28 Jan 2017, 12:07
މިހާރު ދުނިޔޭގައި ކަންތައްތައް ހިނގަމުންދާ ގޮތުން ހީވަނީ ދުނިޔެ ދަނީ ހަނގުރާމައަކަށް ތައްޔާރުވަމުން ކަމަށް ސޯވިއެޓް ޔޫނިއަންގެ އެންމެ ފަހު ލީޑަރު މިޚައިލް ގޯބަޗޮވް ވިދާޅުވެއްޖެ އެވެ.
ޓައިމް މެގަޒިންއަށް ލިޔުއްވި އާޓިކަލްއެއްގައި ގޯބަޗޮވް ވަނީ ސިޔާސީ މަސްރަހު އަސްކަރީވަމުން ދިޔުމުގެ ސަބަބުންނާއި އެއް ގައުމަށް ވުރެ އަނެއް ގައުމުން ހަތިޔާރު އިތުރު ކުރުމަށް އޮތް ވާދަވެރިކަމުގެ ސަބަބުން ދުނިޔެ އޮތީ ނުރައްކާތެރި ހާލަތެއްގައި ކަމަށް ވިދާޅުވެފައެވެ.
ފިނި ހަނގުރާމަ ނިމުމަކަށް ގެނައުމުގައި އިސް ދައުރެއް އަދާ ކުރެއްވި ގޯބަޗޮވް ވަނީ 1980އިގެ އަހަރުތަކުގައި ރަޝިއާ އާއި އެމެރިކާއިން ނިއުކްލިއާ ހަތިޔާރު މަދު ކުރުމަށް ފެއްޓި މަސައްކަތަށް އިޝާރާތް ކުރައްވައި، އޭގެ ނަތީޖާއެއްގެ ގޮތުން ފިނި ހަނގުރާމައިގެ ތެރޭގައި އުފެއްދި ހަތިޔާރުގެ ތެރެއިން 80 ޕަސެންޓް ހަތިޔާރު މިހާރު ނައްތާލާފައިވާ ކަމަށް ވިދާޅުވެފައެވެ.
އަދި އޭގެ ސަބަބުން ނިއުކްލިއާ ހަނގުރާމައެއްގެ ނުރައްކާ ކުޑަވި ނަމަވެސް މިހާރު އަނެއްކާވެސް އެނުރައްކާ ބޮޑުވެއްޖެ ކަމަށް ވިދާޅުވެފައެވެ.
"ސިޔާސީ އަދި އަސްކަރީ ލީޑަރުންގެ އަޑު ދަނީ ގަދަވަމުން އަދި ދިފާއީ ސިޔާސަތުތައް ދަނީ ނުރައްކާތެރިވަމުން. ކޮމެންޓޭޓަރުންނާއި ޓީވީ ޝަހުސިއްޔަތުތައް ދަނީ ހަނގުރާމައަށް އޮތް ޝައުގު ފާޅު ކުރުމުގައި ބައިވެރިވަމުން. ކަންތައްތައް ހިނގަމުންދާ ގޮތުން ހީވަނީ ދުނިޔެ ހަނގުރާމައަކަށް ތައްޔާރުވަމުންދާހެން،" ގޯބަޗޮވް ވިދާޅުވި އެވެ.
ގޯބަޗޮވް ވިދާޅުވި ގޮތުގައި މިހާރު ނޭޓޯއާއި ރަޝިއާގެ ހަތިޔާރުތައް ވަނީ ހަމަލާއެއް ދެވޭ ވަރަށް ކައިރިއަށް ޖައްސައިފައެވެ. އަދި ބައެއް ގައުމުތަކުގައި ރައްޔިތުންގެ ބޭނުންތަކަށް ހަރަދު ކުރާނެ ފައިސާ ނެތް ނަމަވެސް އަސްކަރިއްޔާއަށް ކުރާ ހަރަދު ދަނީ އިތުރުވަމުންނެވެ.
އެހެންކަމުން ނިއުކްލިއާ ހަނގުރާމައެއްގެ ނުރައްކާ ނައްތާލުމަށް ގައުމުތަކުން ގުޅިގެން ނިންމުންތައް ނިންމައި، އަޅާނެ ފިޔަވަޅުތަކާ ބެހޭ ގޮތުން މަޝްވަރާ ކުރަން ޖެހޭ ކަމަށް ގޯބަޗޮވް ވިދާޅުވި އެވެ. އަދި އެމަޝްވަރާތަކުގައި އިސްކަން ދޭންވީ ހަނގުރާމައެއް ފެށުން ހުއްޓުވަމަށާއި، ހަތިޔާރު އިތުރުކުރުމުގެ ވާދަވެރިކަން ނައްތާލުމަށާއި ހަތިޔާރު މަދުކުރުމަށް ކަމަށް ގޯބަޗޮވް ވިދާޅުވި އެވެ.
އެގޮތުން ބައިނަލްއަގުވާމީ ސުލްހަ އާއި ސަލާމަތުގެ ޒިންމާ އެޅިފައިވާ އދގެ ސަލާމަތީ ކައުންސިލުން ނިއުކްލިއާ ހަނގުރާމައާ ދެކޮޅަށް ގަރާރެއް ފާސްކުރުމަށް ގޯބަޗޮވް ގޮވާލެއްވި އެވެ. އަދި އެފަދަ ގަރާރެއް ފާސް ކުރުމަށް އިސް ނަގަން ޖެހޭނީ ދުނިޔޭގައިވާ ނިއުކްލިއާ ހަތިޔާރުގެ ތެރެއިން 90 ޕަސެންޓް ހަތިޔާރު އެއްކޮށްފައިވާ ދެ ގައުމު ކަމަށްވާ އެމެރިކާ އާއި ރަޝިއާގެ ލީޑަރުން، (ޑޮނަލްޑް ޓްރަމްޕާއި ވްލަޑިމިއާ ޕުޓިން) ކަމަށް ގޯބަޗޮވް ވިދާޅުވި އެވެ.