ވޮޝިންގޓަން : އަފްޣާނިސްތާނުން އެމެރިކާ ސިފައިން ބޭލުމަށް ރައީސް ބަރަކް އޮބާމާ އިޢްލާން ކުރެއްވި ޕްލޭނަށް އެމެރިކާގެ ބައެއް ޢަސްކަރީ ކޮނާމްޑަރުންނާއި ތަޖްރިބާކާރުން ފާޑު ވިދާޅުވެއްޖެއެވެ.

އަފްޣާނިސްތާނުގައި ހުންނަވާ އެމެރިކާގެ ކޮމާންޑަރު، ޖެނެރަލް ޑޭވިޑް ޕެޓްރިޔޮސް ވިދާޅުވީ 2012 ވަނަ އަހަރުގެ ސެޕްޓެމްބަރގެ ކުރިން އެމެރިކާގެ 33 ހާސް ސިފައިން އަފްޣާނިސްތާނުން ބޭލުމަކީ އެމެރިކާ ސަރުކާރަށް އޭނާ ރިކޮމެންޑް ކުރެއްވި ވަރަށްވުރެ މާ ބޮޑު މިންވަރެއް ކަމުގައެވެ. ނަމަވެސް މިކަމާގުޅިގެން ޕެޓްރިޔަސް މަޤާމުން އިސްތިޢުފާދެއްވާނެ ކަމަށް މީޑިޔާގައި ފެތުރުނު ވާހަކަތަކެއް އޭނާ ދޮގުކުރެއްވިއެވެ.

އޮބާމާގެ ޕްލޭނާ އެއްގޮތަށް އެމެރިކާ ސިފައިން ބާލައިފިނަމަ އަފްޣާނިސްތާނުގެ ސަލާމަތީ ކަންތައްތައް މިހާރަށްވުރެ ގޯސްވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށް އެެމެރިކާގެ އެހެން ޢަސްކަރީ ތަޖްރިބާކާރުން ވެސް ވިދާޅުވެފައިވެއެވެ.

މަޤާމުން އިސްތިއުފާ ދެއްވަން ތައްޔާރު ވެވަޑައިގަންނަވާ އެެމެރިކާގެ ދިފާޢީ ވަޒީރު ރޮބަޓްގޭޓްސްވަނީ އޮބާމާގެ ޕްލޭންގެ ސަބަބުން އަފްޣާނިސްތާނުގެ ސަލާމަތީ ކަންތައްތައް ގޯސްވެދާނެ ކަމުގެ ނުސީދާ އިޝާރާތެއް ދެއްވާފައެވެ.

އޮބާމާ އިއްޔެ ވަނީ މިއަހަރުގެ ޖުލައިމަހު އެމެރިކާ ސިފައިން އަފްޣާނިސްތާނުން ބާލަންފަށާނެކަމާއި އަންނަ އަހަރުގެ ސެޕްޓެމްބަރ ގެ ކުރިން އެެމެރިކާގެ 33 ހާސް ސިފައިން އަފްޣާނިސްތާނުން ބާލާނެކަން އިޢްލާން ކުރައްވާފައެވެ.
ޢިރާޤާއި އަފްޣާނިސްތާނުން ފޭބުމަށް އޮބާމާ ނިންމަވާފައިވަނީ އެމެރިކާއާ ދެކޮޅަށް އެދެޤައުމުގައި ހަނގުރާމަ ކުރަމުން ގެންދާ ހަނގުރާމަވެރިން ބަލިކޮށްލުމުގައި ނާކާމިޔާބު ވުމުންނާއި އެދެހަނގުރާމައިގެ ޚަރަދުތަކުގެ ސަބަބުން އެމެރިކާގެ އިޤްތިސާދު ހީނަރުވެ ސްޓްރެޓީޖިކް ގޮތުން ބަލިކަށިވަމުންދާ ދިޔުން ހުއްޓުވުމުގެ މަޤްސަދްގައި ކަމަށް މުޙައްލިލުން ވިދާޅުވެއެވެ.

އެެމެރިކާގައި މިހާރު އެއްލައްކައަށްވުރެ ގިނަ އެމެރިކާ ސިފައިން ހަނގުރާމަ ކުރަމުން ގެންދެއެވެ. ނަމަވެސް އަފްޣާން ހަނގުރާމައަށް 10 އަހަރު ވީއިރުވެސް ތާލިބާނުން ބަލިކުރުމުގައި އެމެރިކާ ވަނީ ނާކާމިޔާބުވެފައެވެ. އަދި އެންމެފަހުން އެމެރިކާ މިހާރު ވަނީ ތާލިބާނުންނާއެކު ސުލްޙައިގެ ވާހަކަތައްވެސް ދައްކަން ފަށާފައެވެ. (އަލްޖަޒީރާ)