މިހާރު ސިނަމާތަކުގައި ދައްކަމުން އަންނަ 'ރައީސް' އަދި 'ކާބިލް'އަށް ހަމަހަމަ އުސޫލަކުން ސިނަމާތައް ނުދިން މައްސަލައިގައި ޝާހް ރުކް ޚާނަށް އަދި ރައީސްގެ ޓީމަށް އަމާޒުކޮށް ޕްރޮޑިއުސަރު ރާކޭޝް ރޯޝަން ދެއްކި ވާހަކަތަކަށް ޝާހު ރައްދު ދީފިއެވެ.

މި މަހުގެ 25 ވަނަ ދުވަހު ދެ ފިލްމު އެކީގައި ރިލީޒް ކޮށްފައި ވާއިރު، 50-50 އުސޫލަކުން ސްކްރީން ދޫކުރާނެ ކަމަށް ބުނި ނަމަވެސް، ސްކްރީން ދޫކޮށްފައި ވަނީ ރައީސް އަށް 60 ޕަސެންޓު އަދި ކާބިލް އަށް 40 ޕަސެންޓެވެ.

އެކަމާ ހިތްހަމަ ނުޖެހިގެން ފިލްމު ހެދުން ހުއްޓާލާނެ ކަމުގެ އިންޒާރުގެ އިތުރުން ރާކޭޝް ވަނީ ޝާހަށް އަދި ރައީސްގެ ޓީމަށް އަމާޒުކޮށް ވެސް ބަހުގެ ހަމަލާތަކެއް ދީފައެވެ.

އެގޮތުން ބޮލީވުޑަކީ ކުރިން އެއް އާއިލާއެއް ކަމަށާއި، ނަމަވެސް މިހާރު ބޮލީވުޑްގެ ފަންނާނުންގެ މެދުގައި ހަގީގީ އެކުވެރިކަމެއް ވެސް ނެތް ކަމަށް ރާކޭޝް ވަނީ ބުނެފައެވެ. އަދި ހީލާފައި ހުރެ ސަލާން ކޮށް ހަދަނީ މީޑިއާއަށް ދައްކަން ކަމަށް ވެސް ވަނީ ބުނެފައެވެ.

އެންމެ ފަހުން އެ ވާހަކަތަކަށް ޝާހު މިވަނީ ރައްދު ދީފައެވެ. އިންޑިއާގެ ޓީވީ ޗެނަލަކަށް ދިން އިންޓަވިއު އެއްގައި ޝާހު ބުނެފައި ވަނީ އެކުވެރިކަމާއި މަސައްކަތް އަބަދުވެސް ވަކި ކުރުމަކީ އޭނާ ގަބޫލު ކުރާ އުސޫލު ކަމަށެވެ.

"އެއީ އަހަރެންގެ އެކުވެރިން. އަދި އަހަރެން ރިތިކް އާއި ކާބިލްގެ ޓީމަށް ކާމިޔަބަށް އެދުނިން. އަހަރެން އުންމީދު ކުރަން ކާބިލްއަށް ރަނގަޅު ކާމިޔާބެއް ލިބޭނެ ކަމަށް،" ޝާހު ބުންޏެވެ.

އަދި ކުރިން ބޮލީވުޑަކީ އެއް އާއިލާއެއް ކަމަށް ބުނެ ރާކޭޝް ދައްކާފައިވާ ވާހަކަތަކަށް ރައްދު ދެމުން ޝާހު ބުނީ، ޝާހުގެ ބައްޕަ ދުނިޔޭގައި ހުރި ނަމަ ރާކޭޝް އާ ވާހަކަ ދެއްކުވީސް ކަމަށެވެ.

"އެކަމަކު އަހަރެންގެ ބައްޕަ މިހާރު އަހަރެން ގާތަކު ނެތް،" ޝާހު ބުންޏެވެ.