އެމެރިކާ އަކީ މިހާރު ފުރިހަމަ ނޫން ޑިމޮކްރަސީއެއް ކަމަށް އިކޮނޮމިސްޓް އިންޓެލިޖެންސް ޔުނިޓް (އީއައިޔޫ) އިން ބުނެފި އެވެ.

ދުނިޔޭގެ ގައުމުތަކުގައި އޮންނަނީ ފުރިހަމަ ޑިމޮކްރަސީއެއްތޯ، ފުރިހަމަ ނޫން ޑިމޮކްރަސީއެއްތޯ، ނިޒާމުތައް މަސްހުނިވެފައިވާ ވެރިކަމުގެ ނިޒާމެއްތޯ ނުވަތަ ޚުދުމުހުތާރު ވެރިކަމެއްތޯ އީއައިޔޫން ކޮންމެ އަހަރަކު ކަނޑައަޅަނީ އެގައުމެއްގެ ޑިމޮކްރަސީ އިންޑެކްސްއަށް ބަލާފަ އެވެ. އެކި ގައުމުތަކުގެ ޑިމޮކްރަސީ އިންޑެކްސް ކަނޑައެޅުމަށް އީއައިޔޫން ބަލާ މިންގަނޑުތަކުގެ ތެރޭގައި ގައުމުގެ އިންތިޚާބީ މަރުހަލާތަކާއި، ގައުމުގައި އެއް ސަރުކާރަށް ވުރެ ގިނަ ސަރުކާރު އޮތްތޯ އާއި، ސަރުކާރު ހިންގާ ގޮތާއި، ސިޔާސީ ބައިވެރިވުން އޮތް މިންވަރާއި، ސިޔާސީ ސަގާފަތް ހިމެނެ އެވެ.

އީއައިޔޫން ބުދަ ދުވަހު ނެރުނު ރިޕޯޓެއްގައިވާ ގޮތުން އެމެރިކާގެ ޑިމޮކްރަސީ އިންޑެކްސް ވަނީ 2015ގައި 8.05ގައި އޮތުމަށް ފަހު، މިދިޔަ އަހަރު 7.98 އަށް ވެއްޓިފަ އެވެ. އެގައުމަކީ ފުރިހަމަ ޑިމޮކްރަސީއެއް ކަމަށް ބެލެވޭނީ ޑިމޮކްރަސީ އިންޑެކްސް 8.00ށް އެރުމުންނެވެ.

އީއައިޔޫން ބުނާ ގޮތުގައި ފުރިހަމަ ނޫން ޑިމޮކްރަސީއެއް އޮންނަ ގައުމުތަކުގައި މިނިވަން އިންތިޚާބުތައް ބޭއްވި ނަމަވެސް ގައުމުގެ ވެރިކަމުގެ ބާރު ދަށްވުމުގެ އިތުރުން އެގައުމެއްގައި އޮންނާނީ ތަރައްގީވެފައި ނުވާ ސިޔާސީ ސާގަފަތެކެވެ. އަދި އެފަދަ ގައުމުތަކުގައި ސިޔާސީ ބައިވެރިވުން ކުޑަ ވާނެ ކަމަށް ވެސް އީއައިޔޫގެ ރިޕޯޓުގައިވެ އެވެ. އެމެރިކާގެ އިތުރުން ފުރިހަމަ ނޫން ޑިމޮކްރަސީއެއް އޮތް ގައުމުތަކުގައި ގޮތުގައި ފާހަގަކޮށްފައިވާ ގައުމުތަކުގެ ތެރޭގައި ޖަޕާން، ފްރާންސް، ސިންގަޕޫރު، ދެކުނު ކޮރެއާ އަދި އިންޑިއާ ހިމެނެ އެވެ.

ނަމަވެސް އީއައިޔޫގެ ލިސްޓުން އެމެރިކާ ފަހަތަށް ޖެހުމަކީ ޑޮނަލްޑް ޓްރަމްޕް ރައީސް ކަމަށް އިންތިޚާބުވުމުގެ ސަބަބުން ވީގޮތެއް ނޫން ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އަދި ސަރުކާރަށާއި، އިންތިހާބުކޮށްފައިވާ އޮފިޝަލުންނަށާއި، ސިޔާސީ ޕާޓީތަކަށް މީހުން ކުރާ އިތުބާރު ކުޑަވަމުން ދިޔުމުގެ ސަބަބުން އެމެރިކާގެ ޑިމޮކްރަސީގެ ހާލަތު ދަށް ވަމުން އަންނަތާ އަހަރުތަކެއް ވެއްޖެ ކަމަށް ރިޕޯޓުގައިވެ އެވެ.

އެމެރިކާގެ އިތުރުން ތަރައްގީވެފައިވާ އެހެން ގައުމުތަކުގައިވެސް ސަރުކާރަށް އޮންނަ އިތުބާރު ކުޑަވަމުން ދިޔުމުގެ ސަބަބުން ޒަމާނީ ޑިމޮކްރަސީ އޮތީ ނުރައްކާތެރި ހާލަތެއްގައި ކަމަށް އީއައިޔޫން ބުނެ އެވެ. އޭގެ މައިގަނޑު ސަބަބުތަކަކީ ސަރުކާރަށް އިންތިޚާބުކޮށްފައި ނުވާ ޓެކްނޯކްރެޓުންގެ ނުފޫޒު ގަދަވުމާއި، ވޯޓުލާ މީހުންގެ އަދަދު މަދު ވުމާއި، ފަރުދީ މިނިވަންކަމަށް ހުރަސް އެޅުން ކަމަށް އީއައިޔޫން ބުންޏެވެ. އަދި ޑިމޮކްރަސީ އިންޑެކްސްގައި ހިމަނާފައިވާ 167 ގައުމުގެ ތެރެއިން ދެ ބައި ކުޅަ އެއްބައި ގައުމުތަކުގައި ވަނީ 2006 އިން 2016 އަށް ޑިމޮކްރަސީ އިންޑެކްސް ދަށްވެފައިވާ ކަމަށް އީއައިޔޫން ފާހަގަ ކުރި އެވެ.

އީއައިޔޫގެ ފުރިހަމަ ޑިމޮކްރަސީއެއް އޮތް ގައުމުތަކުގެ ލިސްޓުން ނޯވޭ އެންމެ ކުރީގައި އޮތް އިރު، ލިސްޓުގައި ދެން ހިމެނޭ ގައުމުތަކުގެ ތެރޭގައި އައިސްލޭންޑު، ސްވިޑެން، ނިއުޒީލޭންޑް، ޑެންމާކް، ކެނެޑާ އަދި އަޔަލޭންޑް ހިމެނެ އެވެ. އީޔޫއިން ވަކިވުމުގެ ސަބަބުން ހިޔާލު ތަފާތުވުންތައް އިތުރުވެފައިވާ އިނގިރޭސިވިލާތަށް ފުރިހަމަ ޑިމޮކްރަސީތަކުގެ ލިސްޓުން ލިބުނި 16 ވަނަ އެވެ.

އަދި ހަތަރެކާއި 5.9 އާ ދެމެދުގެ ޑިމޮކްރަސީ އިންޑެކްސްއަކާ އެކު ވެރިކަމުގެ ނިޒާމުތައް މަސްހުނިވެފައި އޮތް ގައުމުތަކުގެ ތެރޭގައި ތުރުކީ، ތައިލޭންޑް، މިޔަންމާ އަދި މޮރޮކޯ ހިމެނެ އެވެ. އެގައުމުތަކަކީ އިންތިޚާބުތަކުގައި މައްސަލަތައް އުޅޭ ގައުމުތައް ކަމަށް އީއައިޔޫގެ ރިޕޯޓުގައިވެ އެވެ.

މީގެ އިތުރުން އުތުރު ކޮރެއާ، ސީރިއާ، ޗެޑް އަދި ސެންޓްރަލް އެފްރިކަން ރިޕަބްލިކުގައި އޮތީ ހުދުމުހުތާރު ވެރިކަމެއް ކަމަށް އީއައިޔޫގެ ރިޕޯޓުގައިވެ އެވެ. (ސީއެންބީސީ)