މި މަހުގެ 25 ވަނަ ދުވަހު ރިލީޒް ކުރި ރިތިކް ރޯޝަންގެ ފިލްމު 'ކާބިލް' އަދި ހަމަ އެދުވަހު ރިލީޒް ކުރި ޝާހު ރުކް ޚާންގެ ފިލްމު 'ރައީސް'ގެ އެގްޒިބިޓަރުން ދެކެ ހިތްހަމަ ނުޖެހިގެން، ފިލްމު ހެދުން ހުއްޓާލައި އިންޑަސްޓްރި ދޫކޮށްލާނެ ކަމުގެ އިންޒާރު ރިތިކްގެ ބައްޕަ އަދި 'ކާބިލް'ގެ ޕްރޮޑިއުސަރު ރާކޭޝް ރޯޝަން ދީފިއެވެ.

ޝާހު އާއި 'ރައީސް'ގެ އުފެއްދުންތެރިންނާ ރާކޭޝް އާދެމެދު ނުތަނަވަސްކަން އުފެދުނީ ސިނަމާތައް ހިންގާ ފަރާތްތަކުން ދެ ފިލްމަށް ވެސް އެއް އަދަދަކަށް ސްކްރީންތައް ދޫކުރާނެ ކަމަށް ބުނެ، އެންމެ ފަހު ވަގުތު 'ރައީސް' އަށް ގިނަ ސްކްރީން ދިނުމުންނެވެ.

50-50 އުސޫލުން ސްކްރީން ދޫކުރަން އެއްބަސްވި ނަމަވެސް، ސްކްރީން ދޫކޮށްފައި ވަނީ 40-60 އަށެވެ.

ރާކޭޝް ބުނީ ރައީސްއަށް ގިނަ ސްކްރީން ދީފައި ވަނީ ބޭއިންސާފުން ކަމަށާއި ސިނަމާތައް ހިންގާ ފަރާތްތަކުގެ ނިންމުމުގެ ސަބަބުން ވަރަށް ބޮޑު ހިތާމައެއް ލިބިފައިވާ ކަމަށާއި ބޭއިންސާފުން ކަންތައްތައް ދާނަމަ ފިލްމު ހެދުން ހުއްޓާލާނެ ކަމަށެވެ.

"ސިނަމާ ހިންގާ ފަރާތްތަކަކީ ވަރަށް ބާރުގަދަ ބައެއް. އެކަމަކު އެމީހުންގެ ބާރު ބޭނުން ކުރަމުން އަންނަނީ މުޅިން ނުބައި މިސްރާބަކަށް. ދެ ފިލްމު އެކުއެކީގައި ރިލީޒް ކުުރުމަކީ ޕްރޮޑިއުސަރުންނަށާއި ފިލްމު ދައްކާ ފަރާތްތަކަށް ވެސް އަދި ފިލްމު ބަލަންދާ ފަރާތްތަކަށް ވެސް ވަރަށް ބޮޑަށް ގެއްލުންވެދާނެ ކަމެއް. ހަފްތާއަކު ދެ ފިލްމު ބަލާނެހާ ލާރި ނުހުންނާނެ. އަހަރެން މިހުރީ ވަރަށް ހިތްހަމަ ނުޖެހިފައި. އަދި މިކަން ތަކުރާރު ވާނަމަ އަހަރެން ފިލްމް ހެދުން ހުއްޓާލާނަން." ރާކޭޝް ބުނެފައިވެ އެވެ.

އޭގެ އިތުރުން ރާކޭޝް ވަނީ ޝާހުއަށް އަދި ރައީސްގެ ޓީމަށް އަމާޒުކޮށް ވެސް ބަހުގެ ހަމަލާތަކެއް ދީފައެވެ.

އެގޮތުން ބޮލީވުޑް އަކީ ކުރިން އެއް އާއިލާ އެއް ކަމަށާއި، ނަމަވެސް މިހާރު ބޮލީވުޑުގެ ފަންނާނުންގެ މެދުގައި ހަގީގީ އެކުވެރިކަމެއް ވެސް ނެތް ކަމަށް ރާކޭޝް ވަނީ ބުނެފައެވެ. އަދި ހީލާފައި ހުރެ ސަލާން ކޮށް ހަދަނީ މީޑިއާއަށް ދައްކަން ކަމަށް ވެސް ވަނީ ބުނެފައެވެ.

ރާކޭޝް ހިތްހަމަ ނުޖެހިގެން ތަފާތު އިންޒާރުތައް ދެމުން އަންނަ އިރު، 'ރައީސް' އުޅެނީ 'ކާބިލް' އަށް ވުރެ މާބޮޑަށް ވެސް ކުރީގައެވެ. ތިން ދުވަހުން ޝާހުގެ ރައީސް އަށް 50 ކުރޯޑު ރުޕީޒް ލިބިފައި ވާއިރު، ކާބިލް އަށް ލިބިފައި ވަނީ 29.10 ކުރޯޑު ރުޕީޒް އެވެ.