ކްލަބު ވެލެންސިއާގެ ކޯޗަކަށް، ކުރިން އެކްލަބަށް ކޯޗުކޮށްދިން އަދި ކުޅުންތެރިއެއްގެ ގޮތުގައި ފެނުނު އަހްމަދު މުޖްތަބާ (ފެސްކޯ) ހަމަޖައްސައިފިއެވެ.

ފެސްކޯ ވެލެންސިއާގެ ކޯޗުކަމާ ހަވާލުވެފައިވަނީ 10 އަހަރަށްވުރެ ދިގު މުއްދަތަކަށްފަހުއެވެ. އޭނާއަކީ 2001 ވަނަ އަހަރުގެ ޕޮމިސް ކަޕް އެކްލަބަށް ކާމިޔާބުކޮށްދިން ކޯޗެވެ.

ވެލެންސިއާގެ ކޯޗުކަމުގެ މަގާމުގައި ކުރިން ހުރީ މުހައްމަދު އިގުބާލެވެ. ވެލެންސިއާގެ ހެޑް ކޯޗަކަށް ފެސްކޯ ހަމަޖެއްސި ނަމަވެސް، އެކްލަބުގެ ބެންޗުން އިގުބާލު ފެނިގެންދާނެއެވެ.

ވެލެންސިއާގެ ޓީމާ ރަސްމީކޮށް ފެސްކޯ ހަވާލުވާނީ އޭއެފްސީ ކަޕްގެ ޕްލޭއޯފްގެ ފުރަތަމަ ލެގުގައި ބޫޓާންގެ ތިންޕޫ ސިޓީއާ ދެކޮޅަށް ކުޅޭ މެޗުގައެވެ. ފެސްކޯ އަދި އިގުބާލްއާއެކު ފާއިތުވެދިޔަ އަހަރުތަކުގައި އެކްލަބުގެ ބެންޗުން އެންމެ އިސްކޮށް ހަރަކާތްތެރިވާ އިސްމާއިލް އާސިފް (ކުޑަހީނާ)ވެސް ފެނިގެންދާނެއެވެ.

އޭއެފްސީ ކަޕްގެ ފުރަތަމަ ލެގުގެ މެޗަށް އަންނަ އަންގާރަ ދުވަހު ވެލެންސިއާ ނުކުންނަން ޖެހޭއިރު، ޓްރާންސްފާ މާކެޓްގައި ވެލެންސިއާގެ އަޑެއް އިވިފައެއް ނުވެއެވެ. އަދި އެޓީމުގެ ފަރިތަކުރުންތައް ވެސް ފަށާފައިވަނީ ވަރަށް ފަހުންނެވެ.

މިދިޔަ އަހަރު ދެވަނަ ޑިވިޝަންގައި މަހިބަދޫ ސްޕޯޓްސް ކްލަބަށް އިރުޝާދުދިން ފެސްކޯ ވަނީ ކުރިން ފުރަތަމަ ޑިވިޝަންގައި ވެެލެންސިއާގެ އިތުރުން އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) އަދި ވިޔަންސާއަށް އިރުޝާދުދީފައެވެ. އޭގެ އިތުރުން ކްލަބު ވެލެންސިއާގެ އެސިސްޓަންޓްް ކޯޗުކަމާއި، ހުއްރިއްޔާ ސްޕޯޓްސް ކްލަބު އެސިސްޓަންޓް ކޯޗުކަމާއި، ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗުކަމުގެ މަގާމުން އޭނާ ފެނިގެންދިޔައެވެ.