ވޯލްޑް ޗެމްޕިއަންޝިޕް އަންހެން ވޮލީބޯޅަ މުބާރާތުގެ އޭވީސީ ކޮލިފައިން ބުރުގެ ފުރަތަމަ މެޗުގައި ރާއްޖޭގެ ޓީމު ނޭޕާލާ ދެކޮޅަށް ދެއްކީ ގޯސް ކުޅުމެއް ނޫން ކަމަށާއި ރާއްޖޭގެ ޓީމަށް މެޗު ތަޖުރިބާ މަދުވުމުން އުނދަގޫތަކާ ކުރިމަތިވީ ކަމަށް އެޓީމުގެ ކޯޗު އަހްމަދު އަދީލް (ބޭބެ) ބުނެފިއެވެ.

އިއްޔެ ނޭޕާލްއާ ދެކޮޅަށް ކުޅުނު މެޗުގައި ރާއްޖޭގެ ޓީމު ބަލިވެފައިވަނީ ސީދާ ތިން ސެޓުންނެވެ. އެ މެޗުގައި ރާއްޖޭގެ ޓީމުގެ ފަރާތުން ގޯސްތަކެއް ފެނިގެންދިޔަ ނަމަވެސް، ރަނގަޅު ހަމަލާތަކެއް ފެނިގެންދިޔައެވެ.

"މެޗު ތަޖުރިބާ މަދުވީމަ ޕްރެޝަރު ހޭންޑަލް ކުރަން އުނދަގޫވީ. އެހެންވެ ޑިފެންސް ކުރުމަށް އުނދަގޫތަކެއް ކުރަމަތިވެ، ގޯސްތަކެއް ހެދިގެން ދިޔައީ. ރާއްޖޭގެ ޓީމުގެ ކުޅުން ގޯހެކޭ ނުބުނެވޭނެ. ޓީމުގައި އުންމީދީ ކުޅުންތެރިންތަކެއް އެބަތިބި،" ރާއްޖޭގެ ޓީމުގެ ކޯޗު ބޭބެ ބުންޏެވެ.

ބޭބެ ބުނީ، އިދިކޮޅު ޓީމުތަކުން މުބާރާތަށް އަންނަނީ ބައިނަލްއަގުވާމީ ގިނަ މެޗުތަކެއް ކުޅެފައި ކަމަށާއި ނޭޕާލްއާ ވާދަކޮށްލެވުނީ ގިނަ ޕްރެކްޓިސްތައް ކުރެވުމުން ކަމަށެވެ. އަދި މުބާރާތަށް ނުކުތްއިރު ތަޖުރިބާގެ މައްސަލަތަކާ ކުރިމަތިލާން ޖެހޭނެކަން އެނގޭ ކަމަށް ވެސް އޭނާ ބުންޏެވެ.

ކޮލިފައިންގެ ފަހު މެޗުގައި މާދަމާ ހަވީރު ރާއްޖެ ނުކުންނަން ޖެހޭނީ އީރާނާ ދެކޮޅަށެވެ.

އޭޝިއާގެ ފައިނަލް ބުރަށް ކޮލިފައިވާނީ މިހާރު މާލޭގައި ކުރިއަށްދާ ކޮލިފައިން ބުރުގެ އެއްވަނަ ހޯދާ ޓީމެކެވެ. މިހާރު ރާއްޖެއަށް ވަނީ ކޮލިފައިވުމުގެ އަމިއްލަ ބާރު ގެއްލިފައެވެ.