27 Jan 2017, 13:51
މީހަކާ ހަވާލު ކޮށްފައިވާ ވަޒީފާއެއްގެ ބޭނުން ނަހަމަ ގޮތުގައި ހިފުމަކީ ވަޒީފާއަށް ޚިޔާނާތްތެރިވުން ކަމަށާއި އެއީ މާތް ﷲ ހަރާމް ކުރައްވާފައިވާ ކަމެއް ކަމަށް މިއަދުގެ ޚުތުބާގައި ބުނެފި އެވެ.
މިއަދު ރާއްޖޭގެ ހުރިހާ މިސްކިތެއްގައި އިއްވި ހުކުރު ޚުތުބާގައި ނަސޭހަތްތެރިވެފައި ވަނީ އަމާނާތްތެރިވުމުގެ މައްޗަށެވެ. އަދި އަމާނާތްތައް އެކި ގޮތްގޮތަށް ސިފަކޮށްދީ އޭގެ އިދިކޮޅު ސިފަތައް ޚުތުބާގައި ވަނީ ކިޔައިދީފަ އެވެ.
މިއަދު ޚުތުބާގައި ބުނީ، އަމާނާތަކީ ހަމަ އެކަނި މީހަކަށް ރައްކާކުރަންދޭ މުދަލެއް ނޫން ކަމަށާއި އެއީ އަމާނާތްތެރިކަމުގެ އެއް ގޮތް ކަމަށެވެ. ޚުތުބާގައި ބުނީ އަމާނާތް އެކި ގޮތްގޮތަށް މާނަ ކުރެވިދާނެ ކަމަށެވެ. އެގޮތުން ބައެއް ހާލަތްތަކުގައި ސިއްރެއް ސިއްރު ކުރުމަކީ ވެސް އަމާނާތެއް ކަމަށް ޚުތުބާގައި ބުނެފައިވެ އެވެ.
އޭގެ އިތުރުން މުދަލަށް އަމާނާތްތެރިވުމަކީ އެއަށް ރައްކާތެރިވުން ކަމަށާއި ތިމާއާ ހަވާލުކުރެވޭ ވާޖިބުތައް ފުރިހަމައަށް އަދާކުރުމަކީ ވެސް އަމާނާތްތެރިވުމުގެ ތެރޭގައި ހިމެނޭ ވަރަށް މުހިންމު ކަމެއްކަން ޚުތުބާގައި ފާހަގަކޮށްފައިވެ އެވެ.
"އަމާނާތްތެރިކަމުގެ އިދިކޮޅު ސިފައަކީ ޚިޔާނާތްތެރިވުން. މިއީ މާތް ﷲ ޙަރާމް ކުރައްވާފައިވާ ކަމެއް. ހިޔާނާތްތެރިވުމަކީ މީހެއްގެ އަތުގައި ރައްކާކުރަން ބަހައްޓާފައިވާ މުދަލަކަށް ނުވަތަ ފައިސާއަކަށް ހިޔާނާތްތެރިވުން އެކަންޏެއް ނޫން. މީހަކާ ހަވާލުކުރެވޭ ވަޒީފާއެއްގެ ނުވަތަ މަގާމެއްގެ ބޭނުން ނަހަމަ ގޮތުގައި ހިފުމަކީ ވެސް ޚިޔާނާތްތެރިވުން،" ޚުތުބާގައި ބުންޏެވެ.
އޭގެ އިތުރުން ސިއްރު ހިފެހެއްޓުމަކީ ވެސް އަމާނާތެއް ކަމަށް ވިދާޅުވެ ޚުތުބާގައި ވަނީ ސިއްރު ހިފެހެއްޓުމަށް ނަސޭހަތްތެރިވެފަ އެވެ. އެގޮތުން އާއިލީ ސިއްރުތަކާއި އޮފީސްތަކުގެ ސިއްރުތަކާއި އެކުވެރިންގެ ފަރާތުން ސިއްރުގެ ގޮތުގައި ކިޔައިދީފައި ހުންނަ ވާހަކަތައް ވެސް ފާޅުކޮށް ހަދައިގެން ނުވާނެކަމަށާއި ސިއްރު ފާޅުކުރުމަކީ ޚިޔާނާތްތެރިވުން ކަމަށް ޚުތުބާގައި ބުންޏެވެ.
ޚުތުބާގައި އިތުރަށް ބުނީ، އެންމެ މަތިވެރި އަމާނާތަކީ އިސްލާންދީން ގަބޫލުކޮށް އިސްލާމްދީނުގައި ސާބިތުވެ ތިބުން ކަމަށެވެ. ހަމަ އެފަދައިން އިސްލާމްދީނަށް ދައުވަތުދީ އެދީން އެހެނިހެން ފަރާތްތަކަށް ފޯރުކޮށްދިނުމަކީ ވެސް އަމާނާތެއް ކަމަށް ޚުތުބާގައި ބުންޏެވެ.
އޭގެ އިތުރުން ﷲ އިންސާނާއަށް ދެއްވި ކޮންމެ ނިއުމަތަކީވެސް އަމާނާތެއް ކަމަށާއި އެ ނިއުމަތްތައް ހެޔޮގޮތުގައި ބޭނުން ކުރުމަށް ވެސް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފަ އެވެ.