ފުވައްމުލަކު ބަނދަރު ސަރަހައްދަށް މަރާމާތަށް އެހެލާފައި ހުރި ފައިބަރު ދޯންޏެއްގެ ވީލް ހައުސްގައި މިއަދު ހެނދުނު ރޯވެ، ވީލްހައުސް އެއްކޮށް އަނދާފައިވާ ކަމަށް އެ ރަށު އަތޮޅު ކައުންސިލްގެ މެންބަރަކު ކަށަވަރުކޮށްދީފި އެވެ.

އަތޮޅު ކައުން ކައުންސިލްގެ މެންބަރު އަބްދުﷲ އިބްރާހީމް މިއަދު ވިދާޅުވީ ބަނދަރު ސަރަހައްދުގައި އޮންނަ ސްލިޕްވޭ ސަރަހައްދަށް އެހެލާފައި ހުރި ދޯނީގެ ވީލްހައުސްގައި ރޯވެ އަލިފާން ހިފިތަން މިއަދު ހެނދުނު 6:30 ހާކަންހާއިރު ފެނުނީ އެވަގުތު މޫދުގައި ތިބި ބަޔަކަށް ކަމަށާއި ނަމަވެސް ރަށުގެ ފަޔާ ސްޓޭޝަނާއި އާންމުން ގުޅިގެން ކުރި މަސައްކަތުން މާގިނައިރުތަކެއް ނުވެ އަލިފާން ނިއްވާލާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އިންޝުއާކޮށްފައިވާ އެ ދޯނީގައި އަލިފާން ރޯވާންދިމާވީ ކީއްވެގެން ކަން އަދި ނޭނގޭ ކަމަށާއި ނަމަވެސް އެ މައްސަލަ އެ ރަށު ޕޮލިސް ސްޓޭޝަނުގެ ފަރާތުން ބަލަމުން އަންނަ ކަމަށެވެ.

"ސިފަ" ނަމަކަށް ކިޔާ އެދޯނީގެ ވެރިފަރާތުގެ އާއިލާގެ މީހަކު ބުނީ އެދޯނި އެހެލީ ނުދުއްވާތާ ހަތަރު ވަރަކަށް މަސްވުމުން ވިއްކާލަންވެގެން ފެހިކަހާ މާރާމާތުގެ މަސައްކަތެއް ކުރުމަށް ކަމަށެވެ. ނަމަވެސް އެހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ނޭނގޭ ކަމަށްވެސް އޭނާ ބުންޏެވެ.