އިނގިރޭސި ލީގް ކަޕްގެ ސެމީ ފައިނަލުގައި އެގްރިގޭޓުން ހަލް ސިޓީގެ މައްޗަށް ކުރި ހޯދައި، މެންޗެސްޓާ ޔުނައިޓެޑުން ފައިނަލުގެ ޖާގައެއް ހޯދައިފިއެވެ.

އަމިއްލަ ދަނޑުގައި ރޭ ކުޅުނު ސެމީގެ ދެވަނަ ލެގު މެޗުގައި ޔުނައިޓެޑް މައްޗަށް 2-1 ލަނޑުން ހަލް ވަނީ ކުރި ހޯދައިފައެވެ. ފައިނަލްގެ ޖާގަ ޔުނައިޓެޑުން ހޯދީ 3-2 ލަނޑުގެ އެގްރިގޭޓުން ހަލްގެ މައްޗަށް ކުރި ހޯދައިގެންނެވެ.

ސެމީގެ ދެވަނަ ލެގުގައި ޔުނައިޓެޑާއި ހަލް ބައްދަލުކުރި މެޗުގެ ތެރެއިން: އެމެޗުން ހަލް މޮޅުވި ނަމަވެސް، އެގްރިގޭޓުން ކުރި ހޯދީ ޔުނައިޓެޑް --- ފޮޓޯ/ އޭޕީ

ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ހަލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. އެގޮތުން އެޓީމުން ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ވެސް ތަނަވަސްކުރިއެވެ. ފުރަތަމަ ހާފުގައި ހަލްގެ އޫމަރް ނިއާސޭއާއި މައިކަލް ޑޯސަންއަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ.

މެޗުގެ 35 ވަނަ މިނެޓުގައި ޔުނައިޓެޑްގެ ޕެނަލްޓީ އޭރިޔާ ހެރީ މެގުއިރޭއަށް ކުރި ފައިލަކާ ގުޅިގެން ހަލްއަށް ޕެނަލްޓީއެއް ލިބިގެންދިޔައެވެ. ހަލްއަށް އެ ޕެނަލްޓީ ކާމިޔާބުކޮށްދީ، އެޓީމަށް ލީޑު ނަގައިދިނީ ޓޮމް ހަޑަލްސްޓޯންއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ލަނޑުން ހަލް ކުރީގައި އޮވެގެންނެވެ.

މެޗުގެ 66 ވަނަ މިނެޓުގައި ޔުނައިޓެޑުން ވަނީ ލަނޑެއްޖަހައި، ނަތީޖާ ހަމަހަމަކޮށްފައެވެ. ޔުނައިޓެޑަށް އެލަނޑު ކާމިޔާބުކޯށްދިނީ ފްރާންސް މިޑްފީލްޑަރު ޕައުލް ޕޮގްބާއެވެ. އޭނާ އެލަނޑު ކާމިޔާބުކުރީ ހަލްގެ ޕެނެލްޓީ އޭރިޔާ ތެރެއިން އުފެއްދި ހަމަލާއަކުންނެވެ.

ސެމީގެ ދެވަނަ ލެގުގައި ޔުނައިޓެޑާއި ހަލް ބައްދަލުކުރި މެޗުގެ ތެރެއިން: އެމެޗުން ހަލް މޮޅުވި ނަމަވެސް، އެގްރިގޭޓުން ކުރި ހޯދީ ޔުނައިޓެޑް --- ފޮޓޯ/ އޭޕީ

މެޗުގެ ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް، ހަލްއިން ވަނީ އަލުން ލީޑު ނަގައިފައެވެ. ޑޭވިޑް މޭލާ ދިން ބޯޅައަކުން ހަލްއަށް އެލަނޑު ކާމިޔާބުކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދައްކަމުންދިޔަ ނިއާސޭއެވެ. އޭނާއަށް ލިބުނު ބޯޅަ ވަނީ ފަސޭހަކަމާއެކު ޔުނައިޓެޑްގެ ގޯލަށް ފޮނުވާލައިފައެވެ.

ލީގު ކަޕްގެ ފައިނަލުގައި ޔުނައިޓެޑް ނުކުންނަން ޖެހޭނީ ލިވަޕޫލް ކަޓުވާލައި، ފައިނަލުގެ ފުރަތަމަ ޖާގަ ހޯދި ސައުތުހެމްޓަންއާ ދެކޮޅަށެވެ. އެމެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިފެށޭ މަހުގެ 26 ވަނަ ދުވަހުއެވެ.