ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން މިދިޔަ އަހަރު ގެނެސްދީފައިވާ ކާމިޔާބު ޝޯ، މޯލްޑިވިއަން އައިޑޮލްގެ ދެވަނަ ސީޒަން ރޭ ޕްރީމިއާކޮށް ޝޯތައް ފަށައިފި އެވެ.

ޕްރީމިއާ ޝޯ ކުރިއަށްދަނީ ޝްވެކް ސިނަމާގައެވެ. ޕްރިމިއާ ނައިޓް ޝަރަފުވެރިކޮށްދެއްވީ ނައިބު ރައީސް އަބްދުﷲ ޖިހާދެވެ. ކޮންމެ ހުކުރު އަދި ހޮނިހިރު ދުވަހެއްގައި ޝޯގެ އެޕިސޯޑެއް ޕީއެސްއެމް އިން ދައްކާނެ އެވެ.

ރޭ ދައްކާފައި ވަނީ އޮޑިޝަންތަކުގެ ފުރަތަމަ އެޕިސޯޑެވެ. މިފަހަރު ޝޯގެ ޖަޖުންގެ ތެރޭގައި ހިމެނެނީ ކުރީ ސީޒަންގައި ވެސް ޖަޖުކަން ކޮށްފައިވާ ކުޑައިއްބެ އާއި އުނޫޝާގެ އިތުރުން އައްފާން އެވެ.

ރާއްޖޭގެ ފަސް ސަރަހައްދެއްގައި އޮޑިޝަންތައް ވަނީ ބާއްވާފައެވެ. އެއީ އައްޑޫ ސިޓީ، ލ. ގަން، ބ. އޭދަފުށި، މާލެ ސިޓީ އަދި ހދ. ކުޅުދުއްފުށީގައެވެ. އެ ފަސް އޮޑިޝަނުން ޖުމްލަ 43 ބައިވެރިޔަކު ވަނީ ޝޯގެ ފުރަތަމަ ރައުންޑް ކަމަށްވާ ތިއޭޓާ ރައުންޑަށް ގޮސްފައެވެ.

ފުރަތަމަ ތިއޭޓާ ރައުންޑުން އެ 43 ބައިވެރިންގެ ތެރެއިން 19 ބައިވެރިއަކު މުބާރާތާ ވަކިވެގެންދާނެއެވެ. ތިއޭޓާ ރައުންޑުގެ ދެ ވަނަ ބައިގައި 24 ކުދިން ވާދަކޮށް އަށް ކުއްޖަކު މުބާރާތާ ވަކިވެގެން ދާނެ އެވެ.

މޯލްޑިވިއަން އައިޑޮލްގެ ޓައިޓްލް ސްޕޮންސަރަކީ މިފަހަރު ވެސް ދިރާގެވެ. މެއިން ސްޕޮންސަރުންނަކީ އެލައިޑް އިންޝުއަރެންސް އާއި ލޮޓަސް އަދި އެސްޓީއޯ އާއި މޯލްޑިވިއަން އެވެ. އޮފިޝަލް ބޭންކިން ޕާޓުނަރަކީ ބީއެމްއެލް އެވެ.