށް ޚަބަރުތައް ބުނެއެވެ.

އެމެރިކާއިން ބޭރުގައި ފޭސްބުކްގެ ޑޭޓާ ސެންޓަރެއް ފުރަތަމަ ގާއިމްކުރީ ސްވިޑެންގައެވެ. އެއަށްފަހު އަޔަލޭންޑުގައިވެސް ޑޭޓާ ސެންޓަރެއް ގާއިމްކޮށްފައިވެއެވެ.