28 Jan 2017, 11:57
އިންޑިއާގެ ޖެއިޕޫރުގައި ހުންނަ 'ޕަދްމާވަތީ'ގެ ސެޓަށް އެއްވި ބަޔަކު އެ ފިލްމުގެ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީއަށް ހަމަލާދީފިއެވެ.
ބަންސާލީއަށް ހަަމަލާ ދީފައި ވަނީ އޭނާގެ ކުރިއަށް އޮތް ފިލްމު 'ޕަދްމާވަތީ' އާ ދެކޮޅަށް މުޒާހަރާ ކުރަމުން ދިޔަ ރާޖްޕުތު ކަރްނީ ސޭނާ ކިޔާ ގްރޫޕަކުންނެވެ. އެ ގްރޫޕުން ޕަދްމާވަތީ އުފެއްދުން ހުއްޓާލުމަށް ގޮވާލައި މުޒާހަރާ ކުރަމުން އަންނަނީ އެ ފިލްމުގައި ތާރީޚު އޮޅުވާލާފައިވާ ކަމަށް ބުނެއެވެ.
އެގޮތުން އިއްޔެ ކުރިއަށް ދިޔަ މުޒާހަރާގައި އެ ގްރޫޕުން ވަނީ ޕަދްމާމަތީގެ ސެޓަށް ގޮސް ބަންސާލީއަށް ހަމަލާދީފައެވެ. އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުން ރާޖްޕުތު ކަރްނީ ސޭނާގެ މެމްބަރުން ވަނީ ބަންސާލީގެ މޫނުމަތީގައި ޖަހައި، އޭނާގެ އިސްތަށިގަނޑަށް ދަމައި އަނިޔާކޮށްފައެވެ.
އޭގެ އިތުރުން ސެޓުގައި ހުރި ބައެއް ސާމާނުތަކަށް ވެސް ގެއްލުންދީފައިވެއެވެ.
ޕަދްމާވަތީގައި ޕަދްމާވަތީގެ ރޯލުން ފެނިގެން ދާނީ ދީޕިކާ ޕަދުކޯން އެވެ. ޕަދްމާވަތީގެ ފިރިމީހާ ރާޖާ ރަވާލް ރަތަން ސިންގ ގެ ރޯލުން ފެނިގެން ދާނީ ޝާހިދު އެވެ. އަދި ރަންވީރު ސިންގ އަދާކުރާނީ އަލާއުއްދީން ޚިލްޖީގެ ރޯލެވެ.
ޕަދްމާވަތީގެ ސެޓުގައި ހިނގައިދިޔަ ހަމަނުޖެހުމާ ގުޅިގެން ފިލްމު އުފައްދާ ފަރާތުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް ރާޖެސްތާން ހޯމް މިނިސްޓްރީ އިން ވަނީ އެ މައްސަލަ ތަހުގީގު ކުރަން އަންގައިފައެވެ.
ރާޖްޕުތު ކަރްނީ ސޭނާ އިން ވަނީ މީގެ ކުރިން، 2008 ވަނަ އަހަރު ރިލީޒް ކުރި އާޝުތޯޝް ގޮވާރިކަރުގެ ފިލްމު 'ޖޯދާ އަކްބަރް' އާ ދެކޮޅަށް ވެސް މުޒާހަރާ ކޮށްފައެވެ.