28 Jan 2017, 09:34
އދ. މަޖިލިސް(ޖަނަވަރީ 28): އދ.ގައި ހުންނަވާ އެމެރިކާގެ ދާއިމީ މަންދޫބު ކަމުގެ މަގާމަށް ރައީސް ޑޮނަލްޑް ޓްރަމްޕް އަލަށް އައްޔަން ކުރެއްވި ނިކީ ހިލީ އެމެރިކާގެ ބައިވެރީންނަށް ހަރުކަށި އިންޒާރެއް ދެއްވައިފިއެވެ.
އެމެރިކާއަށް ހިޖްރަކޮށްގެން އުޅޭ އިންޑިޔާ ދަރިކޮޅުގެ ރައްޔިތެއް ކަމަށްވާ ނިކީ އެމަގާމަށް އައްޔަން ކުރެއްވުމާ ގުޅިގެން ނިޔުޔޯކްގައި ހުންނަ އދ.ގެ މައިމަރުކަޒަށް ވަޑައިގެން ދެއްވި އެންމެ ފުރަތަމަ ބަޔާނުގައި ވިދާޅުވީ، އެމެރިކާ އެދޭކަންކަމަށް އެމެރިކާގެ ބައިވެރީން އެހީތެރިވާންޖެހޭނެ ކަމަށާއި އެހެންނޫނީ އެމެރިކާއިން އެގައުމުތަކުގެ ނަންތައް ނޯޓްކޮށް އެގައުމުތަކަށް ފަހުން ވަރުގަދަ ރައްދެއް ދޭނެކަމުގައެވެ. ނަމަވެސް އެމެރިކާގެ ބަސްނާހާ ބައިވެރީންނަށް ދޭނީ ކޮންބާވަތެއްގެ ރައްދެއްކަން ނިކީ ހާމައެއް ނުކުރައްވައެވެ.
ނިކީ، އދ.ގެ މައިމަރުކަޒަށް ވަޑައިގެންނެވީ އޭނާގެ ދާއިމީ މަންދޫބު ކަމުގެ ފަތްކޮޅު އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުޓޭރަސް އަށް އެރުވުމަށްޓަކައެވެ. ގްޓޭރަސްގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ނިކީވަނީ އެކަމަނާގެ ދާއިމީ މަންދޫބު ކަމުގެ ފަތްކޮޅު ގުޓޭރަސްއަށް އިއްޔެ އަރުވާފައެވެ. އދ.އަށް ވަޑައިގެން ނިކީ ދެއްވި ބަޔާނުގައި އދ.ގެ އޮނިގަނޑު އިސްލާޙް ކުރަންޖެހޭކަމަށާއި އެކަމަށް އެމެރިކާ ވަރަށް ބާރުވެރި ގޮތެއްގައި މަސައްކަތް ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް އދ.ގެ އޮނިގަނޑު އިސްލާޙް ކުރުމުގެ އެއްވެސް ރޭވުމެއް ނިކީ ހާމަކުރައްވާފައެއް ނުވެއެވެ.
އދ.ގެ އޮނިގަނޑަކީ މީގެ 60 އަހަރުގެ ކުރީގެ އޮނިގަނޑެއްކަމަށްވެފައި އެ އޮނިގަނޑު ބައިނަލްއަގްވާމީ އަދުގެ ނިޒާމަށް ނުފެތޭތީ އދ.ގެ ނިޒާމު އިސްލާޙް ކުރުމުގެ ވާހަކައަކީ މީގެ ވިއްސަކަށް އަހަރު ކުރިން ފެށިގެންވެސް ދުނިޔޭގެ ފެންވަރުގައި ދައްކަމުން ގެންދާ ވާހަކަތަކެކެވެ. ނަމަވެސް އދ.ގެ އޮނިގަނޑު އިސްލާޙް ކުރުމަށް ހުރަސްއަޅާ ގައުމުތަކުގެ ލިސްޓުގެ ކުރީގައިވަނީ އެމެރިކާއެވެ.
އދ.ގެ އޮނިގަނޑު އިސްލާޙް ކުރުމަށް ދެކޮޅުހަދާ ގައުމުތަކުގެ ތެރޭގައި އެމެރިކާގެ އިތުރުން ހިމެނެނީ ސަލާމަތީ މަޖިލީހުގައި ވީޓޯ ކުރުމުގެ ބާރު ލިބިފައިވާ އެހެން ގައުމުތަކެވެ. މީގެތެރޭގައި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާއި ރަޝިޔާއާއި ޗައިނާ ހިމެނެއެވެ.
އދ.ގެ އޮނިގަނޑު އިސްލާޙްކޮށް ސަލާމަތީ މަޖިލީހުގެ ދާއިމީ މެންބަރުކަން ޖަރުމަނާއި އިންޑިޔާއާއި ބްރަޒީލްއާއި ޖަޕާންފަދަ ދުނިޔޭގެ ބޮޑެތި އިގްތިސާދުތަކަށް ދިނުމަށް މިގައުމުތަކުން ދެކޮޅު ހަދަނީ އެގައުމުތަކުގެ ބާރާއި ނުފޫޒު އދ.ގައި ކުޑަވެގެން ހިނގައިދާނެތީއެވެ. ނަމަވެސް އދ.ގެ އޮނގަނޑު އިސްލާޙް ނުކޮށް އޮތުމުގެ ނަތީޖާއަކީ ދުނިޔޭގެ ގައުމުތައް އދ.އަށް ކޮންޓްރޯލްނުވުމާއި ދުނިޔޭގައި އަމްނާއި ސުލްޙަ ގާއިމްކުރުން ފަދަ ކަންކަމުގައި އދ. ނާކާމިޔާބުވަމުން ދިޔުމެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ވަނީ އެމެރިކާއިން އދ.އަށް ދޭ އެހީތައް 40 އިންސައްތައަށް ކުޑަކުރުމަށް ނިންމާފައެވެ. މިކަމާބެހޭ ރިޔާސީ އަމުރެއް ވައިޓް ހައުސްއިން ނެރޭނެކަން އެމެރިކާގެ މަސްއޫލުވެރިއަކުވަނީ ކަށަވަރުކޮށް ދެއްވާފައެވެ. (ނޫސްއެޖެންސީތައް)