ވޯލްޑް ވިމެންސް ޗެމްޕިއަންޝިޕްގެ ސެންޓްރަލް ޒޯން ކޮލިފައިން ވޮލީބޯޅަ މުބާރާތް މިއަދު ރާއްޖޭގައި ފެށި ނަމަވެސް އިދިކޮޅު ޓީމްތަކަށް އިހްތިރާމްކޮށް ވާދެވިރަކަމަށްވުރެ ދިވެހިންގެ ހިތްހެޔޮކަން އިސްކުރުމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ރައީސް މުހައްމަދު ލަތީފް ގޮވާލައިފިއެވެ.

މިއަދު ހަވީރު ސޯސަލް ސެންޓަރު އެތެރޭ ކޯޓްގައި ފެށި އެ މުބާރާތުގައި ރާއްޖޭގެ އިތުރުން ދެން ވާދަކުރަނީ އީރާން އަދި ނޭޕްލްއެވެ.

މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ލަތީފު ވިދާޅުވީ ރާއްޖޭގައި އެ މުބާރާތް ބާއްވާއިރު ހުރިހާ ފަރާތްތަކަުން ވެސް ގައުމީ ޓީމް މޮޅުވާން އެދޭނެ ކަމަށާއި ހަމައެއާއެކު ދިވެހިންގެ މައްޗަށް އިތުރުކަމެއް ވެސް ލާޒިމްވާ ކަމަށެވެ.

"ހުރިހާ ސަޕޯޓަރުން އަދި ކުޅުންތެރިން ވެސް ގަބޫލުކުރަން ޖެހޭނެ ވާދަވެރިކަން އިންތިހާއަށް އޮތް ނަމަވެސް ދިވެހިންގެ ހިތްހެޔޮކަން ވާދަވެރިކަމަށްވުރެ އިސްކުރަން ޖެހޭނެކަން،" ލަތީފު ވިދާޅުވިއެވެ.

ވޯލްޑް ވިމެންސް ޗެމްޕިއަންޝިޕްގެ ސެންޓްރަލް ޒޯން ކޮލިފައިން ވޮލީބޯޅަ މުބާރާތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ: މުހައްމަދު އަފްރާހު

ލަތީފު ވިދާޅުވީ އެ މުބާރާތް ރާއްޖެގައި އެންމެ ފުރިހަމަ ގޮތެއްގައި ބޭއްވުމަށް ވަރަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަން ލިބިފައިވާ ކަމަށާއި އޭގެ ތެރޭގައި ޔޫތު މިނިސްޓްރީ އާއި ވޮލީގެ އެގްޒެކްޓިވް ކޮމެޓީގެ އިތުރުން މުބާރާތުގެ ކަންކަން އިންތިޒާމް ކުރުމަށް އެކުލަވާލި ކޮމެޓީގެ މަސަތްކަތްތައް ފާހަގަކޮށްލެވޭ ކަމަށެވެ.

މުބާރާތް ފައްޓަވައިދެއްވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން ސަރަފްވެރި މެހެމާނު ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވީ މިއީ ރާއްޖޭގައި ބާއްވާ އިންޓަނޭޝަނަލް ފުރަތަމަ މުބާރާތް ކަމަށް ވުމުން ދިވެހި ތާރީޚްގައި މިކަން ރަން އަކުރުން ފަވާލެވިގެން ދާނެ ކަމަށެވެ.

އެ މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖެ އާއި ނޭޕާލް މިއަދު ކުޅޭއިރު ދެވަނަ މެޗުގައި މާދަމާ ނޭޕާލްއާއި އީރާން ބައްދަލުކުރާނެއެވެ. އާދިއްތަ ދުވަހު ކުޅޭ މެޗުގައި ބައްދަލުކުރާނީ ރާއްޖެއާއި އީރާނެވެ. އެމުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ސޯޝަލް ސެންޓަރު އެތެރޭ ކޯޓުގައި ހަވީރު 5:00ގައެވެ.