އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ވެރިކަމުގައި، މުސްލިމެއްގެ ގޮތުގައި ރަޖިސްޓްރީވާން ތައްޔާރަށް ހުންނެވިކަމަށް އެމެރިކާގެ ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް މެޑެލިން އޯލްބްރައިޓް ވިދާޅުވެއްޖެއެވެ.

އެކަމަނާ އެހެން ވިދާޅުވީ، އެމެރިކާގެ ރައީސަށް ލިބިފައިވާ އިހުތިޔާރުތަކުގެ ދަށުން، މެދުއިރުމައްޗާއި އުތުރު އެފްރިކާގެ ހަތް ގައުމެއްގެ މުސްލިމުންނަށް ވިސާ ދޫކުރުން ހުއްޓާލުމަށް މިހަފްތާ ތެރޭގައި ޓްރަމްޕް އަމުރު ކުރައްވާނެ ކަމަށް އަޑުފެތުރިފައި ވަނިކޮށެވެ.

ޗެކްރިޕަބްލިކަށް އުފަން އޯލްބްރައިޓް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އޭނާއަކީ ނަޞާރާދީނުގެ މީހެއް ކަމަށާއި އެހެން ނަމަވެސް އޭނާގެ އާއިލާއަކީ ޔަހޫދީ އާއިލާއެއް ކަމަށެވެ. އަދި އެމެރިކާއަށް ހިޖްރަކުރާ މުސްލިމުންނާ ދޭތެރޭގައި ޓްރަމްޕު ގެންގުޅުއްވާ ސިޔާސަތުތަކާ ދެކޮޅުހެއްދެވުމުގެ ގޮތުން މުސްލިމުންގެ ދަފްތަރުގައި ޖެހެން ތައްޔާރަށް ހުންނެވިކަމަށެވެ.

ޑޮނަލްޑް ޓްރަމްޕު ގެންދަވަނީ، އެމެރިކާއަށް ހިޖުރަކުރާ މުސްލިމުން، ހަތަރު މަސްދުވަހުގެ މުއްދަތަކަށް އެގައުމަށް އެތެރެވުން ހުއްޓުވުމަށް ތައްޔާރުވަމުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޓެރަރިޒަމާ ދެކޮޅަށް ހަރުކަށި ކެމްޕޭނެއް ޓްރަމްޕު ފައްޓަވާފައި ވާއިރު، އޭނާ ވަނީ، އެގައުގައި ދިރިއުޅޭ މުސްލިމުންގެ ދަފުތަރެއް އެކުލަވާލައި ހުރިހާ މުސްލިމުން އެ ދަފުތަރުގައި ރެޖިސްޓަރީވުމަށް ހުށަހަޅުއްވައިފައެވެ.

އެމެރިކާއަށް ދާ މީހުން އިތުރަށް ސްކްރީން ކުރާނެ ގޮތެއް އެގައުމުގެ ސްޓޭޓް އެންޑް ހޯމްލޭންޑް ސެކިއުރިޓީން އިއުލާން ކުރަންދެން އެމެރިކާއަށް ހިޖުރަ ކުރުން ހުއްޓުވާނެ ގައުމުތަކުގެ ތެރޭގައި އިރާގް، ސީރިއާ، ލީބިއާ، ޔަމަނު، އީރާން، ސޫދާން އަދި ސޯމާލިއާ ހިމެނެއެވެ.

މެޑެލިން އޯލްބްރައިޓް އުފަންވީ، 1937ގައި ޗެކްރިޕަބްލިކްގެ ވެރިރަށް ޕްރާގަށެވެ. އަދި ނާޒީންގެ އަނިޔާވެރިކަމުގެ ދުވަސްވަރު، އެމެރިކާއަށް އޭނާ ހިޖްރަކުރެއްވިއެވެ. ޔޫއެސް ސެކްރެޓަރީ އޮފް ސްޓޭޓްގެ މަގާމު އަދާކުރެއްވި ފުރަތަމަ އަންހެން ބޭފުޅާގެ ލަގަބާއެކު އޭނާއަށް އެ މަގާމު ދެއްވީ، 1996 ވަނަ އަހަރު އޭރުގެ ރައީސް ބިލް ކްލިންޓަނެވެ.

މިދިޔަ އަހަރު އެމެރިކާގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ހިލަރީ ކްލިންޓަނަށް ތާއީދުކުރެއްވި، އޯލްބްރައިޓް، ހިޖްރަކުރާ މީހުންނާ އެކުގައިވާކަން ހާމަކުރައްވަމުން ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، އެމެރިކާ އަބަދުވެސް އޮންނާން ޖެހޭނީ ހުރިހާ ނަސްލަކާއި ހުރިހާ ދީންތަކަށްވެސް ހުޅުވާލެވިފައިކަމަށެވެ.

މެޑެލިން އޯލްބްރައިޓްގެ އިތުރުން، މުސްލިމުންނާ އެކުގައިވާކަން ހާމަކުރުމުގެ ގޮތުން، މަޝްހޫރު ޑްރާމާ ސީރީޒް "ބިގް ބޭންގ ތިއަރީ"ގެ އެކްޓްރެސް މަޔިމް ބިއަލިކްވެސް ވަނީ، އެފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ މުސްލިމެއްގެ ގޮތުގައި ރެޖިސްޓަރީވުމަށް ތައްޔާރަށް ހުރިކަމަށް ބުނެފައެވެ. އެނޫނަށް އެތައް ބަޔަކު ދަނީ އެމެރިކާގެ މުސްލިމް މުޖްތަމައާއެކުގައި ވާކަން އެކި ގޮތްގޮތުން ހާމަކުރަމުންނެވެ.