އިންޑިޔާއާއި ޕާކިސްތާނުގެ ގުޅުންތައް ރަނގަޅު ކުރުމަށް ޓަކައި ދެޤައުމުގެ ޚާރިޖިއްޔާގެ މެދުފަންތީގެ މަސްއޫލުވެރިން ސުލްޙައިގެ ވާހަކަތަކެއް ބާއްވައިފިއެވެ.

ޕާކިސްތާނުގެ ވެރިރަށް އިސްލާމް އާބާދުގައި މިދިޔަ ބުރާސްފަތި ދުވަހު ފެށުނު މިވާހަކަތަކުގައި ބައިވެރިވާ އިންޑިޔާގެ ވަފްދުގެ ވެރިއަކީ އިންޑިޔާގެ ޚާރިޖިއްޔާގެ ވަކީލާ ނިރުމާ ރާއޮ އެވެ. ޕާކިސްތާނުގެ ވަފްދުގެ ވެރިއަކީ ޕާކިސްތާނުގެ ޚާރިޖިއްޔާގެ ވަކީލް ސަލްމާން ބަޝީރެވެ. ދެބުރަކަށް ކުރިޔަށްދިޔަ މި ވާހަކަތައް ނިންމާލާފައިވަނީ ހުކުރު ދުވަހުއެވެ.
އިންޑިޔާއާއި ޕާކިސްތާނުގެ ވަފްދުގެ ބޭފުޅުންގެ ބައްދަލު ކުރެއްވުމަށްފަހު ދެއްވި ބަޔާނެއްގައި އިންޑިޔާގެ ވަފްދުގެ ވެރިޔާ ނިރްމާ ރާއޮ ވިދާޅުވީ މިވާހަކަތަކުގެ ބޭނުމަކީ ދެޤައުމުގެ ރައްޔިތުންގެ ދިރިއުޅުމަށް ފަސޭހަވާނެ ގޮތްތައް ހޯދުމާއި ދެޤައުމުގެ ދެމެދުގައި ގެއްލިފައިވާ އިތުބާރު އަލުން ހޯދުން ކަމުގައެވެ.

ދެޤައުމުގެ ވާހަކަތައް ކުރިޔަށް ދިޔައީ ޓެރަރިޒަމްގެ މައްސަލައާއި ނިއުކްލިޔަރ ސަލާމަތާ ބެހޭ މައްސަލައާ އަދި ކަޝްމީރުގެ މައްސަލައާބެހޭ ގޮތުން ކަމަށާ ވާހަކަތައް ކާމިޔާބު ކަމަށް ޕާކިސްތާނުގެ ވަފްދުގެ ވެރިޔާ ސަލްމާން ބަޝީރު ވިދާޅުވިއެވެ. (އަލްޖަޒީރާ)