ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން ފަށައިގެން ކުރިއަށް އެބަދެއެވެ.

މާލޭގައި ވޯޓުލުން ކުރިއަށްދަނީ ދަރުބާރުގޭގަ އެވެ. ހުޅުމާލޭގައި ވޯޓުފޮށި ބަހައްޓާފައި ހުރީ ޕީޕީއެމް ޖަގަހައިގަ އެވެ.

ޕީޕީއެމްގެ އިންތިހާބީ ކޮމިޓީގެ ނައިބު މުގައްރިރު ޝަޒައިލް ޝިޔާމް ވިދާޅުވީ، ޕްރައިމަރީއަކަށް ދާންޖެހިފައިވާ ދާއިރާތަކުގައި މިއަދު ވޯޓުލުން ކުރިއަށްދާ އިރު، މާދަމާ ދެ ރަށެއްގައި ޕްރައިމަރީ ކުރިއަށްދާނެ ކަމަށެވެ. އެއީ މ. އަތޮޅު މުލަކާއި އެ އަތޮޅު މުލި ކަމަށް އޭނާ ވިދާޅުވި އެވެ.

ދަރުބާރުގޭގައި ޕީޕީއެމް ޕްރައިމަރީ ވޯޓުލުން ކުރިއަށްދަނީ --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

އޭނާ ވިދާޅުވީ ވޯޓުލުން ކުރިއަށްދާނީ މިއަދު އިރުއޮއްސި 6:00 އާ ހަމައަށް ކަމަށެވެ.

ޕްރައިމަރީއާ ގުޅޭގޮތުން ޕީޕީއެމްގެ ސެކްރެޓަރީ ޖެނަރަލް އަބްދުﷲ ހަލީލް ވިދާޅުވެފައި ވަނީ، ރާއްޖޭގެ ހުރިހާ ކައުންސިލްތަކަކަށް ވެސް ޕީޕީއެމް ކޯލިޝަންގެ ފަރާތުން ކުރިމަތިލުމަށް ތައްޔާރުވަމުން އަންނަ އިރު، މެޖޯރިޓީ ކައުންސިލްތަކަށް ކުރިމަތިލާފައި ވަނީ ޕްރައިމަރީއެއް ބާއްވަން ނުޖެހޭ އަދަދަށް ކަމަށާއި 273 ދާއިރާގެ ތެރެއިން ޕްރައިމަރީ ބާއްވަނީ 64 ދާއިރާގައި ކަމަށެވެ.

ކައުންސިލް އިންތިހާބަށް ޕީޕީއެމްގެ ފަރާތުން ނިކުންނަނީ ކޯލިސަންގެ ފަރާތުންކަން ފާހަގަކޮށް ހަލީލް ވިދާޅުވެފައި ވަނީ، ކޯލިސަންގައި ހިމެނޭ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އާއި ދިވެހި ރައްޔިތުންގެ ޕާޓީ(ޑީއާރުޕީ) އަށް 50 އަށް ވުރެން ގިނަ ގޮޑި ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ދަރުބާރުގޭގައި ޕީޕީއެމް ޕްރައިމަރީ ވޯޓުލުން ކުރިއަށްދަނީ --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

"ސީދާ އަދަދު މިވަގުތު ދަންނަވާލަން ނޭނގުނު ނަމަވެސް ފަންސާސްއާ ގާތް ކުރާ އަދަދަކަށް ނުވަތަ އެއައްވުރެން ވެސް ކުޑަ ތަންކޮޅެއް މައްޗަށް ޖެހުމަކީ އެކަށީގެންވާ ކަމަށް. މިސާލަކަށް ދަންނަވާ ކަމުގައި ވަނީ ނަމަ ދ. އަތޮޅާއި ނ. އަތޮޅުގެ މެޖޯރިޓީ މި ދޫކޮށްލަނީ އެމްޑީއޭއަށް،" ހަލީލް ވިދާޅުވެފައިވެ އެވެ.