27 Jan 2017, 15:10
ވޯސޯ (ޖަނަވަރީ 27): އިންސާނީ ހައްގުތަކަށް އަރައި ގަތުމާއި އަނިޔާވެރި އަމަލުތައް ހިންގުންފަދަ ކަންކަމުގައި ޕޮލެންޑުން ދެން އެމެރިކާއަށް އެއްވެސް ވަރަކަށް އެހީތެރި ނުވާނެކަމަށް އެގައުމުގެ ބޮޑުވަޒީރާ ބިއެޓާ ޒިޑްލޯ ވިދާޅުވެއްޖެއެވެ.
ޒިޑްލޯ މިހެން ވިދާޅުވީ ޓެރަރިޒަމްގެ ބަހަނާގައި އެމެރިކާއިން ހައްޔަރުކުރާ މީހުންގެ ކިބައިން ގަދަބާރުން އިޢްތިރާފްތައް ހޯދުމަށްޓަކައި އެމެރިކާގެ ކުރީގެ ހަރުކަށި ރައީސް ޖޯޖް ޑަބްލިޔު ބުޝްގެ ދުވަސްވަރު ސީއައިއޭ އިން ކުރިޔަށްގެންދިޔަ ލާއިންސާނީ އަމަލުތައް އަލުން ފައްޓަވަން ގަސްދު ކުރައްވާކަން އެމެރިކާގެ އައު ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމާގުޅިގެންނެވެ.
ޓެރަރިޒަމްގެ ބަހަނާގައި އަފްޣާނިސްތާނު ފަދަ ގައުމުތަކުން އެމެރިކާ ސިފައިން ހައްޔަރުކުރި މީހުނާ ދެކޮޅަށް ބުޝްގެ ވެރިކަމުގައި ސީއައިއޭ އިން ހިންގި ލާއިންސާނީ އަނިޔާވެރި އަމަލުތަކުގެ ތެރޭގައި އެމީހުން ފެނުގެ އަޑީގައި ގަންބައި ހިފަހައްޓައިގެން ހާސްކުރުމާއި ނާޒުކު ގުނަވަންތަކަށް ކަރަންޓް ޝޮކް ދިނުމާއި އެކޮޅު ކޮޅުން އެލުވުމާއި ހަށިގަނޑުގައި ވޭންއަޅާގޮތަށް ތަންތަނުގައި ގިނައިރު އިނުމަށް މަޖްބޫރުކުރުންފަދަ ބޮޑެތި އަނިޔާތައް ހިމެނެއެވެ.
ބުޝްގެ ދުވަސްވަރު ޓެރަރިޒަމްގެ ތުހުމަތުގައި އެމެރިކާ ހައްޔަރުކުރި މުސްލިމުންނަށް ސީއައިއޭ އިން މިފަދަ އަނިޔާތައް ދީފައިވަނީ ކިޔުބާގެ ގުއަންޓެނާމޯ ބޭ ގައި އެމެރިކާ ހިންގި އަނިޔާވެރިކަމަށް މަޝްހޫރު ޖަލުގައާއި އަފްޣާނިސްތާނުގައި އެމެރިކާ ހިންގި ބައެއް ޖަލުތަކުގައާއި ޔޫރަޕްގެ އެކި ގައުމުތަކުގެ ސަރުކާރު ތަކުގެ އެއްބާރުލުން ލިބިގެން އެގައުމުތަކުގައި އެމެރިކާ ހިންގި ސިއްރު ޖަލުތަކުގައެވެ.
ޔޫރަޕްގައި އެމެރިކާ ހިންގި ސިއްރު ޖަލުތަކުގެ ތެރެއިން އެއްޖަލު ހިންގާފައިވަނީ ޕޮލެންޑްގެ އޭރުގެ ސަރުކާރުގެ ހުއްދަލިބިގެން ޕޮލެންޑްގެ އެކަހެރި ހިސާބެއްގައެވެ. އެހެން ސިއްރު ޖަލުތައް އެމެރިކާއިން ހިންގި ޔޫރަޕްގެ ގައުމުތަކުގެ ތެރޭގައި ރުމޭނިޔާއާއި ޗެކްރިޕަބްލިކް އާއި ބޯލްޓިކްގެ ބައެއް ގައުމުތައްވެސް ހިމެނޭކަމަށް އެދުވަސްވަރުގެ ރިޕޯޓްތައް ބުނެއެވެ.
އެމެރިކާގެ މިއަނިޔާވެރި އަމަލުތަކަށް އެހީތެރިވިކަމަށް އިއްތިރާފްވުމަށް އެ ގައުމުތަކުގެ ސަރުކާރުން އެދުވަސްވަރު ވަނީ ފަސްޖެހިފައެވެ. ނަމަވެސް އޮބާމާގެ ވެރިކަމުގައި މީގެ ދެއަހަރު ކުރިން އޭރުގެ ޕޮލެންޑްގެ ރައީސް އެލެގްޒެންޑަރ ކުވާސްނިޔޮސްކީ ވަނީ ބުޝްގެ ވެރިކަމުގައި އެމެރިކާ ޔޫރަޕްގައި ހިންގި ސިއްރު ޖަލުތަކުގެ ތެރެއިން އެއްޖަލު އޭނާގެ ގައުމުގައި ހިންގި ކަމަށް އިޢްތިރާފްވެ ވަޑައިގެން އެކަމާ ހިތާމަކުރައްވާ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ. މިޖަރީމާތަކުގެ މައްސަލާގައި ރުމޭނިޔާ އާއި ބޯލްޓިކްގެ ގައުމުތަކުން ކުރިންވެސް އަދި ފަހުންވެސް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
ބުޝްގެ ވެރިކަމުގައި ސީއައިއޭން ހިންގި މިލާއިންސާނީ އަނިޔާތަކުގެ ޝިކާރައަކަށްވި މުސްލިމް ބައެއް ގައިދީން އެކަމުގެ ސަބަބުން ޖިސްމާނީގޮތުން ނުކުޅެދޭ މީހުންނަށް ބަދަލުވެފައި ވުމުގެ އިތުރުން އެފަދަ ބައެއްމީހުންނަށް ފަހުން ބޮޑެތި ބަލިތައް ޖެހިފައިވެއެވެ. މިޖަރީމާތައް ބުޝްގެ ދުވަސްވަރު އެމެރިކާ ހިންގާފައިވަނީ އެއްވެސް ޝަރީއަތަކާ ނުލައެވެ. އަދި ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކުގެ މިންގަނޑުތަކާ މުޅިން ޚިލާފަށެވެ.

ބުޝްގެ ދުވަސްވަރު އެމެރިކާ ހިންގި ސިއްރު ޖަލެއްގައި ގައިދީންނަށް އަނިޔާކުރަނީ
އޮބާމާގެ ވެރިކަމުގައި މިއަނިޔާތައް ހުއްޓުވައި ޔޫރަޕްގައި އެމެރިކާ ހިންގި ސިއްރު ޖަލުތައްވަނީ ބަންދުކޮށްފައެވެ. ނަމަވެސް މިއަނިޔާވެރި އަމަލުތަކުގެ ފަހަތުގައިވާ އެމެރިކާގެ މަސްއޫލުވެރިންވަނީ އަދާލަތުން ފިއްލެވުމުގައި ކާމިޔާބު ހޯއްދަވާފައެވެ.
މީގެއިތުރުން ބުޝްގެ ދުވަސްވަރު އެމެރިކާއިންވަނީ އިރާގުގެ އަބޫޣުރައިބު ޖަލުގައިވެސް އިރާގުގެ އަސީރުންނާ ދެކޮޅަށް ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ނާޒީ ޖަރުމަނުންނާއި އިންޕީރިއަލިސްޓް ޖަޕާނުން ހިންގި ފަދަ ބޮޑެތި އަނިޔާތަކެއް ހިންގާފައެވެ.
އެމެރިކާގެ އައު ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ބުޝްގެ ދުވަސްވަރު އެމެރިކާއިން މުސްލިމް ގައިދީންނާ ދެކޮޅަށް ހިންގި ފަދަ އަނިޔާވެރި އަމަލުތައް އަލުން އަނެއްކާވެސް ފަށަން ގަސްދުކުރައްވާކަން ދާދިފަހުން ހާމަކުރައްވާފައެވެ. މިއީ އެމެރިކާގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުރަން ޖެހޭ ކަމެއްކަމަށްވެސް ޓްރަމްޕް ވަނީ ސިފަކުރައްވާފައެވެ.
ޓްރަމްޕްގެ ވާހަކައަށް އިޝާރާތް ކުރައްވައި ޕޮލެންޑްގެ ބޮޑުވަޒީރާ ބިއެޓާ ޝިޑްލޫ ވިދާޅުވީ އެމެރިކާއިން މުސްލިމް އަސީރުންނާ ދެކޮޅަށް ހިންގިފަދަ ލާއިންސާނީ އަނިޔާތައް ޕޮލެންޑްގެ ބިމުގައި ހިންގުމަކީ އެގައުމުގެ ގާނޫނު އަސާސީ ހުއްދަދޭ ކަމެއްނޫންކަމުގައެވެ. އެމެރިކާއިން މިފަދަ ކަމެއްގައި އެހީތެރިކަމަށް އެދުނު ނަމަވެސް ޕޮލެންޑްގެ ސަރުކާރުން އެކަމާ ކަނޑައެޅި ދެކޮޅު ހަދާނެ ކަމަށާ އެފުރްސަތު އެމެރިކާއަށް ނުދޭނެކަމަށް އެގައުމުގެ ބޮޑުވަޒީރާ ބިއެޓާ ޝިޑްލޫ ވިދާޅުވިއެވެ. (އެޖެންސީ ފްރާންސް ޕްރެސް)