28 Jan 2017, 12:12
އަދާލަތު ޕާޓީގެ ކައުންސިލް މެމްބަރު ސިދާތާ ޝަރީފުގެ ޕާސްޕޯޓް "ވަގުތުން ވަގުތަށް" ދޫކޮށްލުމަށް އެޕާޓީން ސަރުކާރަށް ގޮވާލައިފިއެވެ.
ޝިދާތާގެ ޕާސްޕޯޓު ހިފަހައްޓާފައިވަނީ ރާއްޖޭން ބޭރުގައި އުޅެފައި މިދިޔަ ބުރާސްފަތި ދުވަހު މާލެ އައުމާއެކު އެއާޕޯޓުންނެވެ.
އަދާލަތު ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޝިދާތާގެ ޕާސްޕޯޓު އަތުލުމަކީ ބައިނަލްއަގުވާމީ ދުނިޔެއާ ގުޅުން ބަދަހިކޮށް ތަހުޒީބު މުޖުތަމައެއް ބިނާ ކުރުމަށާއި އަދި ގައުމު ބިނާކޮށް ސިޔާސީ ލީޑަރުން އުފެއްދުމަށް އެ ޕާޓީން ކުރަމުން އަންނަ މަސައްކަތްތަކަށް ހުރަސް އެޅުމުގެ ގޮތުންކޮށްފައިވާ ކަމެއް ކަމަށެވެ.
"ގާނޫނު އަސާސީގެ 41 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ މިނިވަންކަމާއެކު ދަތުރުފަތުރުކުރުމުގެ ހައްގުން މަހުރޫމުކޮށް ޝިދާތާ ޝަރީފަށް ސަރުކާރުން ކުރަމުންދާ ފުރައްސާރަތަކަކީ ގާނޫނީ އެއްވެސް ހައިސިއްޔަތެއް ނެތް، ދެކޮޅު ނުޖެހޭ ބޭއިންސާފު އަނިޔާތަކެއް ކަން ހާމައަށް އެނގެން އޮންނާތީ މިކަމަކުން އިތުރަށް ކަށަވަރުވަނީ ރިޔާސީ އިންތިޚާބު ބޯމަތިވަމުން އަންނަ ހިނދު ރައްޔިތުންގެ ތާއިދު ގެއްލި ސަރުކާރު ގޮތް ހުސްވެފައިވާކަމެވެ،" އެޕާޓީގެ ބަޔާނުގައި ވެއެވެ.
ޝިދާތާގެ ޕާސްޕޯޓު ހިފަހައްޓާފައިވާއިރު އިދިކޮޅު އިއްތިހާދުގެ ބައެއް އިސް ފަރާތްތަކުގެ މޯބައިލް ފޯނުތައް ކޯޓު އަމުރުގެ ދަށުން މީގެކުރީން ފުލުހުން ހިފެހެއްޓިއެވެ. އޭރު ޝިދާތާގެ ފޯން ވެސް ހިފެހެއްޓި އެވެ. އޭރު އޭނާގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ ދައުލަތް ހިންގުމަށާއި ގާނޫނު ހިންގުމަށް ހުރަސްއެޅުމެވެ.